ފްރާންސް ލީގުގައި މިއަދު ޕީއެސްޖީން ކުޅުނު މެޗުގައި 3-1 އިން ސެއިންޓް އެޓިއޭން ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ޕީއެސްޖީން ކުޅުނު މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ. މި ސީޒަނަށް ޕީއެސްޖީއަށް ސޮއިކުރި ޑިފެންޑަރު ސާޖިއޯ ރާމޯސް މިއަދު މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައިވާ އިރު، އެއީ އަނިޔާއިން ރަނގަޅުވެ ޕީއެސްޖީ ޖާޒީގައި ރާމޯސް ކުޅުނު ފުރަތަމަ މެޗެވެ. ރާމޯސްގެ އަނިޔާ އަހަރަކަށްވުރެ ގިނަ ދުވަހަށް ދިގުލައިގެން ދިޔަ އިރު، އޭނާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރަން އުޅުނު ކަމަށްވެސް ބައެއް މީޑިއާތަކުން ކުރިން ރިޕޯޓު ކުރިއެވެ.

މެޗު ފެށިގެން 23 ވަނަ މިނެޓުގައި ޑެނިސް ބޮއުއާންގާގެ ގޯލާއެކު ސެއިންޓް އެޓިއޭންއިން ލީޑު ނެގިއެވެ. އެޓީމުން ލީޑުގައި ހާފު ނިންމައިލަން ދިޔަ ނަމަވެސް މާޔޫސްކަން ކުރިމަތިވީ ހާފު ނިމިނިމި އޮއްވައި، ޓީމުގެ ޑިފެންޑަރު ތިމޮތީ ކޮލޮޑްޒީޝެކަށް ދެއްކި ރަތް ކާޑުންނެވެ. އެ ކާޑަށް މިނެޓެއްހާ އިރު ވީތަނާ ލިއޮނަލް މެސީގެ އެސިސްޓުން މާކީނިއޯސް ވަނީ ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފަށް ނުކުމެ ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ސެއިންޓް އެޓިއޭންއަށް ޕީއެސްޖީ ހިފަހައްޓަން އުނދަގޫވިއެވެ. މެޗުގެ 79 ވަނަ މިނެޓުގައި މެސީގެ ދެވަނަ އެސިސްޓާއެކު އެންހޭލް ޑި މަރިއާ ޕީއެސްޖީއަށް މެޗުގެ ލީޑު ނަގައިދިނެވެ. އަދި ފަހު މިނެޓު މެސީ ދިން އިތުރު އެސިސްޓަކާއެކު މާކީނިއޯސް ޕީއެސްޖީގެ ލީޑު އިތުރަށް ފުޅާވެސް ކޮށްދިނެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ސެއިންޓް އެޓިއޭންގެ ޑިފެންޑަރަކު ކުރި ފައުލަކުން ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާއަށް ވަނީ ނުރައްކާތެރި އަނިޔާއެއް ލިބިފައެވެ. ޓެކުލުގައި ސީދާ އަނިޔާނުވި ނަމަވެސް އެ ޓެކުލުން ސަލާމަތްވެ ނޭމާ ފައި ބިންމަތީގައި ބޭންދުނީ ގޯސް ޕޮސިޝަނެއްގައެވެ. ކުޑަހުޅަށް އަނިޔާވެ ނޭމާ އަށިގަނޑުގައި ދަނޑުން ބާލަން ޖެހުނު އިރު، ނޭމާ ދަނޑުން ފޭބީ ރޮމުންނެވެ. ނޭމާގެ އަނިޔާގެ ތަފްސީލު އަދި ހާމަކޮށްފަައެއް ނުވެއެވެ.

އާންމުކޮށް ކުޑަހުޅުގެ އަނިޔާތައް ގިނަ ކުޅުންތެރިއެއްގެ ގޮތުގައި ނޭމާ ފާހަގަކޮށްލެވެއެވެ. މީގެ ދެ ސީޒަން ކުރިންވެސް ނޭމާގެ ކުޑަ ހުޅަށް އަނިޔާވެ އޭނާއަށް ވަނީ ގައުމީ ޓީމާއި ޕީއެސްޖީގެ މުހިންމު މެޗުތަކެއްވެސް ގެއްލިފައެވެ.