ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖޫރިމަނާ ކުރި އިރު، ޑޮލަރުން ފައިސާ ދައްކަން ޖެހޭ ގޮތަށް ޖޫރިމަނާ ކުރި ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ތާއިދުކޮށްފިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ވަނީ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.
ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރީ މަނިޓަރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޔާމީންގެ ފަރާތުން ވަނީ އެކަން އިސްތިއުނާފަށް ހުށަހަޅައިފައެވެ. ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ ޑޮލަރުން ފައިސާ ދައްކަންޖެހޭ ގޮތަށް ޖޫރިމަނާ ކުރީ ރަނގަޅަށް ކަމަށެވެ.
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމުގައި ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒު ވަނީ ހައިކޯޓުގެ އެ ހުކުމަށް ތާއިދުކުރައްވައިފައެވެ.
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި 22 އިސްތިއުނާފީ ނުކުތާގެ ތެރެއިން 21 ވަނަ ނުކުތާގައި ބުނަނީ މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖޫރިމަނާކުރުމުގައި ކުރިމިނަލް ކޯޓުން ދިވެހި ރުފިޔާގެ ބަދަލުގައި އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައި އޮތުން ގާނޫނާ ހިލާފު ކަމަށެވެ. އަދި އެކަން ހައިކޯޓުގައި ފާހަގަކުރުމުން ކުރިމިނަލް ކޯޓުން އެކަމުގައި ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށް މަނިޓަރީ ގަވާއިދުގެ ފަސް ވަނަ މާއްދާއާއި މާނަކުރުމުގެ ހަމަތަކުގެ ގާނޫނާ ހިލާފަށް ކަމަށް ބުންޏެވެ.
އެ ނުކުތާގެ ރައްދުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ މަނިޓަރީ ގަވާއިދުގެ ފަސް ވަނަ މާއްދާގައި ކޯޓުތަކުން ކުރާ ޖޫރިމަނާގެ ވާހަކަ ހިމެނިފައިނުވާ ކަމަށާއި މަނީ ލޯންޑަރިންގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ޖޫރިމަނާ ކުރެވޭނެ ގޮތް ބަޔާންކުރުމުގައި "ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާ" އިން ޖޫރިމަނާ ކުރެވޭނެ ކަމުގައި ސާފުކޮށް ބުނެފައިވުމުން، މި މައްސަލައިގައި ޔާމީނު ލޯންޑުކުރި ފައިސާއަކީ އެމެރިކާ ޑޮލަރު ކަމުގައިވުމުން ކުރިމިނަލް ކޯޓުން ޖޫރިމަނާގެ ފައިސާ ކަނޑައެޅުމުގައި އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުން ގާނޫނާ ހިލާފު ކަމުގައި ނުބެލެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވިދާޅުވީ، މަނިޓަރީ ގަވާއިދުގެ ފަސް ވަނަ މާއްދާއަށް ބަލައި އިރު އެ މާއްދާގައި އޮންނަނީ، "ދިވެހިރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި މަސައްކަތުގެ އަގާއި ހިދުމަތުގެ އަގާއި ފީއާއި ކުލި ފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުންކުރުމަކީ މަނާ ކަމެކެވެ. އަގު އަދާކުރުމަށް ފައިސާގެ އިތުރަށް ބޭންކް ޓްރާސްފާއާއި ޗެކުވެސް ހިމެނޭނީ ފައިސާ ކަމުގައި" މިފަދައިން ކަމަށެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ، ޔާމީނުގެ ފަރާތުން ހަވާލާ ދީފައި ވަނީ މަނިޓަރީ ގަވާއިދުގެ ފަސް ވަނަ މާއްދާއާ ހިލާފަށް ޖޫރިމަނާ ކޮށްފައި އޮތުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނާ ހިލާފަށް ޖޫރިމަނާކޮށްފައި އޮތް އޮތުމެއްކަން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް ހައިކޯޓުގެ ނިންމުމެއް ގާނޫނުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ހިލާފުވުމަކީ، ގާނޫނުގެ ބޭނުމަށްޓަކައި އެ ނިންމުމެއް ގާނޫނާ ހިލާފުވިކަމަށް ބެލެވިދާނެ ސަބަބެއް ކަމަށާއި އަދި އެއީ ކޮންމެހެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކާ ހިލާފުވިކަން އިސްތިއުނާފީ ބެނުމަށް ފާހަގަކުރުން މުހިންމު ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މަނިޓަރީ ގަވާއިދުގެ ފަސް ވަނަ މާއްދާއަށް ބަލައި އިރު، އެ މާއްދާގައި ކޯޓުތަކުން ކުރާ ޖޫރިމަނާގެ ވާހަކަ ހިމެނިފައިނުވާ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ. މީގެ އިތުރުން މަނީ ލޯންޑަރިންގެ ގާނޫނުގެ 53 ނައްސުގައި ޖޫރިމަނާ ކުރެވޭނެ ގޮތް ބަޔާންކުރުމުގައި "ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާ" އިން ޖޫރިމަނާ ކުރެވޭނެކަން ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރު މަހާޒު ކަނޑައެޅީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. އަދި ވިދާޅުވީ ބޭރު ފައިސާއިން ޖޫރިމަނާ ކުރުމަކީ ގާނޫނުން ލިބިދޭ އިހުތިޔާރެއް ކަމަށެވެ.