"ފުޓުބޯޅަ މިއީ ޖޯކަކަށް ވެއްޖެ. ބޮޑު ހަރަދުކޮށް ނަތީޖާއެއް ނުނެރެވޭ. މުޅިން ހުރިހާ ކަމެއް އަލުން ފަށަން ވެއްޖެ،" މިއީ ޓުވީޓެކެވެ. އެނަލިސްޓެއްގެ ނަޒަރު ނޫނަސް، ސަޕޯޓަރެއްގެ ވިސްނުމެވެ. ފުޓުބޯޅައިގައި އެކްސްޕާޓުންނެކޭ އެއްވަރަށް ސަޕޯޓަރުންގެ އިހުސާސްވެސް މުހިއްމެވެ. ގައުމީ ޓީމުން ބޮޑު ދެ މުބާރާތް ނިންމާލި އިރު، މިހެން ހުރި އެތައް ވާހަކައެއް ހުއްޓެވެ. އެއީ އުދާސްތަކެވެ. މާޔޫސްކަމެވެ. ތާރީހުގައި ނުދާހާ ދަށް ހިސާބަކަށް ގައުމީ ޓީމު ދިޔަކަން އިހުސާސްވި ބައެއްގެ ޖަޒުބާތެވެ.
އެއްބަހެވެ. ޓީމު މުޅިން ގޯހީކީ ނޫނެވެ. ބަލިވީމަ އެވާހަކަ ގޮވަނީކީވެސް ނޫނެވެ. ދުވަސްކޮޅެއް ފަހުން ނަމަވެސް، މި ވާހަކަތަކަށް ތަފުސީލު ގެނައުން މުހިއްމު ކަމަށް އަދިވެސް ދެކެވެނީއެވެ.
މޮޅާއި ދެރައަކީ ފުޓުބޯޅަ ކީއްކުރަން، ހުރިހާ ކުޅިވަރެއްގެ ވެސް ހަމައޭ ބުނެ ނިންމާލުމަކުން ނުފުދޭނެއެވެ. އަހަރަމެން ފިރުކޭން ތިއްބައި ސަރަހައްދީ ގައުމުތައް އަރައި ހަމަކޮށް މާ ކުރިޔަށްވެސް ހިނގައްޖެއެވެ. ރާއްޖޭގެ ޒުވާން ޖީލުތަކަކަށް ފުރުސަތެއް ނެތެވެ. ފުރަތަމަ ޑިވިޝަނަކީ "ޖޯކް"އަކަށް ވެއްޖެއެވެ. މުސާރަ ނުދެވި ގެންގުޅޭ ކުޅުންތެރިންތަކަކާއެކު ކޮންމެ ސީޒަނެއް ނިމިގެންދަނީއެވެ.
މިއީ އުނދަގޫ ވާހަކައެއް ނަމަވެސް، ދައްކަން ޖެހިއްޖެ ވާހަކައެކެވެ. ނޫންނަމަ މި "ރިއާލިޓީ"އާ ކުރިމަތިލާނެ ހިތްވަރެއް ނުހުންނާނެއެވެ. ފަށާނީ ސާފާއި މަހިންދަރާޖަޕަކްސާ ޓްރޮފީގެ ނަތީޖާތަކުންނެވެ. އެ ފެއިލި ވުމަކީ ސިސްޓަމެއް ނެތި ވީ ފެއިލެއް ކަން ޔަގީންވާ އިރު، ނިންމާނެ ހިސާބަކަށް ދުރު ރާސްތާ ޕްލޭންތައް ތަންފީޒު ކުރަން މަޖުބޫރުވާ ހިސާބަށް ދަމާ ހިނގާށެވެ.
ސާފަށް ކުރިމަތިލީ ތިންވަނަ ފަހަރަކަށެވެ. "މަގޭ މަހަލް ދީބަށް" އަމިއްލަ ގައުމުގައި ތަށި ހޯދަން ނުކުތް ޓީމުގެ ނަތީޖާ އެވްރެޖެވެ. މިހެން ބުނަން ބޭނުން ނުވިޔަސް ބުނާން ޖެހެއެވެ. ނޭޕާލް އަތުންވީ ހުތުރު ބައްޔެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް ނޭޕާލް ކައިރިން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. އެވެސް އަމިއްލަ ދަނޑުގައި އެތަކެއް ސަޕޯޓަރުންނެއް ކުރިމަތީގައެވެ.
އިންޑިއާ އަތުންވެސް ބަލިވެ ސާފުން ކެޓި އިރު، ދެން މަހިންދަ ރާޖަޕަކްސާ ކަޕަށް ގޮސްވެސް ދިވެހި ޓީމަށް ދިމާވީ އުނދަގޫ ކަންތައްތަކަކާއެވެ. ފުރަތަމަ މެޗުގައި ހިތި ގޮތަކަށް ލަންކާ ކައިރިން ވީ އެއްވަރެވެ. ހަތަރު ގޯލުގެ ލީޑެއް ފަހު 25 މިނެޓުގައި ގެއްލުވާލި މެޗަކީ ތާރީހަށް ބަލާއިރުވެސް ލަދުވެތި މެޗެކެވެ. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ބަންގުލަދޭޝް އިން ރާއްޖެ ބަލިކުރި ފަހުން އެގައުމަށް ރާއްޖެ ބަލި ނުކުރެވި 18 އަހަރު އޮތެވެ. އެހެން ނަމަވެސް އެ ރެކޯޑުވެސް ނިމުމަކަށް އައީ އެވެ.
ސީދާ ސީދަލަށް ރާއްޖެ ފަހަތަށް ވެއްޓިގެން ދިޔައޭ ނުބުނެވުނު ނަމަވެސް، އެހެން ގައުމުތައް އަރައި ހަމަކޮށްފިއޭ ބުނެވޭން އެބަ އޮތެވެ. ނަތީޖާއިން ބުނަނީ އެހެންނެވެ. އެ ސްކޮޑުތަކުގެ ޖޯޝު މާ ވަރަގަދައެވެ. މާ ޒުވާނެވެ. ނޭޕާލުން ސާފަށް ގެނައި ސްކޮޑުގައިވެސް 30 އަހަރުން މަތީގެ ތިބީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ އަދިވެސް ޕީކުގައި ހުރި 31 އަހަރުގެ މާޒިޔާ ގޯލްކީޕަރުގެ ކިރަން ކުމާރުގެ އިތުރުން 31 އަހަރުގެ ފޯވަޑް ނަވަޔުގް ޝްރެސްތާ އެވެ. ދެން އޮތީ ބަންގުލަދޭޝް ޓީމެވެ. ތިންވަނަ ގޯލްކީޕަރު، 33 އަހަރުގެ އަޝްރަފުލް އިސްލާމް ރާނާގެ އިތުރުން 30 އަހަރުން މަތީ ތިބީ 31 އަހަރުގެ އިތުބާރު ކެޕްޓަން ޖަމާލް ބުޔާން އާއި ބެންޗުގައި އިން ޑިފެންޑަރު އުމުރުން 34 އަހަރުގެ ރެޒައުލް ކަރީމެވެ.
ހަމައެގޮތަށް ލަންކާ ޓީމަށް ބަލާއިރު، އިނގިރޭސިވިލާތަށް އުފަން 33 އަހަރުގެ މާވިން ހަމިލްޓަންގެ އިތުރުން ޓީމުގައި ދެން ހިމެނުނީ 30 އަހަރުން މަތީ ދެ ކުޅުންތެރިންނެވެ. އެއީ ޑަކްސަން ޕުސްލަސް އާއި މުހައްމަދު ފަޒަލް އެވެ.
ދެން ބަލަން ވީ ރާއްޖެއަށެވެ. ލަންކާ މުބާރާތުގެ ފުރަތަމަ މެޗަށް ނެރުނު 11 ގައިވެސް 30 އަހަރުން މަތީގެ ހަތަރު ކުޅުންތެރިން ތިއްބެވެ. އޭގެން ސިފަވީ ކުޅުންތެރިން އުފެއްދުމުގައި ރާއްޖެ، އެހެން ގައުމުތަކަށްވުރެ ދަނށުގައި އުޅޭ ކަމެވެ.
"ރާއްޖޭގެ ކުޅުން މުޅިން ގޯހަކީވެސް ނޫން. ބަލިވެދާނެ. ބަލިވުމަކީ މައްސަލައެއްވެސް ނޫން. ބަލިވާ ފަހަރާއި މޮޅުވާ ފަހަރު ގިނައިން ކުޅޭ ވަރަކަށް އަންނާނެ. ހުނަރާއި ސާފް ގައިވެސް ދެއްކި ޓެކްނިކަލް ކުޅުމަށް ބަލައި އަދިވެސް ރާއްޖެއަކީ ހަމަ ގަދަ ބާރެއް. އިންޑިއާ ނަގާފަ އަދިވެސް އޮތީ ރާއްޖެ. އެހެން ޓީމުތަކާ ބަލާފަ އެ ހުނަރުގެ ތަފާތު އެބަހުރި،" ކުޅިވަރު ތަޖުރިބާކާރު، ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ)ގެ ނަޒަރުގައި އަދިވެސް ރާއްޖެ އޮތީ ކުރީގައެވެ.
އެހެން ނަމަވެސް މާއްޓޭގެ ވިސްނުމުގައިވެސް ދިވެހި ފުޓުބޯޅައަށް ދުރު ރާސްތާ ޕްލޭނެއް ނެތިއްޖެ ނަމަ އެހެން ގައުމުތަކުން އަރައި ހަމަކުރާނެއެވެ.
"މި ރީޖަންގެ އެންމެ ވަރުގަދަ އެއް ގައުމު އަދިވެސް ރާއްޖެއަކީ. 1990 ގެ އަހަރުތަކުގެ ތެރެއިން ކުޅުނު މެޗުތަކަށް ބަލާއިރު ރާއްޖެ ފުޓުބޯޅައިގައި ވަރަށް ބޮޑަށް ޑޮމިނޭޓް ކުރާނެ. އެކަމަކު އެހިސާބުން ފެށިގެން މިއަދާ ހަމައަށް އައި އިރު އެމީހުން ވަރަށް ބޮޑަށް ގެޕް ކުޑަކޮށްފި. ރާއްޖެއަކަށް މިހާރު ބުނެލާފަ އެޓީމުތައް ބަލިކުރަން އުނދަގޫވާނެ. އެޓީމުތަކުގެ ކޮޅަށް ހަތަރު ފަސް ގޯލު ޖަހައެއް ނުލެވޭނެ. އެޓީމުތައް ގާތްކޮށްފި. އެޓީމުތަކުގެ ގޯލްތައް އެއީ ރާއްޖެ ފަދަ ޓީމުތައް ބަލިކުރުންވެސް. ރާއްޖެވެސް އެބަޖެހޭ ވިސްނުން ދުރަށް ދާން. އިންޑިއާއަކާ ހަމައަކަށްވެސް ނޫން. އޭގެންވެސް ބޭރަށް ވިސްނަންވީ،" މާއްޓޭ "ވަން" އާ އެކްސްކްލޫސިވްކޮށް ވާހަކަ ދައްކަމުން ބުންޏެވެ.
ގައުމީ ޓީމަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ފުޓުބޯޅައިގެ ފެންވަރު ދަށަށްދާ ދިޔުމަކީ ކުޅުންތެރިޔަކު އަދި ގައުމީ ކޯޗަކުވެސް ހަގީގަތުގައި ޒިންމާ ނަގަން ޖެހޭނެ ހިސާބެއް ނޫނެވެ. ގައުމީ ޓީމަށް ލިބެން އޮންނާނީ ގައުމުގެ ފުޓުބޯޅަ ސިސްޓަމަކުން ލިބެން އޮންނަ ހެވެކެވެ. އެހެންކަމުން މުޅި ސިސްޓަމުން މި ކަމުގެ ޒިންމާ ނަގަން ޖެހެއެވެ.
ގައުމީ ޓީމަށް އޮތް ސިސްޓަމުގެ މައްސަލައަށް ބަލާއިރު ފުރަތަމަ ފެންނަން އޮތީ ލީގެވެ. އެހެން ގައުމުތަކުގެ ލީގުތައް ބްރޭންޑްކޮށް، އަހަރުން އަހަރަށް އަންނަނީ ފުޅާކުރަމުންނެވެ. އިންޑިއާއިން ސުޕަ ލީގާއެކު ބޮޑު ވިޔަފާރި ފްރެންޗައިސްއެއް ގާއިމުކޮށް، އަތު ނުޖެހޭ ހިސާބަށް ހިނގައްޖެއެވެ. އެ ލީގު ބަލާނެ ބަޔަކު އެބަ ތިއްބެވެ. އަނެއްކޮޅުން ނޭޕާލުގެ ފުރަތަމަ ޓަޔާގައި ހިމެނި ތިން ލީގެއް މިހާރު ވަނީ ކުޅެން ފަށައިފައެވެ. މާޓީސް މެމޯރިއަލް އޭ ޑިވިޝަން ލީގާއި ގައުމީ ލީގުގެ އިތުރުން ވިޔަފާރި ވިސްނުމުގައި މިހާރު އެގައުމުންވެސް ވަނީ އާ ފްރެންޗައިސްއެއް ކަމަށްވާ، ނޭޕާލް ސުޕަ ލީގުވެސް ތައާރަފު ކޮށްފައެވެ. މިއަހަރު އެ މުބާރާތް ކުޅުނުވެސް މެއެވެ.
ހަމައެއާއެކު ކައިރީގައި އޮތް ބަންގުލަދޭޝްގެ ލީގަކީ އެންމެ މުސާރަތައް ބޮޑު އެއް ލީގެވެ. އެގައުމުގެ ލީގުތަކުގެ ކްލަބުތައް ހިންގަމުން އަންނަނީ މާލީ ގޮތުން ތަނަވަސް ބޮޑެތި ކުންފުނިތަކެވެ. ކުުޅުންތެރިންގެ މުސާރަތައް ސަރަހައްދީ ތަރާދަކުން މިނެކިރާލާއިރު، މާ ބޮޑަށްވެސް ރަނގަޅެވެ. ސީދާ މުސާރަތައް ނޭނގުނަސް، 2017 ވަނަ އަހަރުވެސް ބަންގުލަދޭޝް ލީގުގެ ސައިފް ސްޕޯޓިންއަށް ބްރެޒިލްގެ ކުޅުންތެރިޔަކު މަހަކު 13،000 ޑޮލަރަށް ގެންގޮސްފައިވެއެވެ. އަދި މިހާރުގެ މުސާރަތައް އޮސްޓްރޭލިއާގެ އޭ ލީގާވެސް އަޅުވައި ކިޔައިލެވެއެވެ.
އޮސްޓްރޭލިއާ ލީގުގެ ސައުތު މެލްބޯން އެންއެސްއެލްއަށް ކުރިން ކުޅެ، މިހާރު ބްރެޒިލް ކުޅުންތެރިންގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ ސްޓީވް ޕަނަޕޯލަސް ބުނެފައިވާ ގޮތުން، ބްރެޒިލްގެ ކުޅުންތެރިންގެ ކެރިއަރުގައި އެންމެ މުހިއްމީ ފައިސާ ކަމަށްވާ އިރު، މިހާރު އޭ ލީގު ދޫކޮށް ކުޅުންތެރިން މިސްރާބު ޖަހަނީ ބަންގުލަދޭޝް ލީގާއި ތައިލެންޑް ލީގު ފަދަ ލީގުތަކަށް ކަމަށެވެ. އެއީ ބަންގުލަދޭޝް ލީގުގެ މުސާރަ ސާފުވާ ހިސާބެވެ.
މި ވާހަކަތައް ދައްކާފައި، ދެން ދައްކަން މި އޮތީ ރާއްޖޭ ލީގުގެ ވާހަކައެވެ. ކްލަބުތަކުގެ ތެރެއިން ފުރިހަމަ މުސާރަތައް ދީ، އަނިޔާވީމަ ޒިންމާ ނަގާ ހިސާބުގައި މި ހިންގެނީ އެކެއް ނޫނީ ދެ ކްލަބަކަށެވެ. ވަގުތީ ފައިސާ ކޮޅެއްގެ ތެރެއިން، ނޫނީ ސަރުކާރުގެ ތެރެއިން ލިބޭ ފައިސާއިން ކްލަބުގެ މާލީ ހާލަތު ހަމަޖައްސައިގެން މުސާރަތައް ދޭން ޖެހި، ކްލަބުތައް އޮތީވެސް ބޮޑުތަނުން މާޔޫސް ކަމުގައެވެ. ކޮންމެ ސީޒަނަކަށް ކްލަބުތައް އެކުލަވާލަން ޖެހެނީ އާ ފެށުމަކުންނެވެ. ހައްތާވެސް ފައިސާގެ ދަތިކަމެވެ. ލީގު ޕްރޮފެޝަނަލް ވާން އޮތް މިސްރާބު ވަރަށް ދުރެވެ.
