ޚަބަރު

ކޮވިޑުގައި އިތުރު ދެ މަރު، ރާއްޖޭގެ ޖުމުލަ 250 އަށް

ކޮވިޑަށް ފަރުވާ ދެމުން އަންނަނިކޮށް އިތުރު ދެ މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 250 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، މިއަދު ފުރަތަމަ މަރުވެފައި ވަނީ ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ފިރިހެނެއް ކަމަށެވެ. އުމުރުން 54 އަހަރުގެ އެމީހާ މަރުވެފައި ވަނީ ރޭ ދަންވަރު 2:00ގަ އެވެ.

ދެވަނަ މީހާއަކީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއަދު ހެނދުނު 10:42ގައި އޭނާ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މިއަދުގެ ދެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 250 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 233 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.