ޚަބަރު

ހައްގު ޝަރީއަތެއް ކޮށްފިއްޔާ އަޅުގަނޑުގެ ގައިގައި އަތްލެވޭނެ ޖާގައެއް ނޯންނާނެ: ޔާމީން

ހައްގު ޝަރީއަތެއް ކޮށްފިނަމަ، އެމަނިކުފާނު ގައިގައި އަތް ލެވޭނެ ޖާގަ އެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މަނީލޯންޑަރިންގެ ކުށުގައި މީގެ ދެ އަހަރު ކުރިން ކުރިމިނަލް ކޯޓުން އިއްވި ޖަލުހުކުމުން ސަލާމަތްވެވަޑައިގެން، ފުރަތަމަ ފަހަރަށް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ދެ އަހަރާއި ދެ ދުވަސް ފަހުން އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގެންނެވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ހުއްޓުމެއް ނެތި ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އަދިވެސް އޮތީ "ކޮރުކޮށް" ކަމުގައި ސިފަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޝަރުއީ ދާއިރާއަށް އެކި ފަރާތްތަކުގެ ނުފޫޒު އޮންނަ ކަމަށެވެ. އޭގެ ތެރޭގައި ދައުލަތާއި ބޮޑެތި ވިޔަފާރިވެރިން ހިމެނޭ ކަމަށާއި ގައުމު އިސްލާހުވާނީ ޝަރުއީ ދާއިރާ އިސްލާހުވެގެން ކަމަށް ވިދާޅުވިއެވެ.

"މިރޭވެސް އަޅުގަނޑު ދަންނަވާނީ ﷲގެ ރަހުމަތާއެކީ، ދައުލަތުން ވައްކަން ކޮށްގެނެއް، ދައުލަތުގެ ފައިސާގައި ޖެހިގެނެއް، ހައްގު ޝަރީއަތެއް ކޮށްފިއްޔާ އަދުލުވެރިކަމާއެކު ކަމެއް ބަލައިފިއްޔާ، ހަމަ މީގެ އަހަރުތަކެއް ކުރިން މި ޕޯޑިއަމްގައި ދެންނެވި ގޮތަށް އަޅުގަނޑުގެ ގަޔަކު އަތް ލެވޭނެ ޖާގައެއް ނޯންނާނެއޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި އެއް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް މީގެ ދެ އަހަރު ކުރިން ކުރިމިނަލް ކޯޓުން ހުކުމް ކުރީ ގއ. ވޮޑަމުއްލާ މައްސަލައިގައި ދައުލަތުން އުފުލި މަނީލޯންޑަރިންގެ ދައުވާގެ ކުށް ސާބިތުވުމުންނެވެ. އެ ހުކުމަށް ހައި ކޯޓުންވެސް ވަނީ ތާއީދު ކޮށްފައެވެ.

އެ ހުކުމުން ރައީސް ޔާމީން ސަލާމަތްވެވަޑައިގެންނެވީ ޝަރުއީ ދާއިރާގެ ފަހު މަރުހަލާ ކަމަށްވާ ސްޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށް، އެ ކޯޓުން އެ މައްސަލަ ބެލުމަށް ފަހު ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑާކުރިކަން ސާބިތު ނުވާ ކަމަށް އިއްޔެ ހުކުމް ކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެވައިގެންފައިވާއިރު، ކުރިމިނަލް ކޯޓުގައި މިހާރުވެސް އެމަނިކުފާނުގެ ދެ މައްސަލައެއް އެބަ އޮތެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާތަކެވެ.

ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކުރީ މީގެ ހަތް ދުވަސް ކުރިންނެވެ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ، ހުސްވި އޭޕްރީލް މަހުގެ ތެރޭގައެވެ.

އާރަށު މައްސަލަ ތަހުގީގުކޮށްފައިވަނީ ފުލުހުންނެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވެއެވެ.