މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑާ ކުރިކަމުގެ ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތު ވެ، ކުރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއީދު ކުރި މައްސަލަ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތީ އޭޕްރީލް މަހުގެ 19 ގައެެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ސުޕްރީމް ކޯޓުގައި ބޭއްވީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މިއަދު އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ. ކުށުން ދިފާއުވުމުގެ ގޮތުން ޔާމީނުގެ ފަރާތުން ވަނީ ސުޕްރީމްކޯޓަށް އާ ހެކިތަކެއް ވެސް ހުށަހަޅައިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހެކިތައް ބަލައ ނުގަތުމަށް ނިންމައިފައެވެ. އެެހެންކަމުން ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ ޔާމީންގެ ފަރާތުން ކްރިމިނަލް ކޯޓަށާއި ހައި ކޯޓަށް ހުށަހަޅާފައިވާ ހެކިތަކައް ރިއާޔަތް ކޮށެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ރައުޔު އިއްވަވަމުން ފަނޑިޔާރު މަހާޒު ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ހަތް ކަމެއް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ދައުވާއާއި ގުޅިގެން ޔާމީނުގެ މައްޗަށް ޝަރީއަތް ކުރީ ހަމަހަމަކަން ގެއްލޭ ގޮތަށް ކަމަށް ޔާމީނުގެ ފަރާތުން ބުންޏަސް، ފަނޑިޔާރު މަހާޒު ރައުޔުގައި ވިދާޅުވީ، ޝަރީއަތް ހިންގީ ހަމަހަމަކަން ގެއްލޭ ގޮތަށް ކަން ސާބިތުވާ ހެއްކެއް ޔާމީންގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން ޝަރީއަތް ކޮށްފައިވަނީ ހަމަހަމަކަން ގެއްލޭ ގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް މަހާޒް ގެ ރައުޔުގައި ވިދާޅުވިއެވެ. ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާފު ނުވާ ކަމަށް ޔާމީނުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ފަނޑިޔާރު މަހާޒު ވިދާޅުވީ، އެކަމާ ގުޅިގެން ހައި ކޯޓުން ނިންމާފައިވަނީ ކުށާއި ގުޅޭ ތަފްސީލީ މައުލޫމާތު އެކަށީގެންވާ މިންވަރަށް ދައުވާ ފޯމުގައި ހިމެނިފައިވާ ކަމަށް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަލާއިރު، ވަކި އެއްޗެއް ހިމެނޭ ކުށެއް ނަމަ، އެ ކަމެއް ސާފުކޮށްދީ، ދައުވާ ސާފު ވެފައި ނުވާނަމަ ދައުވާ ސާފުކޮށްދޭން ޖެހޭނެ ކަމަށް ފަނޑިޔާރު މަހާޒު ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ޔާމީނުގެ ފަރާތުން އެބުނާ ގޮތަށް ގއ. ވޮޑަމުލާގެ ވާހަކަ ވަކިން ނެތުމަކީ އުނިކަމެއްތޯ ބަލާއިރު، ދައުވާ ސާފު ކޮށްދިނުމުގެ މަރުހާލާގައި ދައުލަތަށް ދެފަހަރު ދެގޮތަށް ވާހަކަ ދެކެވިގެން ނުވާނެ ކަން ކަމަށެވެ. ފަނޑިޔާރު މަހާޒު ވިދާޅުވީ ދައުލަތުގެ ވާހަކައިގައި ފުށުއެރުމެއް ނުވަތަ ތަފާތެއް ނެތް ކަމަށާއި އެހެންކަމުން ދައުވާ ސާފު ނުވާ ކަމަށް ބުނެ ޔާމީން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމަށް ތާއީދު ކުރައްވާ ކަމަށެވެ.

