ދޭދޭ އަފުރާދުންގެ މެދުގައި ހިނގާ އަނިޔާގެ އަމަލުތަކާ މެދު މުއައްސަސާތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި އެހެންނޫން ނަމަ ދީނީގޮތުން ހުއްދަ ނުކުރާ އެތަކެއް އަމަލުތަކަކަށް މަގުފަހިވެދާނެ ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިވާން ޖެހޭ ކަމަށާއި އަނިޔާ ލިބިގެންވާ މީހާގެ ދުއާއަކީ އިޖާބަވުން ވަރަށް އަވަސް ދުއާއެއް ކަމަށެވެ.

"ދޭދޭ އަފުރާދުންގެ މެދުގައި ހިނގާ އަނިޔާގެ އަމަލުތަކުގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި، މުޖުތަމައުގައި އޮންނަ ސުލްހަމަސަލަސްކަން ބޮއްސުންލައިގެން ދާތަން ބަލަން ކަމާބެހޭ މުއައްސަސާތަކުން ތިބެގެން ނުވާނެއެވެ. އޭގެ ސަބަބުން މުޖުތަމައުގެ އެކުވެރިކަމާއި، އެއްބާރުލުން ނެތިގެން ދާތަން ބަލަން ނުތިބެ، ފިޔަވަޅު އަޅަން ޖެހޭނެއެވެ. އަދި މިކަމުގައި ފަރުވާ ކުޑަކޮށްފި ނަމަ، މުޖުތަމައުގައި އަރާރުންތައް އުފެދި، ދީނީގޮތުން ހުއްދަ ނުކުރާ އެތަކެއް އަމަލުތަކަކަށް މަގުފަހިވެގެން ހިނގައިދާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މިއަދު މި ދިވެހި ވެށީގައި ދެ ޖިންސުގެ މީހުން ވެސް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެގެންދާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުން ކަމަށެވެ. އަދި އޭގެ އިތުރުން ފިރިހެނުންނާއި ކުޑަކުދިންނާއި ދަރިންނާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި ސްކޫލުތަކުގެ ދަރިވަރުން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

"މިއަދު ގޭގެ އާއި އެފަދަ އެހެނިހެން ވެށިތަކުގެ ތެރެއިން އަނިޔާއާއި ޖިންސީ ފުރައްސާރައާއި ގޯނާތައް އިތުރުވަމުންދަނީ ކަންބޮޑުވާ ޖެހޭ މިންވަރަކަށެވެ. އެންމެ ގާތްތިމާގެ މައްޗަށް ވެސް މިއަދު އިތުބާރެއް ނުކުރެވެއެވެ. އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް، ގޯނާއެއް، ތުރާލެއް ކުރުމަކީ އިސްލާމް ދީނުގެ މަތިވެރި އަސާސެއް ކަމުގައިވާ އޯގާވެރިކަމާ އަރާރުންވާ ކަމެކެވެ. ޝަރުއީ ނައްސުތަކަށް ބަލާ އިރު، ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، ކުޑަކުއްޖަކަށް ވިޔަސް، ބޮޑު މީހަކަށް ވިޔަސް، އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ މާތްﷲ ހަރާމްކުރައްވާފައިވާ ކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މިއަދު ނުހަނު ގިނައިން އިވެމުންދަނީ ތިމާގެ މީހުންނާއި އެކުވެރިންނާއި އަނބިން ނުވަތަ ފިރިން ފަދަ ނުހަނު ގާތް ފަރާތްތަކުން އެކަކު އަނެކަކަށް ކުރާ ތުރާތަކާއި އަނިޔާގެ ވާހަކަ ކަމަށާއި އޭގެ ތެރެއިން ގެވެށި އަނިޔާގެ ވާހަކަ ވަކިން ހާއްސަގޮތެއްގައި ފާހަގަވެގެންދާ ކަމަށެވެ.

"މުސްލިމް އަންހެނުންނަކީ މުޖުތަމައުގެ އެއްބައެވެ. އަދި އެކަނބަލުންނަކީ މުސްލިމް ފިރިހެނެއްގެ އަނތްބެއް ނުވަތަ މައެއް ނުވަތަ އުހުތެއް ނުވަތަ ދަރިއެއް ކަމުގައިވާ އިރު، އެކަނބަލުންނަށް އިހާނެތިކޮށް ހިތުމުގެ ކުރިން، އެކަމާ މެދު ކޮންމެ މުސްލިމު ފިރިހެނަކު ވިސްނާލަން ޖެހޭނެއެވެ. ހަމަ މި މޭރުމުން ފިރިހެނުންނަކީ މުސްލިމް އަންހެނެއްގެ ފިރިއެއް ނުވަތަ ބަފައެއް ނުވަތަ އަހެއްކަމުގައިވާ އިރު، އެމީހުންނަށް އިހާނެތިކޮށް ހިތުމުގެ ކުރިން އެކަމާ މެދު ކޮންމެ މުސްލިމު އަންހެނަކު ވިސްނާލަން ޖެހޭނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ އެއްވެސް މުސްލިމަކު އަނެކެއްގެ އަބުރާ ބެހުމާއި، ފުރައްސާރަ ކުރުމާއި، ހޭރުވުމާއި، އިއްފަތްތެރިކަމަށް އަރައިގަތުމާއި، އިސްލާމް ދީން ހުއްދަ ނުކުރާ ފާހިޝް ކަންކަން ހިންގުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.