ހިޔާ ފްލެޓްތަކުގެ ފެން ބިލްތަކާ ގުޅޭ ގޮތުން ކަސްޓަމަރުންނަށް މައުލޫމާތު ދިނުމަށްޓަކައި 13 ވަނަ ޓަވަރުގައި އެމްޑަބްލިޔުއެސްސީ އިން މިއަދު ހެލްޕް ޑެސްކެއް ބަހައްޓައިފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ މި ހެލްޕް ޑެސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް ފެން ބިލްތަކާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމާއި ފްލެޓްތަކުގެ ފެން މީޓަރު ރަޖިސްޓާކުރުމާއި އެމްޑަބްލިޔުއެސްސީގެ ލީނިޔަންސީ ޕޮލިސީ މެދުވެރިކޮށް މަސް މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ސްކީމަށްވެސް އެދެވޭނެ ކަމަށެވެ.
މި ހެލްޕް ޑެސްކް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ފެން މީޓަރު ރަޖިސްޓާ ކުރުމުގެ ފުރުސަތު ދިނުމާއި އެ ފަރާތްތަކަށް ވީހާވެސް ގާތުން ފެން ބިލާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދިނުން ކަމުގައި އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެގޮތުން ހިޔާ ފްލެޓްގެ ފެން މީޓަރު ރަޖިސްޓްރީ ކުރުމަށް ވެރިފަރާތުގެ އައިޑީކާޑާއި ހިޔާ ފްލެޓްގެ އެގްރީމަންޓްގެ 29 ވަނަ ސަފުހާ ގެނައުމަށް އެމްޑަބްލިޔުއެސްސީން ވަނީ އެދިފައެވެ.
މަސްމަހަށް ބަހާލައިގެން ފެން ބިލަށް ފައިސާ ދެއްކުމަށް އެދޭނަމަ ހެލްޕް ޑެސްކް މެދުވެރިކޮށް އެމްޑަބްލިޔުއެސްސީގެ ލީނިއަންސީ ޕޮލިސީއަށްވެސް އެދެވޭނެއެވެ. އޭގެ އިތުރުން އެޕާޓްމަންޓްތަކުގައި ފެން ލީކެއް އުޅޭކަން ދެނެގަންނާނެ ގޮތްތަކާއި ފެން ލީކެއް އުޅޭކަން ފާހަގަ ކުރެވޭނަމަ ކަންތައް ކުރާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކުރާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މި ހެލްޕް ޑެސްކް ގާއިމުކޮށްފައިވަނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 1:00 އިން ހަވީރު 5:00 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު