އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަގާމަށް މުހައްމަދު ޝަކީލަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އީސީން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން، ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ދަފްތަރު ނަންބަރު ރސ. 13449، މުހައްމަދު ޝަކީލަށް މަޖިލީހުގެ ރުހުން ހޯއްދެވުމަަށް މަޖިލީހަށް ފޮނުއްވީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

މިމަހުގެ 15 ވަނަ ދުވަހު އެ މައްސަލަ މަޖިލިސް ތަޅުމަށް ގެނައުމަށްފަހު، އިތުރަށް ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިއެވެ.

އޭނާ އީސީގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރަން ފެންނަ ކަމަށް ނިންމައި ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވީ އިއްޔެއެވެ.

އިސީގެ މެންބަރުކަމުގެ މަގާމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އޭނާ އީސީގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ހަތް މެންބަރުންނެވެ.

ޝަކީލް މީގެކުރިންވެސް ވަނީ އީސީގެ މެންބަރު ކަމުގެ މަގާމު އަދާކުރައްވައިފައެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނަކުން ފެށިގެން ނުވައެއް މެއި 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާ އިރު، 2013 ސެޕްޓެމްބަރުން ފެށިގެން ތިނެއް ޑިސެމްބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، މުހައްމަދު ޒާހިދު، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އީސީއަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.

އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި އަބްދުލްހަސީބް އިސްމާއީލް އާއި ރިފްއަތު އަބްދުﷲ އެވެ.

މިވަގުތު އެކޮމިޝަނުގެ ރައީސްގެ މަގާމު އޮތީ ހުސްކޮށެވެ.