ޓުވިޓާގެ ސީއީއޯ ޖެކް ޑޯސީ މަގާމުން ދުރުވެ އެމަގާމާ ދެން ހަވާލުވާނީ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރު ޕަރަގް އަގަރްވާލްކަން ވަނީ އިއްޔެ އިއުލާނުކޮށްފައެވެ.

އުމުރުން 37 އަހަރުގެ ޕަރަގް އަގަރްވާލް އުފަންވެ ދިރިއުޅުނީ އިންޑިއާގެ މުމްބާއީގައެވެ. އިންޑިއަން އިންސްޓިޓިއުޓް އޮފް ބޮމްބޭ އައިއައިޓީ ގައި ކޮމްޕިއުޓާ ސައިންސުން ބެޗެލާސް ޑިގްރީ ހާސިލުކުރުމަށްފަހު 2005 ވަނަ އަހަރު އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށް ސްޓެންފޯޑް ޔުނިވާސިޓީ އިން ހަމަ އެ ރޮނގުން ޕީއެޗްޑީ ހާސިލުކުރިއެވެ.

މައިކްރޮސޮފްޓް ރިސާޗް އަދި ޔާހޫ ރިސާޗްގައި އިސް މަގާމުތަކެއް އަދާކުރުމަށްފަހު ޓުވިޓާ އާއި ގުޅުނީ 2011 ވަނަ އަހަރުގެ އޮކްޓޫބަރުގައެވެ. ރެވެނިއު އަދި ކޮންސިއުމާ އިންޖިނިއަރިން އިން ކާމިޔާބު ކުރިއެރުންތަކެއް ހޯދައިދިނުމާ ގުޅިގެން ކުންފުނީގައި ފާހަގަކޮށްލެވޭ އިންޖިނިއަރެއްގެ ގޮތުގައި ހިމެނިގެންދިޔަ އެވެ. ޕަރަގް ހޯދައިދިން ކުރިއެރުންތަކުގެ ނަތީޖާއެއްގެ ގޮތުން 2016 އަދި 2017 ވަނަ އަހަރު ޓުވިޓާ ބޭނުން ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ގިނަވެގެން ދިޔައެވެ. ޕަރަގް ވަނީ ޓުވިޓާގެ ސީޓީއޯގެ މަގާމަށް އައްޔަނު ކުރީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

ސީއީއޯ ޖެކް ޑޯސީ 2019 ވަނަ އަހަރު ޕްރޮޖެކްޓް ބްލޫސްކައި އެކުލަވައިލައި އެ މަސައްކަތްތައް ހިންގުމުގެ މަސްއޫލިއްޔަތު އަގަރްވާލް އާ ވަނީ ހަވާލުކޮށްފައެވެ. ޕްރޮޖެކްޓް ބްލޫސްކައި އަކީ ޓުވިޓާގައި ދޮގު ހަބަރު ފަތުރާ ފަރާތްތައް ހުއްޓުވުމަށް އެކުލަވައިލި ޕްރޮޖެކްޓެކެވެ. އަދި 29 ނޮވެމްބަރު 2021 ވަނަ ދުވަހު ޓުވިޓާގެ ސީއީއޯ ކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ޕަރަގް އަގަރްވާލް އައްޔަންކޮށްފައިވާއިރު އޭނާގެ ހުނަރާއި ގާބިލިއްޔަތަށް ފުރިހަމަޔަށް އިތުބާރު ކުރައްވާ ކަމަށް ކުރީގެ ސީއީއޯ ޖެކް ޑޯސީ ވަނީ ވިދާޅުވެފަ އެވެ.