ޚަބަރު

ފައިޒާއިން ތިން ލައްކަ ޑޯޒް ވެކްސިން ގަންނަނީ، އަންނަ މަހުގެ ތެރޭގައި ލިބެން ފަށާނެ

ބޫސްޓަ ޑޯޒް ދިނުމަށް ފައިޒާއިން ގަންނަން ނިންމާފައި ވަނީ ތިން ލައްކަ ޑޯޒް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑު ވެކްސިންގެ ބޫސްޓާ ޑޯޒް، ޖެހުމުގެ ފުރުސަތު އަންނަ މަހު އާންމުންނަށް ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް ޓަކައި ފައިޒާ ވެކްސިން ގަންނަން ފައިޒާ އެކްސްޕޯޓް ބީވީއާ އެކުގައި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު "ވަން" އަށް މިއަދު ވިދާޅުވީ، ފައިޒާއިން ގަންނަން ނިންމާފައި ވަނީ 300،690 ޑޯޒް ވެކްސިން ކަމަށެވެ. އެ ވެކްސިންތައް ގެންނާނީ ތިން ޝިޕްމަންޓަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ފައިޒާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ. އަދި ދުނިޔެއިން މިފަހު ފެނުނު ނުރައްކާތެރި ކޮވިޑް ވޭރިއަންޓުގެ ސަބަބުން ވެކްސިންގެ ޝިޕްމަންޓުތައް ލިބުމަށް ބުރޫ ނާރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޝިޕްމަންޓުތައް ގެންނާނީ ޖަހާ މިންވަރަށް ބަލައިގެން. އެއީ އެކްސްޕަޔާވުމަށާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު،" ޑރ. ޝާހު ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ބޫސްޓާ ޑޯޒް ދެމުން އަންނަނީ 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި ސިއްހީ ދާއިރާ އާއި ޓޫރިޒަމް އަދި އެއާޕޯޓް ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް މި ހަފުތާގައި ބޫސްޓާ ޑޯޒް ދޭން ވަނީ ނިންމައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 9000 އަށްވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފައެވެ.