ޚަބަރު

އިންޑިއާ އައުޓް ކެމްޕޭނުގެ ބާނީއަކީ ޔާމީން، ކިތަންމެ ދައުވާއެއް ކުރިޔަސް މި ހަރަކާތަށް ހުއްޓުމެއް ނާންނާނެ: އަދުރޭ

މުހައްމަދު އިޝާން

ސަރުކާރާ އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕޭނުގެ ބާނީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ކިތަންމެ ދައުވާއެއް ކުރިޔަސް އެ ހަރަކާތް ހުއްޓައިނުލާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިސްވެ ހިންގާ ހަރަކާތެއް ނަމަވެސް، އެކަމުގައި ރައީސް ޔާމީންގެ ބައިވެރިވުން އޮތް މިންވަރެއް ކުރިން ހާމަކޮށްފައެއް ނުވެއެވެ.

ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ދާހިލާ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދިމުން ސަރުކާރުގެ މަގާމުތަކުގައި މިހާރު ތިބި ބޭފުޅުންގެ އެހީތެރިކަމާއެކު ޔާމީނުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައީސް ޔާމީނުގެ މައްޗަށް ދުވާލަކު ދިހަ ދައުވާ ކުރިޔަސް އިންޑިއާ އައުޓް ކެމްޕޭން ނުހުއްޓުވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ އިންޑިއާ އައުޓް ހަރަކާތުގެ ބާނީއަކީ ރައީސް ޔާމީނޭ. އެހެންވީމާ ދުވާލަކު ދައުވާއެއް މިއަދު ރައީސް ޔާމީންގެ މައްޗަށް އެބަ އުފުލާ. ރައީސް ސޯލިހަށް ދަންނަވާލަން ބޭނުންވަނީ ދުވާލަކު މަތިމައްޗަށް ދިހަ ދައުވާ އުފުލަމުން ގެންދިޔަޔަސް، ރައީސް ޔާމީނަކީ ތިޔަ ބޭފުޅުންގެ ކުރިމަތީ ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫނޭ. ރައީސް ޔާމީނަކީ މި ގައުމުގެ މިނިވަންކަން ގުރުބާން ކުރައްވާނެ ބޭފުޅެއް ނޫނޭ. ރައީސް ޔާމީނަކީ ދިވެހިންގެ ކަންކަން ނިންމަން އެހެން ބައެއް އަތްމައްޗަށް ބާރު ދޫކޮށްލަވާނެ ބޭފުޅެއް ނޫނޭ. ރައީސް ޔާމީނަކީ ދިވެހިރާއްޖޭގެ ފަސްގަނޑުގައި ބާތިލު ދީންތަކަށް ޖާގަ ދެއްވާނެ ބޭފުޅެއް ނޫނޭ،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިންޑިއާގެ އެދުމުގެ މަތިން ޔާމީންގެ ވެރިކަން ވައްޓާލަން އެހީވެދިން މީހުންނަށް ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި، އޮޅުވާލައިގެންނާއި ނުހައްގުން ހޯދާ ވެރިކަމެއް މާގިނަ ދުވަހަކު ދެމިނޯންނާނެ ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭނު ފެށުމުން އެއީ ހައެއްކަ މީހުން ބައިވެރިވާ ކެމްޕޭނެއް ކަމަށް ސަރުކާރުން ބުނެ މަލާމަތްކުރި ކަމަށާއި، އެފަހުން ކެމްޕޭނުގެ ބައިވެރިން މާލޭގެ މަގުތައް ފުރާލުމުން އެއީ ގްރޫޕުތަކަށް ފައިސާ ދީގެން ނެރުނު މީހުން ކަމަށް ސަރުކާރުން ބުނަމުންދަނީ އެކަން ހަޖަމުނުވާތީ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.