ޕާކިން ޒޯނުތަކުން އޮންލައިންކޮށް ޕާކިން ސްލޮޓު ގަނެވޭނެ ގޮތް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަންނަ ޑިސެމްބަރު މަހު އިއުލާނު ކުރަން ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ މާލޭ ސިޓީ ކައުންސިލުން ބޭއްވި ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަން ފިޔަވައި ދެން އެންމެ ބޮޑަށް މާލޭ ރައްޔިތުންނަށް އުނދަގޫ ވާނީ ޕާކިންގެ ކަންކަން ހަމަ ނުޖެހުމުގެ ސަބަބުން ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވި، ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މަލްޓި ސްޓޯ ޕާކިން ބިލްޑިންގް ހަދާނެ ކަމަށާއި، ޕާކިންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކާނިވާ ސަރަހައްދު ވެސް ތަރައްގީ ކޮށްފައިވާ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ކާނިވާ ސަރަހައްދުގައި މިހާރު 700 ސައިކަލް ޕާކު ކުރެވޭ އިރު 100 ކާރު ޕާކުކުރުމުގެ ޖާގަ ވެސް ހަދައިފައިވާ ކަމަށެވެ. ކާރު ޕާކިން ޒޯންތަކުގެ ތެރެއިން ކޮންމެ ޒޯނެއްގެ ވެސް ދެބައިކުޅަ އެއްބައި ވަނީ ޓެކްސީތަކަށް ހާއްސަކޮށްފައި ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ޕޯޓަލްއިން އޮންލައިން ކޮށް ޕާކިން ޒޯނުތަކުން ސޮލޮޓު ބުކް ކުރެވެން ނޫނީ ގަނެވެންވެސް ހުންނާނެ ކަމަށެވެ. އެކަން އަންނަ އަހަރަށް ނިންމާލުމަށް މަސައްކަތް ކުރާ ކަމަށާއި އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަކޮޅު އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކުރައްވާނެ ކަމަށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ގެދޮރުގެ މައްސަލަ ހައްލުވުން ކަމަށާއި އެކަން ހައްލު ކުރެވޭނެ ގޮތް އެބަ އޮތް ކަމަށެވެ. ޑރ މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިކަން ހައްލު ކުރެވޭނެ ވަރުގެ ބިމުގެ ޖާގަ އެބަ އޮތް ކަމަށެވެ. އަދި ގުޅިފަޅުގައި ސަރުކާރުން ހަދަން ޕްލޭން ކޮށްފައިވާ ޕޯޓު ހެދުމަށްފަހު ވެސް ގުޅިފަޅުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހި ވަރުގެ ޖާގައެއް އޮންނާނެ ކަމަށާއި އެ ޖާގައިން 30،000 މީހުނަށް ގޯތި ދެވޭނެ ކަމަށެވެ.

މާލޭ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށް ކައުންސިލުން ރާވާފައިވާ ޕްލޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ހިއްސާކުރައްވާފައި ވާނެ ކަމަށާއި ޕްލޭނުގައި ވާ ކަންކަމަށް ސަރުކާރުގެ ފަރާތުން އެއްބާރުން ލިބޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.