ޚަބަރު

ދެކުނު އެފްރިކާ ހިމެނޭ ގޮތަށް އެފްރިކާގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

އެފްރިކާގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މަނާކުރަން ސަރުކާރުން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، ދެކުނު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ކޮވިޑް-19ގެ އާ ވޭރިއަންޓް، "އޮމިކްރޯން"އާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި،

މިއަދުގެ މެންދަމު 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން ނުހިމެނޭ ގޮތަސް، ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން ރާއްޖެއަށް މީހުން އެތެރެވުން ހުއްޓާލަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި ރާއްޖެ އައުމުގެ 14 ދުވަސްކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނަ އިރު، ޓްރާންސިޓްވެފައިވާ މީހުން ހިމެނޭނެ ކަމަށް އިއުލާނުގައިވެއެވެ.

އިއުލާނުގައި ބުނީ، ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން، އެފްރިކާގެ އެ ހަތް ގައުމުގައި އުޅެފައި ރާއްޖެ އަންނަ ދިވެހިންނާއި ވޯކްވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 14 ދުވަސް ވަންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

އަދި އެމީހުން ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވުމުން ކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭ އިން ބުނީ، އިއުލާނަށް އަމަލުކުރަން ފަށާއިރު، ރާއްޖެއަށް މީހުން އައުން މަނާކުރި ހަތް ގައުމުން ރާއްޖެއަށް ދަތުރު ފަށާފައިވާ މީހުންނާއި ވޭތުވެދިޔަ 14 ދުވަސް ތެރޭގައި އެ ގައުމުތަކުން ރާއްޖެއަށް އެތެރެވެފައިވާ މީހުން އަންނަނިވި ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

  • - މިވަގުތު ޕީސީއާރު ޓެސްޓެއް ހެދުން
  • - 14 ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި ހޭދަކުރާ މީހުން، 14 ދުވަސް ފުރިހަމަވުމުން އިތުރު ޕީސީއާރު ޓެސްޓެއް ހެދުން
  • - ރާއްޖޭގައި 14 ދުވަހަށްވުރެ ކުރު މުއްދަތެއް ހޭދަކުރާ ފަރާތްތަކުން ރާއްޖޭން ފުރުމުގެ ކުރިން އިތުރު ޕީސީއާރު ޓެސްޓެއް ހެދުން