މާލޭ ސިޓީ ކައުންސިލަށް ޓީ ޖެޓީ ނުދިނީ ސަރުކާރުގައި އިހުލާސްތެރިކަން ނެތުމުން ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ކައުންސިލުން ބޭނުންވަނީ ސަރުކާރާ ގުޅިގެން މާލޭ ރައްޔިތުންގެ ލާބާއާއި މަންފާއަށް މަސައްކަތްކުރަން ކަމަށެވެ.

ސަރުކާރާ ގުޅިގެން ނުވަތަ ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބިގެން ނުކުރެވޭ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާކުރާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވާނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ޓީ ޖެޓީއަކީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ތަނެއް ކަމަށްވުމުން ސަރުކާރުގައި އެތަން ކައުންސިލަށް ދިނުމަށް އެދިފައިވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ޓީ ޖެޓީ މިހާރު ބަލަހައްޓަމުން ދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކަމަށާއި ނަމަވެސް އެމްޕީއެލްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. ސިޓީ ކައުންސިލުގެ ފަރާތުން ޓީ ޖެޓީ ދިނުމަށް އެދި ރައީސް އޮފީހަށާއި އެމްޕީއެލްއަށް ސިޓީއެއް ފޮނުވުމުން، ރައީސް އޮފީހުން ނިންމީ ސިޓީ ކައުންސިލަށް އެތަން ނުދިނުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ ލާމަރުކަޒީ ނިޒާމުގެ ގާނޫނާ ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއްގެ ގޮތުގައި މުއިއްޒު ވަނީ ސިފަކުރައްވައިފައެވެ.

"އަޅުގަނޑުމެން ރައީސް އޮފީހުގައި އަދި އެމްޕީއެލްގައި މި އެދުނީ ސިޓީ ކައުންސިލާ އެތަން އަނބުރާ ހަވާލުކޮށްދޭށޭ. އަޅުގަނޑުމުން އެދުނީ މާލޭގެ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހުންނަ ކަންކަމުގައި ޓީ ޖެޓީ އަޅުގަނޑުމެންނާ ހަވާލުކޮށްދޭށޭ. އެކަމަކު ރައީސް އޮފީހުން ނިންމަވާފައި މިހާރު އޮތީ އެކަން ކޮށްނުދެވޭނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެ ނިންމުމަށް ވަރަށް ހިތާމަކުރާ ކަމަށާއި ސަރުކާރުން މާލޭ ރައްޔިތުންގެ ލާބާ އާއި މަންފާއަށް ދެކޮޅަށް މަސައްކަތް ކުރަނީ އިހުލާސްތެރިކަން ނެތުމުން ކަމަށެވެ. އަދި ކައުންސިލަށް ޓީ ޖެޓީ ދިނުމަށް އެދި ހަތަރު ފަހަރު ރައީސް އޮފީހުގައި އެދިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވަނީ މިއަހަރުގެ ތެރޭގައި ސިޓީ ކައުންސިލުން ކުރަން ރާވާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.