ލާމަރުކަޒީ ގާނޫނާ ފުށުއަރާގޮތަށް ދައުލަތުގެ އެއްވެސް ވަޒީރަކު ކަންތައް ކުރައްވައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާއާ ސުވާލު ކުރެއްވުމުން، މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެންނެވެ.
މިނިސްޓަރާ ސަލީމް ސުވާލު ކުރެއްވީ، ހޯރަފުށީ އެއާޕޯޓާ ގުޅުވައިގެން ހަދާ ފާލަމުގެ މަސައްކަތްތަކާބެހޭ މައުލޫމާތު އޮޅުން ފިލުވުމަށެވެ. އެސުވާލަށް ދެއްވި ޖަވާބާ ގުޅިގެން، އިތުރު ސުވާލު ކުރަން ލިބުނު ވަގުތުގައި، ލާމަރުކަޒީ ގާނޫނު ބުނާ ގޮތަށް، ފާލަމުގެ މަސައްކަތްތަކުގެ ތެރެއިން ހޯރަފުށީ އިހުތިސޯސްގައި ހިމެނޭ މަސައްކަތްތައް ކުރިއަށް ގެންދަނީ ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް ކައުންސިލްގެ ރުހުމާއި ލަފާ ހޯއްދަވައިގެންތޯ ސަލީމް ސުވާލު ކުރެއްވިއެވެ.
ސަލީމް ވިދާޅުވީ، އެއާޕޯޓަކީ ހޯރަފުށީ އިހުތިސޯސްއިން ބޭރުގެ މަސައްކަތެއް ނަމަވެސް ޖެޓީގެ ބަޔަކާއި، ޗެނަލްގެ ބައެއް ހޯރަފުށީގެ އިހުތިސޯސް ތެރެޔަށް އަންނަ ކަމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެކަން ގާނޫނުން ކަނޑައަޅާފައި އޮންނަނީ އެގޮތަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ނަމަވެސް އަޅުގަނޑު ގަބޫލު ކުރަނީ ރައީސުލްޖުމްހޫރިއްޔާ ސިޔާސަތެއް ކަނޑައަޅުއްވައި، މަސައްކަތެއްގެ ގޮތުގައި ކަނޑައަޅުއްވައިފަ ވަޒީރަކާ އެކަމެއް ހަވާލު ވެއްޖެ ނަމަ އެމަސައްކަތެއް އަޅުގަނޑުމެން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް، އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ވިދާޅުވި ކޮންމެ ކަމެއް ކުރަން ހުވައި ކޮށްގެން ހުރި މީހެއް. އެހެންކަމުން ސިޔާސަތުތަކެއް ކަނޑައެޅި އެ ސިޔާސަތެއް އަޅުގަނޑާ ހަމައަށް އައުމުން އެ މަސައްކަތެއް އަޅުގަނޑު ކުރާނެ،" ކަމަށެވެ.
އެ ޖަވާބާ ގުޅިގެން ނިިޒާމީ ނުކުތާ ނަންގަވައި މެންބަރު ސަލީމު ވިދާޅުވީ، އޭނާ ކުރެއްވި ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވާ ކަމަށާއި، އެ ސުވާލުގެ ޖަވާބު ބޭނުންވާ ކަމަށެވެ. އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ޖަލްސާގައި އިތުރު ސުވާލު ކުރުމުގެ ފުރުސަތުގައި ސުވާލު ކުރަން އޮންނަނީ އެ ދުވަހުގެ ފުރަތަމަ ސުވާލާ ގުޅިގެން ކަމަށެވެ.
އޭގެ އިތުރުން މެންބަރު ސަލީމްގެ ސުވާލަކަށް ވެފައި އޮތީ ލާމަރުކަޒީ ގާނޫނުން ބަޔާންކުރާ އިޖުރާއަތުތައް ވަޒީރު ހިފަހައްޓަވަމުން ގެންދަވަންތޯ ކުރެއްވި ސުވާލު ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބު ވަރަށް ސާފުކޮށް އެނގިވަޑައިގެންފި ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީމަ، ވިދާޅުވާ މިންވަރަކަށް، ވިދާޅުވާ ގޮތަކަށް، މަސައްކަތްޕުޅު ގެންދަވާ ވާހަކަ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، "ލާމަރުކަޒީ ގާނޫނާ ފުށުއަރާ ގޮތްގޮތަށް އެއްވެސް ވަޒީރަކު އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން އަދި އިދާރާއަކުން ވެސް ކަންކަން ހިންގުމަކީ ރަނގަޅު ކަމެއް ނޫން،" ކަމަށެވެ،
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް