މިސްކިތްތައް މަރާމާތުކުރުމަށް ސަރުކާރުން ދީފައިވާ ބަޖެޓަށްވުރެ 13 މިލިއަން ރުފިޔާ އިތުރަށް އަރާނެ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލާ ހަވާލުވި އިރު މާލޭގެ މިސްކިތްތައް ވަރަށް ބޮޑަށް ބާވެ މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން އެ މަސައްކަތަށް ދީފައިވަނީ އެއް މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިސްކިތްތަކުގެ މަރާމާތުގެ ކަންކަން ވަރަށް ރަނގަޅަށް ދިރާސާކޮށް އެކަމަށް ދާ ހަރަދުވެސް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެކަމަށް 14 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސްކިތްތައް މަރާމާތުކުރުމަށް ވަގުފު ފަންޑުގެ އެހީތެރިކަން ލިބޭތޯ އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ވަގުފު ފަންޑުން އަޅުގަނޑުމެންނަށް އެހީތެރިކަން ލިބޭތޯ އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރަމުން މިދަނީ. އަދި އެދެވޭ ޖަވާބެއް ނުލިބޭ. އުއްމީދު ކުރަނީ ލިބޭނެ ކަމަށް. އެބޭފުޅުން ވިދާޅުވި ލިބޭނެޔޭ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހަމައެކަނި ވަގުފު ފަންޑުގެ އެހީތެރިކަން ލިބޭނެ ކަމަށް ނުވިސްނާ ކަމަށާއި އެހެންކަމުން އަންނަ މަހު މިސްކިތްތަކަށް ފަންޑު ހޯދުމަށް ހާއްސަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. އަދި ޓީވީ މެދުވެރިކޮށް ޓެލެތޯން ބާއްވަން ވެސް ވިސްނަމުން އަންނަ ކަމަށް ވިދާޅުވިއެވެ.