އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ލިވަޕޫލުން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

މި ހަފްތާގެ ފުރަތަމަ މެޗުގައި މިއަދު އާސެނަލްއިން ނުކުތީ ނިއުކާސަލްއާ ދެކޮޅަށެވެ. އާ ކޯޗު އެޑީ ހޯވްގެ އިރުޝާދުގެ ދަށުން މެޗަށް ނުކުތް ނިއުކާސަލްގެ މައްޗަށް އާސެނަލްއިން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުން މޮޅުވެ އާސެނަލް ވަނީ ހަތަރުވަނައާ ގާތަށް ޖެހިލައިފައެވެ. މިހާތަނަށް ލީގުގައި ކުޅުނު 13 މެޗުން 23 ޕޮއިންޓް ހޯދައިގެން އާސެނަލް މިވަގުތު ފަސްވަނައިގައި އޮތީ ހަތަރުވަނައިގައި އޮތް ވެސްޓްހަމްއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ވެސްޓްހަމް 12 މެޗުން 23 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމުން މި ހަފްތާ ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މިވަގުތު ވެސްޓްހަމް ހަތަރު ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް ދެޓީމުންވެސް ވަނީ ގޯލުގެ ދަނޑިއަށް ހަމަލާތައް އަމާޒުކޮށްފައެވެ. ނިއުކާސަލްގެ ޖޮންޖޯ ޝެލްވީ ދުރުން ފޮނުވާލި ބާރު ހަމަލާ އާސެނަލްގެ ގޯލްކީޕަރު އާރޮން ރެމްސްޑޭލް ޕަންޗުކޮށްލުމުން މަތީ ދަނޑިއަށް އަމާޒުވެފައިވާ އިރު، އަނެއްކޮޅުން ޕިއޭ އެމްރިކް އަބަމަޔާންއަށް ހުސްކޮށް ލިބުނު ހަމަލާގައި އޭނާ ފޮނުވާލި ބާރު ބޯޅަވެސް އަމާޒުވީ ދަނޑިއަށެވެ.

ދެވަނަ ހާފަށް ނުކުމެ 10 ވަރަކަށް މިނެޓް ތެރޭގައި އާސެނަލްއިން ލީޑު ނެގީ ބުކަޔޯ ސަކާގެ ގޯލުންނެވެ. މެޗުގައި އާސެނަލްއަށް ގޯލު ހުޅުވާލަދިން ސަކާއަށް އަނިޔާވެ އޭނާ ބާލަން ޖެހިފައިވާ އިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގެބްރިއަލް މާޓިނެލީ ވަނީ މެޗަށް ނުކުތް ގޮތަށް މިނެޓެއް ތެރޭ އާސެނަލްގެ ދެވަނަ ގޯލު ޖަހައިފައެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި މިރޭ ސައުތުހެމްޓަން ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން ފުލް ކޮންޓްރޯލްގައި ގިނަ އެޓޭކްތަކެއް ކޮށް މެޗު ނިންމާލި އިރު، އެޓީމުން އެންމެފަހުން ލީގުގައި އާސެނަލް ބަލިކުރީވެސް ހަމަ 4-0ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން މޮޅުވެ ލިވަޕޫލް އޮތީ ތާވަލުގެ ދެވަނައިގައެވެ. އެޓީމަށް 13 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސިޓީއަށް 12 މެޗުން ލިބެނީ 26 ޕޮއިންޓެވެ. މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 12 މެޗުން 29 ޕޮއިންޓާއެކު ޗެލްސީއެވެ.

ލިވަޕޫލުން މެޗުގެ ދެވަނަ މިނެޓުގައި ލީޑު ނެގިއެވެ. އަރިމަތިން ރޮބާޓްސަން ހުރަސް ކޮށްލި ބޯޅަ ގޯލަށް ވައްދާލައި ލިވަޕޫލަށް ލީޑު ނަގައިދިނީ ޑިއޭގޯ ޖޮޓާއެވެ. ޖޮޓާ އޭނާގެ ދެވަނަ ގޯލެއް މެޗުގެ 32 ވަނަ މިނެޓުގައި ޖެހި އިރު، ހާފް ނިމުމުގެ ކުރިން ތިއޭގޯ އަލްކަންޓްރާ ވަނީ ލިވަޕޫލަށް ތިންވަނަ ގޯލެއްވެސް ޖަހައިދީފައެވެ.

ހަމަލާތައް ގިނަކޮށް މެޗުގައި ފެނުނު ލިވަޕޫލުން ހަތަރު ވަނަ ގޯލެއް ޖެހީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. އެ ގޯލަކީ އެލެކްސެންޑްރާ އާނޯލްޑްގެ ކޯނަރަކުން ވާޖިލް ވެންޑައިކް ޖެހި ގޯލެކެވެ. އެ ގޯލަށްފަހުވެސް ލިވަޕޫލުން ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދިއެވެ. ސަޑިއޯ މާނޭގެ ބާރު ހަމަލާއެއް ސައުތުހެމްޓަން ގޯލްކީޕަރު މެކާތީ މަތަކުރި އިރު، ސަލާހްގެ ނުރައްކާތެރި ހަމަލާއެއް ސައުތުހެމްޓަންގެ ޑިފެންޑަރު ބްލޮކް ކޮށް ބޭރުކޮށްލިއެވެ.