ޗެލްސީން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި އިނގިރޭސި ޑިފެންޑަރު ބެން ޗިލްވެލް ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހިދާނެ ކަމަށް ކްލަބުން ބުނެފިއެވެ.

ޗިލްވެލްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ޔަގީނުންވެސް ހަ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ވނީ ބެލެވިފަ އެވެ. ކަކުލުގެ އެސީއެލްއަށް ލިބިފައިވާ އަނިޔާ ޑޮކްޓަރުންގެ ޓީމުން އަދިވެސް ބަލަމުން އަންނަ އިރު، ސާޖިރީއަކަށް ދާން ޖެހޭނަމަ ޔަގީންވާނީވެސް ހަ ހަފުތާ ފަހުންނެވެ.

އެސީއެލްގެ އަނިޔާތަކުގެ ސަބަބުން އާންމުކޮށް ގިނަ ކުޅުންތެރިންނަށް ސާޖިރީއަކަށް ދާން ޖެހެއެވެ. ސާޖަރީއަކަށް ގޮސް ރިކަވާ ކުރަން ޖެހިއްޖެ ނަމަ ޗިލްވެލް އަށް މި ސީޒަންގެ ބާކީ ބައި އެއްކޮށް ގެއްލޭނެއެވެ. ސާޖަރީއަކަށް ދާނެ ކަމާމެދު އަދި ޗެލްސީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

"ޗިލްވެލް ކަކުލުގެ އެސީއެލްއަށް ވަނީ އަނިޔާވެފައި. ސާޖަރީއަކަށް ދާން ޖެހޭނަމަ އެނގޭނީ ކުރިއަށް އޮތް ހަ ހަފުތާ ބެލުމަށްފަހު. ހަ ހަފުތާއިން ރިކަވާ ވެއްޖެނަމަ ޗިލްވެލް ފިޓްކޮށް އެނބުރި އަންނާނެ. ފިޓް ނުވެއްޖެ ނަމަ ދެން ޖެހޭނީ ސާޖަރީއަކަށް ދާން. އެކަމަކު މެޑިކަލް ޓީމު އަދި އަހަރެންވެސް މިހުރީ ޕޮޒިޓިވް ވިސްނުމެއްގައި." ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނެފައި ވަނީ ޗިލްވެލްގެ އަނިޔާއަށް ނިންމަން ޖެހޭ ކޮންމެ ނިންމުމެއްވެސް ނިންމާނީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށާއި، އަވަސް އަރުވާލައިގެން އެއްވެސް ނިންމުމަކަށް ނުދާނެ ކަމަށެވެ.

ޗިލްވެލްއަށް އަނިޔާވުމަކީ ޗެލްސީއަށް ލިބޭނެ ބޮޑު ނާއުންމީދެކެވެ. އުމުރުން 24 އަހަރު ފުލްބެކް ޗިލްވެލްއަކީ މި ސީޒަންގެ މިހާތަނަށް އައިއިރު ޗެލްސީންގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޑިފެންސަށް ކުޅުނު ނަމަވެސް ތިން ގޯލާއެކު އެއް އެސިސްޓްވެސް މިހާތަނަށް ހަދާފައެވެ.