ޚަބަރު

ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރަން ދެކޮޅު ހަދާނަން: މިނިސްޓަރު އަސްލަމް

އިބްރާހިމް ޒަކީ

ހުޅުމާލޭގައި ދިހަ ބުރިއަށް ގޭގެ އިމާރާތް ކުރުމަށް ދެކޮޅު ހައްދަވާ ކަމަށާއި އެކަށްޓަކައި ދާންޖެހޭ ކޮންމެ ހިސާބަކަށް ގޮސްގެންވެސް ދެކޮޅު ހައްދަވާނެ ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" އަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން އިސްލާހު ގެނެސް ގެޒެޓްކުރަން ފޮނުވުމުން އެ ގަވާއިދު ގެޒެޓްކޮށްފައި ނުވާ މައްސަލައިގައި އިއްޔެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމުންނެވެ.

އަސްލަމް ވިދާޅުވީ، އެ ގަވާއިދު ގެޒެޓު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވި ކަމަށާއި، ނަމަވެސް އެ މިނިސްޓްރީގެ ޕްލޭނިންއާ ބެހޭ ޓެކްނިކަލް ބޭފުޅުންނަށް އެއިން ކަންތައްތަކެއް ފާހަގަކުރެވިގެން އެ ގަވާއިދު އަނބުރާ މިނިސްޓްރީއަށް ގެންނެވީ ކަމަށެވެ. އޭގައިވާ ކަންބޮޑުވުމަކީ ހުޅުމާލޭގައި ދިހަ ބުރިއަށް ގޭގެ އިމާރާތް ކުރެވޭގޮތަށް އޮތުން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިހަ ބުރިއަށް ގެދޮރު އިމާރާތް ކުރުމަށް ހުއްދަ ދިނީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ. އޭގެ ކުރިން ހުއްދަ އޮންނަނީ ހަ ފަންގިފިލާއަށް އިމާރާތް ކުރެވޭގޮތަށެވެ. ނަަމަވެސް ބައެއް ސަރަހައްދުތަކުގައި އެއަށްވުރެ އުހަށް އިމާރާތް ކުރެވޭގޮތަށް ހަމަޖެހިފައި އޮވެއެވެ.

އަސްލަމް ވިދާޅުވީ، ޒަމާނުއްސުރެ ހުޅުމާލޭގައި މީހުން އާބާދުކުރަމުން އަންނަނީ ކަނޑައަޅާފައި އޮންނަ ވަކި ޕްލޭނެއްގެ ދަށުން ކަމަށެވެ. އެ ޕްލޭންގައި، އާބާދު ކުރާ މީހުންނަށް ކޭޓާ ކުރެވޭވަރަށް ހިދުމަތްތަކާއި އިންފްރާންސްޓްރަކްޗާ ގާއިމުކުރެވިފައިވާ އިރު، ޕްލޭނަށް ގެންނަ ބަދަލުގެ ސަބަބުން އާބާދީ އިތުރުވެއްޖެ ނަމަ އާބާދީއަށް ކޭޓާ ނުކުރެވި ބޮއްސުންލައިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކަނޑައެޅޭ ވަކި ސަރަހައްދުތަކުގައި ވަކި ގޮތަކަށް އިމާރާތްކުރުމަށް ޕްލޭން ކުރުމަކީ ދުނިޔޭގެ އެހެން ގައުމުގައިވެސް ކުރަމުން އަންނަ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ލަންޑަންގެ ބައެއް ސަރަހައްދުތަކުގައި 100 ބުރިއަށް އިމާރާތް ނުކުރެވޭ ކަމަށާއި ގިނަ ޒަމާންވެފައި ހުންނަ ގޭގެ ތަޅައިނުލެވޭ ސަރަހައްދުތައްވެސް ކަނޑައަޅާފައި ހުންނަ ކަމަށް ވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ހާއްސަކޮށް އެއާޕޯޓުތައް ކައިރީގައި ހުންނަ ސަރަހައްދުތަކުގައި އެއްވެސް އިމާރާތެއް ނުކުރެވޭ ސަރަހައްދުތައްވެސް ކަނޑައަޅާފައި ހުންނަ ކަމަށެވެ. އަދި އުސޫލެއްނެތި ހުޅުމާލޭގައި އުސް އިމާރާތްތައް ކުރަން ފަށައިފިނަމަ، އެއޕޯޓަށް ފްލައިޓު ނުޖެއްސުމާއި އެތަނުގެ ނަރުދަމާގެ ނިޒާމު ބޮއްސުންލައި މާލެއަށް ދިމާވެފައިވާ ނަޖިސް އޯފްލޯޑްވުމުގެ މައްސަލަތައް ފަދަ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.

އިއްޔެގެ ކޮމިޓީ ބައްދަލުވުމަށް މިނިސްޓަރު އަސްލަމްގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދުވެސް ހާޒިރު ކުރިއެވެ.

ސުހެއިލް ވިދާޅުވީ، ހުޅުމާލޭގެ މަގުތަކުގެ ފުޅާމިނާއި ވެހިކަލް ޕާކު ކުުރުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ހުޅުމާލެ ފޭސް އެކެއްގައި ގާއިމުކޮށްފައި ވަނީ، 80،000 މީހުންނަށް އަމާޒުކޮށްގެން ކަމަށެވެ. އެތަނުގެ އާބާދީ އިތުރުވުމުގެ ސަބަބުން މިހާރުވެސް މައްސަލަ ދިމާވަމުން އަންނަ ކަމަށާއި އެގޮތުން އުސް އިމާރާތްތަކަށް ޕްރެޝަރުގައި ފެން ނުލިބުން ފަދަ މައްސަލަތައް ދިމާވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.