ޓެރަރިޒަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބޭތިއްބޭ ގޮތަށް ފުލުހުންނަށް ބާރު ދޭން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމަށްޓަކައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ފަރާތުން ފޮނުއްވި މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު އަބުދުލްޣަނީ އަބުދުލްހަކީމެވެ.
ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމަށްޓަކައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ފުލުހުންނަށް މި ބިލުން ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.
ބިލުން އެންމެ ބޮޑަށް ފާހަގަ ވަނީ، ޓެރަރިޒަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބޭތިއްބޭ ގޮތަށް ގާނޫނުގެ 22 ވަނަ މާއްދާއަށް ގެންނަން ހިމަނާފައިވާ އިސްލާހެވެ.
ބިލުގައި ބުނެފައި ވަނީ، ގާނޫނުގެ ހަ ވަނަ މާއްދާ އާއި ހަތް ވަނަ މާއްދާ އާއި 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ކުށްކުރަން އުޅޭ ކަމުގެ ތުހުމަތުކުރެވޭ މީހަކު ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.
ގާނޫނުގެ ހަ ވަނަ މާއްދާގައި ބުނެފައި ވަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ކުރަން އުޅުމާއި އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމާއި އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ ވާހަކައެވެ. ހަތް ވަނަ މާއްދާގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ވާހަކައެވެ. 12 ވަނަ މާއްދާގައި ބުނަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ އެފަދަ ކަމަކަށް މަގުފަހި ކުރުމާބެހޭ ވާހަކައެވެ. އަދި 14 ވަނަ މާއްދާގައި ބުނަނީ ގޭންގު ނުވަތަ ގުރޫޕް ހަދައިގެން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ވާހަކައެވެ.
މި ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓެރަރިޒަމްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދުކޮށްފި ނަމަ އޭނާ ބަންދު ކުރީ ގާނޫނީ ހަމަތަކުންތޯ ކަނޑައެޅުމަށް 24 ގަަޑިއިރުގެ ތެރޭގައި އެ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހެއެވެ.
ނަމަވެސް މި ބިލުން ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، ޓެރަރިޒަމްގެ ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބޭތިއްބުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށެވެ. އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް ބިލުގައި އިތުރަށް ވަނީ ސާފުކޮށްދީފައެވެ.
ބިލުގައި ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު މި ގާނޫނުން ފުލުހުންނަށް ދީފައިވާ ފަރާތެއް އަމިއްލަ ތަނެއްގައި ހުންނަ ހާލަތެއްގައި ކޯޓު އަމުރަކާ ނުލައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމާއި އެކަށޭނަ މިިންވަރެއްގެ ވަގުތަކަށް އެތަނުގައި ތިބުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފައެވެ.
އޭގެ އިތުރުން އެކަން ކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ އިޖުރާއަތްތައްވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.
ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެކަމަށްޓަކައި އެފަދަ ސަރަހައްދަކަށް ގޮސް އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށްވެސް ބިލުގައި ވަނީ ކަންތައްތަކެއް ހިމަނައިފައެވެ.
އެގޮތުން އެކަންކަމުގައި ރާއްޖެއިން ބޭރަށް ގޮސް ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމާއި އެފަދަ ފަރާތްތަކުން މުޖުތަމައު ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބިލުގައި ހިމަނާފައިވެއެވެ.
އޭގެ އިތުރުން އެފަދަ ފަރާތްތަކަށް ދޭން ޖެހޭ ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ކަންކަން މަގުފަހިކުރުމަށް ކުރަން ޖެހޭ ކަންތައްތައްވެސް އެ ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު