މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗުގެ މަގާމަށް ރާފް ރަންގްނިކް އައްޔަންކޮށް، އެކަން އިއުލާން ކުރަން އެ ކްލަބުން ތައްޔާރުވެއްޖެއެވެ.
އިތުބާރު ހިފޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޔުނައިޓެޑުން ރަންގްނިކަށް ދޭން ގަސްދުކޮށްފައި ވަނީ ހަ މަސް ދުވަހުގެ އެއްބަސްވުމެކެވެ. އުމުރުން 63 އަހަރުގެ ޖަރުމަނު ކޯޗު ޔުނައިޓެޑުގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވާނެ ދުވަހެއް އަދި ކަނޑައެޅިފައި ނުވާ އިރު، ރަންގްނިކް މިވަގުތު ހުރީ ލޮކޮމޯޓިވް މޮސްކޯގެ ހެޑް އޮފް ސްޕޯޓްސް އެންޑް ޑެވަލޮޕްމަންޓް މަގާމުގައެވެ. އެ ކްލަބުގައި އޭނާ އަންނަނީ ހަރުދަނީ ފިޔަވަޅުތަކެއް އަޅުމުންނެވެ.
މިވަގުތު ޔުނައިޓެޑުން ރަންގްނިކާއެކު އެއްބަސްވި ނަމަވެސް، އަދި ލޮކޮމޯޓިވް މޮސްކޯއާއެކު އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ.
ރަންގްނިކަކީ މޮޑާން ފުޓުބޯޅައިގެ އެއް ބާނީއެވެ. ޖަރުމަނުގެ ތެރެއިން އުފެދިގެން އައި އިތުބާރު ކޯޗުން ކަމަށްވާ ޔާގަން ކްލޮޕާއި ތޯމަސް ޓުޗެލްގެވެސް މެންޓާއަކީ ރަންގްނިކެވެ. އޭނާއަކީ ޖަރުމަނުން ތައާރަފުކުރި ހައި ޕްރެސިން، ހައި އިންޓެންސިޓީ ފުޓުބޯޅައިގެ އެންމެ ފުންނާބު އުސް އެއް ކޯޗެކެވެ.
ރަންގްނިކަކީ ޖަރުމަނު ޑޮމެސްޓިކް ލީގުގައިވެސް އިންގިލާބީ ނަތީޖާތަކެއް ހޯދި ކޯޗެކެވެ. ޝާލްކޭއާއެކު 2011 ވަނަ އަހަރު ޖަރުމަން ކަޕް ކާމިޔާބުކުރުމުގެ އިތުރުން އާރްބީ ލެއިޕްޒިގާއެކު އެ މުބާރާތުގެ ފައިނަލަށްވެސް ރަންގްނިކް ދަތުރުކޮށްފައިވެއެވެ. އޭގެ އިތުރުން ޝާލްކޭއާއެކު 2010-11 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށްވެސް ރަންގްނިކް ދަތުރު ކޮށްފައިވެއެވެ.
ކޯޗިންގެ އިތުރުން ކްލަބުތަކުގެ ޓެކްނިކަލް ރޯލުތަކުން ރަންގްނިކް ފާހަގަކޮށްލެވޭ އިރު، ބެލެވޭ ގޮތުގައި ޔުނައިޓެޑާ ރަންގްނިކް ގުޅޭނީ ޕްރޮޖެކްޓަކާ އެކުގައެވެ. މިވަގުތު ޕްރިމިއާ ލީގު ތާވަލުގެ އަށްވަނައިގައި ޔުނައިޓެޑް އޮތް އިރު، އެންމެފަހުން ހުރި އޮލެ ގުނަ ސޮލްޝެއާ މަގާމުން ވަކިކުރީ އެންމެފަހުން ވަޓްފޯޑު އަތުން 4-1 އިން ބަލިވި މެޗަށްފަހުއެވެ.
ޔުނައިޓެޑްގެ ކެއާ ޓޭކާގެ މަގާމުގައި މިވަގުތު ހުރީ މައިކަލް ކެރިކެވެ.