ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުން ޖަމާވެފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާމެދު ސުވާލު އުފެދޭ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު އެކަން އެގޮތަށް ފާހަގަކުރެއްވީ މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ އިސްތިއުނާފީ އަޑުއެހުމުގައި ރައުޔު އިއްވަމުންނެވެ.
ރައުޔުގައި ފަނޑިޔާރު މަހާޒު ވިދާޅުވީ، ޔާމީނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ 13 ވަނަ ނުކުތާއަކީ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ކަށަވަރު ނުވާ ކަމެވެ. އަދި އެކަން އެގޮތުގައި ވަނިކޮށް އޭނާގެ އެކައުންޓަށް ޖަމާވެފައި ވަނީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައި ކުރިމިނަލް ކޯޓާއި ހައިކޯޓުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމުގައި ކަމަށެވެ.
އެ ނުކުތާއަށް ރައްދުދެމުން ދައުލަތުން ބުނެފައި ވަނީ ޔާމީނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ވޮޑަމުލާގެ އިކުއިޒިޝަން ފައިސާކަން ދައުލަތުން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ. އަދި އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކުކުރެވޭ ހާލަތުގައި ހުރި ފައިސާކަން ސާބިތުވުމުން ގާނޫނުގައި ބަޔާންކުރާ މިންވަރަށް އެކަން ސާބިތުކުރެވުނީ ކަމަށާއި އަދި އެކަމުގައި ހައިކޯޓުން ނިންމާފައިވާ ގޮތް ގާނޫނާ ހިލާފުކަމުގައި ބަލާނެ ހަމައެއް ނެތް ކަމަށް ވިދާޅުވިއެވެ.
ހައިކޯޓުން އެ ނުކުތާއާ ގުޅޭ ގޮތުން ފާހަގަކޮށްފައި ވަނީ އެ ފައިސާއަކީ ވޮޑަމުލާއާ ގުޅުންހުރި ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ. ކުށް ކޮށްގެން ހޯދި ފައިސާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު އުފެދޭ ހާލަތެއް އޮތުމުން ގާނޫނުގެ ބޭނުމަށް ފުދުނީ ކަމަށެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ، ދެ ފަރާތުން ދެއްކި ވާހަކަތަކުގެ ތަފުސީލަށް ދިއުމުގައި އެންމެ ފުރަތަމަ ބަލަން ޖެހެނީ މި މައްސަލައިގައި ދައުލަތުން ޔާމީނުގެ މައްޗަށް އުފުލި ދައުވާގައި އެ މައްސަލައިގައި ވާހަކަދެކެވޭ އެއް މިލިއަން އެމެރިކާ ޑޮލަރާ ގުޅޭ ވާގިއާ ގެނެސްފައި ވަނީ ކިހިނަކުންކަމާއި އެއަށްފަހު އެ ވާގިއާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާއި އެ ހެކިތަކަށް ހައިކޯޓުން ބުރަދަން ދީފައިވާ ގޮތަށް ކަމަށެވެ.
އެގޮތުން ޔާމީނުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި އެއް މިލިއަން އެމެރިކާ ޑޮލަރާމެދު ބުނެފައި ވަނީ "އެއް މިލިއަން ޑޮލަރަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާކަން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި" މި ފަދައިންނެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވީ، އެ ދައުވާއަށް ބަލައި އިރު، ދައުވާއާއި ދައުވާގައިވާ ވާގިއާތަށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ކަންކަމުން އެ ބުނަނީ، މި މައްސަލައިގައި ޔާމީނު ލިބިގަތް ކަމަށް ބުނާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނެއްގައި ބަޔާންކުރާ ކުށެއް ކުރި ފަރާތަކީ، އެސްއޯއެފް ކަމަށާއި މަނީ ލޯންޑަރިންގެ އަމަލެއްގެ ގޮތުން ޔާމީނު ކޮށްފައިވަނީ ދެ އަމަލެއް ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރު އިތުރަށް ވިދާޅުވީ، އެ ދެ އަމަލަކީ ފައިސާގެ އަސްލު އޮޅުވާލުމާއި އެ ފައިސާ ބޭނުންކުރުން ކަމަށެވެ. އަދި އެ ދެ އަމަލަށް ބޭނުންވާ ނިޔަތަކީ، ގާނޫނުގައި ބުނާ ކުށެއް ކުރުމުގެ ތެރެއިން އެސްއޯއެފަށް މި ފައިސާ ލިބިފައިވާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޔާމީނަށް ޝައްކުކުރެވޭ ހާލަތެއް އޮތުން ކަމަށް ވިދާޅުވިއެވެ.
