ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ވިލަރެއާލް ބަލިކޮށްފިއެވެ.

ވިލަރެއާލްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހު 10 ވަރަކަށް މިނެޓު ތެރޭގައި ބާސާ ވަނީ ދެ ގޯލު ޖަހައިފައެވެ. މިހާތަނަށް މި ސީޒަންގެ ލީގުގައި ބާސާއިން 14 މެޗު ކުޅެފައިވާ އިރު، ރޭގެ މޮޅަކީ އެޓީމަށް ލީގުގައި ހޯދުނު ފުރަތަމަ އަވޭ މޮޅެވެ. މިހާތަނަށް އާ ކޯޗު ޒަވީ ހެނާންޑޭޒް އާއެކު ބާސާއިން ނުކުތް ލީގު ދެމެޗުވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ.

ބާސާއިން މިވަގުތު ތާވަލުގެ ހަތް ވަނައިގައި އޮތް އިރު، އެޓީމަށް 14 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް 13 މެޗުން 30 ޕޮއިންޓް ލިބިފައިވެއެވެ. ހަތަރުވަނައަށް ޖެހިލަންވެސް ބާސާއިން ބުރަކޮށް މަސައްކަތް ކުރަން ޖެހިފައިވާ އިރު، މިވަގުތު ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 13 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފް ގޯލެއް ނުފެނި ނިމިގެން ދިޔަ ނަމަވެސް ހަަމަލާތައް ފެނުނެވެ. ހާއްސަކޮށް ބާސާގެ ނެދަލެންޑްސް ފޯވަޑް މެމްފިސް ޑިޕޭއަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނެވެ. އޭނާ ކުޑައޭރިއާ ތެރެއިން ކަހަލަ ގޮތަކަށް ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. އަނެއްކޮޅުން ވިލަރެއާލްގެ ފޯވަޑް އާނައުޓް ޑަންޖޫމާގެ ދެ ހަމަލާއެއްވެސް ބޭކާރު ވެގެން ދިޔައެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ފްރޭންކް ޑި ޔޮންގެވެ. އެ ގޯލާއެކު ބާސާއިން ތިން ޕޮއިންޓާ ދިމަލަށް ދަނިކޮށް ވިލަރެއާލް އިން ވަނީ މެޗުގެ 76 ވަނަ މިނެޓުގައި އެއްވަރު ކޮށްފައެވެ. ސެމިއުލް ޗަކުވުއޭޒާގެ ގޯލާއެކު ވިލަރެއާލް އިން އެއްވަރު ކޮށްފައިވާ އިރު، ބާސާއިން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރީ ފަހު ވަގުތުގައި ޑިޕޭ އާއި ފިލިޕް ކުޓީނިއޯ ޖެހި ގޯލުތަކުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކުޓީނިއޯ ޖެހި ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.