ޚަބަރު

ބާޒާރުމަތީގައި ޕިކަޕްތައް ޕާކް ކޮށްފައި ބެހެއްޓުން ސިޓީ ކައުންސިލުން މަނާކޮށްފި

މުހައްމަދު އިޝާން

މާލޭ ސިޓީގެ ބާޒަރު މަތީގައި ޕިކަޕުތައް ޕާކު ކޮށްފައި ބެހެއްޓުން ސިޓީ ކައުންސިލުން މިއަދު މަނާކޮށްފިއެވެ.

މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަން" އަށް މިއަދު ވިދާޅުވީ، ބާޒަރުމަތީގައި ޕާކު ކުރަމުން އައި ކުދި ޕިކަޕުތަކަށް މިހާރު އިންޑަސްޓްރިއަލް ޒޯނުން ޕާކިން ޖާގަ ހަމަޖައްސައިދީފައިވާ ކަމަށެވެ. މިއަދުން ފެށިގެން ބާޒަރުމަތީގައި ޕާކު ކުރުން މަނާ ވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ނޯތު ހާބަރުގެ މައި ގޭޓުން ފެށިގެން، މަސް މާރުކޭޓާ ހަމައަށް ޕިކަޕްތަކަށް މިހާރު ޕާކް ނުކުރެވޭނެ ކަމަށެވެ. އެގޮތަށް ބަދަލު ގެނައުމުގެ ކުރިން ޕިކަޕު ޑްރައިވަރުންނާ ކައުންސިލުން މަޝްވަރާކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ބަދަލު ގެންނަން ޖެހުނީ ބާޒަރުމަތީ ޓްރެފިކް ބާރު ބޮޑުވެ ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރަން ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބާޒަރު މަތީގައި 60 އަށް ވުރެ ގިނަ ކުދި ޕިކަޕް ޕާކުކުރަމުން އައި ކަމަށެވެ.

ބާޒަރުމަތީގައި ޕިކަޕު ޕާކު ނުކުރެވޭ ގޮތަށް ބަދަލު ގެނައުމަށްފަހު ވަނީ އެ ސަރަހައްދުގައި ސައިކަލު ޕާކު ކުރެވޭނެ ގޮތް ހަދައިފައެވެ. ޑރ. މުއިއްޒު ވިދާޅުވީ ޕިކަޕުތަކަށް ވަކި ވަގުތެއް ވަންދެން މަޑުކޮށްގެން އޮވެވޭނެ ގޮތަށް ވެސް ޖާގަތައް ހަދާފައިވާ ކަމަށެވެ.

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަތައް ހައްލުކުރަން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ކޮށްގެން ވަކި ޕާކިން ޒޯނުތަކެއް ދޫކުރާނެ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލަށް ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މަލްޓި ސްޓޯ ޕާކިން ބިލްޑިންގް ހަދާނެ ކަމަށާއި، ޕާކިންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކާނިވާ ސަރަހައްދު ވެސް ތަރައްގީ ކޮށްފައިވާ ކަމަށެވެ.