ދައުވާގައިވާ "ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާކަން" މި ވާގިއާ ސާބިތުކުރުމަށް ދައުލަތުން ގިނަ ކިތާބީ ހެކިތަކެއް ވަނީ ހުށަހަޅައިފައެވެ. އެ ކިތާބީ ހެކިތަކުގެ ތެރޭގައި ޔުނައިޓެޑް އިންޓަނޭޝަނަލް އިން ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ފައިސާ ދެއްކުމަށް އެމްއެމްޕީއާރްސީއަށް ދޫކުރި ޗެކް ބޭންކް އޮފް މޯލްޑިވްސްގައިވާ އެކައުންޓަށް ޖަމާކުރުމުގެ ގޮތުން ލިޔެފައިވާ ޑިޕޮޒިޓް ސްލިޕާއި ބޭންކް އޮފް މޯލްޑިވްސްގައި އެސްއޯއެފްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުގެ ސްޓޭޓްމަންޓް ހިމެނެއެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ އެކަންކަމުން އެނގިގެންދަނީ ކްރިމިނަލް ކޯޓުގެ މަރުހަލާގައި ދައުވާގައި އެ ފައިސާއަށް ދީފައިވާ ސިފަކުރުން އެގޮތަށް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅައި މަސައްކަތް ކޮށްފައިވާ ކަމެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއީ ވޮޑަމުލާއާ ގުޅުންހުރި ފައިސާކަން ސާބިތުކުރުމަށް ދައުލަތުން މަސައްކަތް ކޮށްފައިވުމެވެ.
ޔާމީނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ކަށަވަރުނުވާ އެއް ސަބަބެއްގެ ގޮތުގައި ޔާމީނުގެ ފަރާތުން ފާހަގަކޮށްފައިވާ އެއްކަމަކީ، އެ ފައިސާ ޖަމާކުރި ޑިޕޮސިޓް ސްލިޕުގައި، މޮރިޝަސް ކޮމާޝަލް ބޭންކުގެ އެކައުންޓުން ދޫކޮށްފައިވާ ކަމަށް ބުނާ ޗެކް ނަންބަރާއި އެ މައްސަލައިގައި ހުށަހަޅާފައިވާ އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓުގައި 11 އޮކްޓޯބަރު 2015ގައި އެ ކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މުއާމަލާތުގެ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާ ނުވުމެވެ.
ޗެކު ނަމްބަރު ދިމާނުވާ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އަޑުއެހުމެއް ބާއްވައިފައެވެ. އެ އަޑުއެހުމުން ޗެކް ނަންބަރުގެ ފުށުއެރުމަކީ، މި މައްސަލައިގައި ދައުވާ ކުރިއިރުވެސް ދައުލަތަށް އެނގިފައިވާ މައުލޫމާތެއްކަން އެނގިގެން ގޮސްފައިވެއެވެ. އަދި ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި މި ފުށުއެރުން ފާހަގަކުރުމުން މި ނުކުތާއަށް ދައުލަތުގެ ފަރާތުން ސާފުކޮށް ވާހަކަ ދައްކާފައިނުވާކަންވެސް އެ ދުވަހުގެ ޝަރީއަތުގައި ފާހަގަވިއެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ ޗެކު ނަމްބަރާ ގުޅޭ ގޮތުން އުފެދިފައިވާ ޝައްކުގެ އާހިރު ނަތީޖާއަކީ، އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމާމެދު ސުވާލު އުފެދުމެވެ. މި ސުވާލަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.
އެހެންކަމުން ދައުވާގައި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ބަޔާންކޮށްފައި އޮތުމުން އެ ވާގިއާ އެފަދައިން ކަށަވަރު ކުރެވެންޖެހޭނެ ކަމަށާއި އަދި ކުށުގެ ވާގިއާ ކަށަވަރު ކުރުމެއްނެތި، ލިބިފައިވާ ފައިސާއަކީ އެކުށް ކުރުމުގެ ސަބަބުން ލިބިފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގެ އެކަށޭނެކަން ވަޒަން ނުކުރެވޭނެކަމަށް ވުމުން އެ ނުކުތާގައި ޖުމުލަކޮށް ކުށް ކޮށްގެން ހޯދި ފައިސާއެއްކަން ޝައްކު ކުރެވުމުން ފުދޭ ކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ފަނޑިޔާރު މަހާޒު ކަނޑައެޅީ ބާތިލު ކަމަށެވެ.
ފަނޑިޔާރު މަހާޒުގެ އެ ރައުޔަށް ފަނޑިޔާރު މުހައްމަދު އިބްރާހީމްއާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުވެސް ވަނީ ތާއިދުކުރައްވައިފައެވެ.
އެހެންކަމުން ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މަނީ ލޯންޑަރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ކޮށްފައިވާ ހުކުމް ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލު ކުރުމުން، ރައީސް ޔާމީން ވަނީ މިއަދު މިނިވަންވެފައެވެ.