ހައި މިއަދު ރިސެސް އަށް ހިނގައްޖެއެވެ.
ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ހައި ކޯޓު އޮންނާނީ ރިސެސްގައެވެ. މި މުއްދަތުގައި ކޯޓުން އެއްވެސް ޝަރީއަތެއް ކުރިއަކަށް ނުގެންދާނެއެވެ. ނަމަވެސް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި ކުރިއަށް ގެންދާނެއެވެ.
ރިސެސްގެ މުއްދަތުގައި ވެސް ކޯޓުގެ ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިދާނެއެވެ. އަދި ގާނޫނުން ވަކި މުއްދަތަކަށް ނިންމަން ޖެހޭ ކަމެއް އޮވެއްޖެ ނަމަ އެ މުއްދަތުގައި އަޑުއެހުންތައް ބޭއްވުމަށް ގާނޫނު ލާޒިމު ކުރެއެވެ. އަދި އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަން ޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސް ވެވޭ މައްސަލަތައް ވެސް ރިސެސްގެ މުއްދަތުގައި ބަލާނެއެވެ. ހުކުމް ކުރުމަށް ބާއްވާ ޝަރީއަތްތައް ވެސް ބާއްވާނެއެވެ.
މިއަދު ހައި ކޯޓުގައި ތާވަލުކޮށްފައި ވަނީ އެންމެ މައްސަލައެކެވެ. އެއީ ރަހުނު ހިމެނޭ ލޯނެއްގެ މައްސަލައެއްގެ ހުކުމް އިއްވުމެވެ.
އަހަރުގެ ބޮޑު ޝަރީއަތް ނިންމައިލުމަށްފަހު ސުޕްރީމް ކޯޓުން ވެސް އިއްޔެ ވަނީ ރިސެސްއަށް ގޮސްފައެވެ.
ސުޕްރީމް ކޯޓުން އިއްޔެ ވަނީ ދެ މައްސަލައެއްގެ ހުކުމް އިއްވައިފައެވެ. އެއް ހުކުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިން ކުށުގެ ދައުވާގެ ހުކުމެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރީ ޔާމީނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުވާ ކަމަށެވެ.
އެއަށްފަހު ހުކުމްކުރީ މަދަނީ މައްސަލައެއްގައެވެ. އެއީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ދެކޮޅަށް އެ ކުންފުނީގެ ވަޒީފާއިން ވަކިކުރި މީހަކު ހުށަހެޅި މައްސަލައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު