ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ ސަނަދުތަކުގެ ފެންވަރު ބެލުމަށް (ވެލިޑޭޓްކުރުމަށް) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ނިންމައިފިއެވެ.

މިއަދު އެމްކިޔުއޭއިން ކުރި އިއުލާނެއްގައި ބުނީ، ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީ މީހާއަށް ވަޒީފާދޭ ކުންފުނިން، ސަނަދުތަކުގެ ފެންވަރު ބެލުމަށް އެމްކިޔުއޭއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ހުށަހަޅާ ބިދޭސީންގެ ހުރިހާ ލިޔެކިޔުންތަކެއް ހުންނަންވާނީ އެ ގައުމެއްގެ ފޮރިން މިނިސްޓްރީން އެޓެސްޓް ކޮށްފައި ކަމަށެވެ.

އެމްކިޔުއޭ އިން ބުނީ އެޓެސްޓް ނުކޮށް ހުށަހަޅާ އެއްވެސް ލިޔެކިޔުމެއް ގަބޫލު ނުކުރާނެ ކަމަށެވެ. މީގެ އިތުރުން އިނގިރޭސި ބަސް ފިޔަވައި އެހެން ބަހަކުން ލިޔެފައިވާ ލިޔެކިޔުމެއް ހުށަހަޅާ ނަމަ، އެ ލިޔުކިޔުމެއް އޮންނަން ވާނީ އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްފައި ކަމަށް ވެސް އެމްކިޔުއޭ އިން ބުންޏެވެ.

ބިދޭސީންގެ ސަނަދު ފެންވަރު ބެލުމަށް ޓަކައި އެމްކިޔުއޭގެ ވެބްސައިޓުގެ ޑައުންލޯޑްސް ބައިން އެކަމަށް އެދޭ ފޯމު "އެޕްލިކޭޝަން ފޯ ސެޓްފިކެޓް ރިކޮގްނިޝަން/ ވެލިޑޭޝަން (ފޯރ ފޮރިނާސް)" ލިބެން ހުންނާނެ ކަމަށް އެމްކިޔުއޭ އިން ބުންޏެވެ. ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ މައުލޫމާތު އެ ފޯމުގައި ހިމެނޭނެއެވެ.

އެމްކިޔުއޭއަށް ހުށަހަޅާފައިވާ ސަނަދާ ގުޅިގެން އެއްވެސް މައްސަލައެއް ފާހަގަކުރެވޭ ނަމަ އެ އޮތޯރިޓީން ހުށަހަޅާ ފަރާތާ މުއާމަލާތު ކުރަމުން ގެންދާނެ ކަމަށާއި އެގޮތުން އެ އޮތޯރިޓީން މުއާމަލާތު ކުރާނީ ސަނަދުގެ ފެންވަރު ބެލުމުގެ މަސައްކަތާ ގުޅިގެން ވަޒީފާ ދޭ ފަރާތުން އެ އޮތޯރިޓީއާ ގުޅުމަށް ކަނޑައަޅާފައިވާ ދިވެހި މުވައްޒަފާ ކަމަށް އެމްކިޔުއޭއިން ބުންޏެވެ

ސަނަދުގެ ފެންވަރު ބަލާ ނިމުމަށްފަހު އެ ސަނަދާ ހަވާލުވާއިރު ފީއެއްވެސް ދައްކަން ޖެހެއެވެ. ފީގެ ގޮތުގައި ދައްކަން ޖެހޭ ވަރު އިއުލާނުގައި ބުނެފައެއް ނުވެއެވެ.