ދައުވާއިން ދިފާއުވުމުގެ ހައްގު ނުލިބޭ ކަމަށް ޔާމީނުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ފަނޑިޔާރު މަހާޒު ވިދާޅުވީ، މައްސަލައިގެ ޝަރީއަތް ތަވާލުކުރިއިރު އިޖުރާއި ގޯހެއް ނެތަސް މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މައްސަލަ ތާވަލުކުރިއިރު މަޝްވަރާ ނުކުރުމުގެ ސަބަބުން އިޖުރާއީ އައިބެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ދައުވާއިން ދިފާއުވުމުގެ ހައްގަށް އުނިކަން ލިބޭ ފަދަ ކަމެއް ނޫން ކަމަށް އެހެން ކަމުން މި ކަމުގައި ހައި ކޯޓުން ނިންމި ނިންމުމަށް ތާއީދު ކުރައްވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ޔާމީނު މައްސަލަ ބެލި ގާޒީންނާ ގުޅުން ހުރި ކަންބޮޑުވުންތަކެއް އެ ކޯޓަށް ޔާމީންގެ ފަރާތުން ހުށަހެޅީ ޝަރީއަތް ނިމުނު ފަހުންކަން ފާހަގަކުރައްވައި ރައުޔުގައި ފަނޑިޔާރު މަހާޒު ވިދާޅުވީ، ޝަރީއަތުގެ އަޑުއެހުންތައް ނިމުނުކަން އިއުލާނު ކުރުމުގެ ފަހުން އެ މައްސަލަ ހުޅުވޭނީ ހާއްސަ އިސްތިސްނާ ހާލަތްތަކެއް އައިސްގެންކަން ކަމަށާއި މި މައްސަލައިގައި އެފަދަ ހާލަތެއް ނެތް ކަމަށް ވުމުން ގާޒީންގެ ބެންޗު ބާތިލު ކަމަށް ބުނެ ޔާމީނު ހުށައެޅި ނުކުތާއަށް ތާއިދު ނުކުރައްވާ ކަމަށެވެ.

މަނިޓަރީ ގާނޫނާ ހިލާފަށް ބޭރު ފައިސާއިން ޖޫރިމަނާ ކުރި މައްސަލަ ވެސް ޔާމީންގެ ފަރާތުން ވަނީ ހުށަހަޅައިފައެވެ. އެ މައްސަލައާ ގުޅިގެން ޔާމީނުގެ ފަރާތުން ބުނެފައިވަނީ މަނިޓަރީ ގާނޫނުގެ ދަށުން ބޭރު ފައިސާއިން ޖޫރިމަނާ ނުކުރެވޭނެ ކަމަށާއި ޖޫރިމަނާ ކުރަން ޖެހެނީ ދިވެހި ފައިސާއިން ކަމަށެވެ. އެ ހުށަހެޅުމަށް ފަނޑިޔާރު މަހާޒު ތާއީދު ނުކުރައްވައި ވިދާޅުވީ، މަނިޓަރީ ގަވާއިދުގެ ފަސް ވަނަ މާއްދާގައި ކޯޓުތަކުގެ ޖޫރިމަނާގެ ވާހަކަ އައިސްފައި ނުވާ ކަމާއި، މަނީ ލޯންޑަރިންގެ ގާނޫނުގެ 53 ވަނަ މާއްދާއަށް ބަލާއިރު ޔާމީން ލޯންޑާ ކުރީ ޑޮލަރުން ކަމަށް ވުމުން، ޑޮލަރުން ޖޫރިމަނާ ކުރުން ގާނޫނާ ހިލާފު ނޫން ކަމަށާއި އެހެންކަމުން ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. އަދި ވިދާޅުވީ ބޭރު ފައިސާއިން ޖޫރިމަނާ ކުރުމަކީ ގާނޫނުން ލިބިދޭ އިހުތިޔާރެއް ކަމަށެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި އެހެން ހުށަހެޅުމަކާ ގުޅޭ ގޮތުން ހައި ކޯޓުން ނިންމި ނިންމުމަށް ވެސް ފަނޑިޔާރު މަހާޒު ވަނީ ތާއިދުކުރައްވައިފައެވެ. އެއީ ފުރަތަމަ ފަހަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާއިރު ލުއި ހުކުމެއް އިސްކުރުން އޮންނައިރު، ޖޫރިމަނާ އޮތީ އެންމެ ބޮޑު މިންގަނޑުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ. އެކަމާ ގުޅިގެން ރައުޔުގައި ފަނޑިޔާރު މަހާޒު ވިދާޅުވީ، މާލީ ކުށަކަށް ދޭން ވަނީ މާލީ އަދަބެއް ކަމަށެވެ. ނަމަވެސް ޖޫރިމަނާގެ އަދަދު އެންމެ ބޮޑު ކޮށްފައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއިދު ނުކުރައްވާ ކަމަށް މަހާޒް ވިދާޅުވިއެވެ.

ޔާމީނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުއްލާގެ އެކުއިޒިޝަން ކޮސްޓުގެ ފައިސާކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ބުނެ ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާއާ ގުޅިގެން ފަނޑިޔާރު މަހާޒު ވިދާޅުވީ، ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާ ކުރި ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަމްބަރާއި، އެސްއޯފްގެ އެކައުންޓްގައި އޮތް ޗެކް ނަމްބަރާ ދިމާ ނުވާ ކަމަށާއި މިއީ ދަށު ކޯޓުތަކުގައި ފާހަގަ ވާން ޖެހޭ ޝައްކެއް ކަމަށާއި، ދައުލަތުން އެކަމާ ގުޅިގެން ވިދާޅުވެފައިވަނީ ދައުވާ ކުރިއިރު އެކަން ސާފުވެފައި ނުވާ ކަމަށެވެ. ދައުލަތުގެ އެ ވާހަކަތަކަށް ރިއާޔަތް ކޮށް ރައުޔުގައި ފަނޑިޔާރު މަހާޒު ވިދާޅުވީ އެސްއޯއެފްގެ އެކައުންޓުން ޔާމީނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ވޮޑަމުއްލާގެ އެކުއިޒިޝަން ކޮސްޓުގެ ފައިސާކަން ސާފު ނޫން ކަމަށެވެ.

މީގެ އިތުރުން ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ޝަފަވީ ހެކިން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަހުން ކުށް ސާބިތު ނުކުރެވޭނެ ކަމަށް ފަނޑިޔާރު މަހާޒު ވަނީ ވިދާޅުވެފައެވެ. ފަނޑިޔާރު މަހާޒު ވިދާޅުވީ، މުއައްވިޒު ހެކިބަހަކީ ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއާމެދު ޝައްކެއް އުފެއްދުމަށް އެކަށީގެންވާ ސަބަބެއް ގާއިމު ކުރެވޭ ހެކިބަހެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާއި އަދީބުގެ ހެކިބަހަށް ރިއާޔަތްކޮށް މައްސަލައިގެ ގޮތެއް ކަނޑައެޅުން ރައްކާތެރި ނޫން ކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 40 ވަނަ މާއްދާ ތަތުބީގު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ޔާމީނުގެ ފަރާތުން ހުށަހެޅި ނުކުތާ ފަނޑިޔާރު މަހާޒު ވަނީ ޔާމީނާ އެއްކޮޅަށް ނިންމައިފައެވެ. އެއީ އެސްއޯއެފުން ޖަމާވި ފައިސާއަކީ ސިޔާސީ ޕާޓީއަކަށް ލިބެން ޖެހޭ ފައިސާ ކަމަށް ޔާމީނުގެ ފަރާތުން ދަށު ކޯޓުގައި ވެސް އަދި ސުޕްރީމް ކޯޓުގައި ވެސް ބުނެފައި ނުވުމުންނެވެ.

އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ފަނޑިޔާރު މަހާޒު ރައްޔު ނިންމަވައިލައްވަމުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ކުރި ހުކުމް ބާތިލުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ތަހުގީގީ އިދާރާތަކުން ބަލަމުން އަންނަ ފައިސާތަކެއް ޔާމީނު އިންވެސްޓު ކުރެއްވުމަކީ ގާނޫނީ ވެރިކަމަށް ނުބައްލަވައި، އަމިއްލަ މަސްލަހަތު އިސްކުރެއްވުން ކަމަށް ވުމުން އެއީ ބެލޭނެ މައްސަލައެއް ކަމަށާއި، ދައުލަތަށް ޔާމީނުގެ މައްސަލަ އަލުން ބެލުމުގެ ހައްގު ލިބިގެންވާ ކަމަށް ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވިދާޅުވިއެވެ.

ފަނޑިޔާރުގެ މަހާޒުގެ ރައުޔަށް ފަނޑިޔާރު މުހައްމަދު އިބްރާހީމް އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ތާއިދުކުރައްވައިފައެވެ. އެހެން ކަމުން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މަނީ ލޯންޑަރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ކޮށްފައިވާ ހުކުމް މި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލު ކުރުމުން، ރައީސް ޔާމީން ވަނީ މިއަދު މިނިވަންވެވަޑައިގެންފަ އެވެ.