"ގައުމީ ޓީމު ރަނގަޅު ކުރަން ބޭނުން ނަމަ ލީގު ރަނގަޅުކުރަން ޖެހޭ. ބަންގުލަދޭޝް ލީގު ތަންތަނުގައި ކުޅޭ ކުޅުންތެރިން، އިންޑިއާ ލީގުގައި ކުޅޭ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ވާން ފުރުސަތު ކްލަބުތަކުގެ ކެޕޭސިޓީން ދޭ. އެ ކުޅުންތެރިންނަށް ދެވޭ މުސާރަތައް ވަރަށް ބޮޑުތަނުން ބޮޑު. މިތާ ކުޅޭ ކުޅުންތެރިން ކުޅެން މި ޖެހެނީ ހަމަ ސީދާ ސީޒަނަށް. އެ މުސާރަ ކޮޅުވެސް ގިނަ ފަހަރު މި އޮންނަނީ ނުދެވި. އެ ހިސާބުން ކުޅުންތެރިޔާވެސް ދުވާލު އިތުރު ވަޒީފާއަކަށް ގޮސް އަނބިދަރީންނަށް ކާންދޭން މަސައްކަތް ކުރަން އެބަ މަޖުބޫރު ވޭ. ރާއްޖޭގެ އަތޮޅު ތެރެއިން އައިސް މާލޭގައި ކުއްޔަށް އުޅޭ ކުޅުންތެރީން ގިނައީ،" ރާއްޖޭގެ ލީގަށް ހުރި ދަތިތަކާ ގުޅިގެން ކުރީގެ ޑިފެންޑަރު، އަދި މިހާރުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) "ވަން"އަށް ބުންޏެވެ.
ސޮބާގެ ނަޒަރުގައި މުޅި ލީގު ޕްރޮފެޝަނަލް ވާން ޖެހެއެވެ. އެހެން ނަމަވެސް އެކަމަށް ކްލަބުތަކަށްވެސް އޮތީ އުނދަގޫ މަގެކެވެ. ފައިސާ ހެދޭނެ ބިޒްނަސް ސިސްޓަމެއް ލީގުގައެއް ނެތެވެ. ޓިކެޓް ފައިސާއެއް، ޓީވީގެ ފައިސާއެއް ލީގަކުން ކްލަބުތަކަކަށް ނުލިބެއެވެ. އެންމެ ފުރަތަމަ ލީގުގެ ބްރޭންޑެއް ރަނގަޅަށް ގާއިމުކޮށްގެން ނޫނީ އެކަން ވާކަށްވެސްނެތެވެ.
"ބުރަކޮށް މަސައްކަތް ކޮށްފައި ހަވީރު ޗޭންޖު ކޮށްލައިގެން މި އަންނަނީ ފަރިތަކުރުންތަކަށް. އެ ކުޅުންތެރިންގެ ގައިގައި ފުލް ޕްރެކްޓިކްސްއަކަށް ހުންނާނީ ކިހާ ކޮންސަންޓްރޭޝަންއެއް އަސްލު. އެ ބުނާ ފޯކަސްއެއްވެސް ނުހުންނާނެ. 100 ޕަސެންޓް ދައްކަން އުނދަގޫވާނެ. އެހެންވީމަ ލީގު ލީގަކަށް ވާން އެބަ ޖެހޭ. އެކަމަކު އެކަން ވާން އޮތީ އެންމެ މަތިން ފެށިގެން ޕްލޭނެއް ކުރެވިގެން. ބްރޭންޑެއް ހެދެން އެބަ ޖެހޭ. މި މާކެޓް ކުރެވެން އެބަ ޖެހޭ. އެހެންވީމާ އެންމެން އެއްކޮށް އުޅެގެން މިކަން ވާން އޮތީވެސް،" ސޮބާ ބުންޏެވެ.
- ކޯޗުންނަށްވެސް އުނދަގޫތަކެއް
"ދިވެހި ކޯޗުންގެ ސްޓައިލަށް ބަދަލު ގެންނަން އެބަ ޖެހޭ. އަދި ކޮބާ، މުޅި ރާއްޖޭގައި ކޯޗުން ތަމްރީނުވެސް ވާން އެބަ ޖެހޭ. އެކަން އެކަށީގެންވާ ވަރަށް ނުހިނގާތަނުގައި އަމިއްލަ ހުނަރު ކުރިއަރުވައި އާކޮށްލަން ރިފްރެޝާސް ކޯސްތައްވެސް ނުބޭއްވޭ. ފުރުސަތުތައް އެހެން ގައުމުތަކުންވެސް ނުލިބިގެން އުޅޭއިރު، ރާއްޖޭގައި ތިބެ ރިފްރެޝް ކޮށްލެވެންވެސް ޖެހޭނެ. ކައިރި ގައުމުތައް، މިސާލަކަށް އިންޑިއާއިން އެ އުފައްދަނީ ހަމައެކަނި އަންހެންވެސް އެތައް ކޯޗުންނެއް. އެތައް ޓްރެއިނަރުންނެއް. އެކި ހިސާބުތަކުގެ ޕްރޮޖެކްޓްތަކަށް. ކޯޗިން ކޯސްތައް ސަރަހައްދީ ގައުމުތަކުގައި ހުރީ މެކުހަށް ޖަހާފައި. އެފްއޭއެމުން ކޯޗުންނަކަށް އެކަށީގެންވާ މަސައްކަތެއް ނުކުރޭ. ވަކި ކޯޗުންތަކެއް ލައިގެން އަބަދު އެކަން ކުރަން ވިސްނަނީ. ކިރިޔާވެސް މިހެން ބުނާ މީހަކު ބާކީވާނެ،" ނަން ހާމަކުރަން ބޭނުން ނުވާ ކޯޗަކު، ރާއްޖޭގެ ފުޓުބޯޅައިގައި ކޯޗުންގެ ކަންކަން އޮތް ގޮތަށް ބިނާކޮށް "ވަން"އަށް ބުންޏެވެ.
ކޯޗުންގެ ފެންވަރަށްވެސް ބިނާކުރަނިވި ބަދަލެއް ނާދެއެވެ. އިންފްރާސްޓްރަކްޗާގެ އިތުރު ކަމާއެކުވެސް ޕްލޭނެއް ނެތެވެ. ހާއްސަކޮށް ޕްރޮޖެކްޓް އިއުލާން ކޮށް، ގިނަ ޕްރޮޖެކްޓްތަކެއް ދަނީ ހަމަ ފެއިލިއާ އަކަށެވެ.
އެފްއޭއެމުން ރާއްޖޭގެ ފުޓުބޯޅަ ރަނގަޅު ކުރުމަށް ތަފާތު ވިސްނުންތަކަކަށް ދިޔަތަން ފެނުނެވެ. އެއްފަހަރު ޕްރެސިޑެންޓްސް ކަޕް، ނޫނީ ޕޮމިސް ކަޕުގެ ނަމުގައި ކްލަބު ފުޓުބޯޅަ މުބާރާތް ބާއްވައެވެ. އަނެއް ފަހަރު އަތޮޅު ތެރެ ބޮޑަށް ޝާމިލުވާނެ މިނިވަން ޗެމްޕިއަންޝިޕް ބާއްވައި، އޭގެ ޓީމުތައް މާލެވެސް ގެނައެވެ. އެ ތަޖުރިބާ ނިމިދިޔައީ މާ ރަނގަޅަކަށް ނޫނެވެ. މާލީ ގޮތުން އެ ޓީމުތައް އިނދަ ޖެހިގެން ދިޔައީ ލާނެ ޖާޒީތައްވެސް ނުގަނެވޭނެ މިންވަރަށެވެ.
ކޮންމެއަކަސް ލީގަކަށް ބަދަލެއް އަދިވެސް ނުގެނެވެއެވެ. ސިސްޓަމަކަށް ބަދަލެއްވެސް ނުގެނެވެއެވެ. ގައުމީ ޓީމަށް ކުޅުންތެރިން ފޮނުވާ މައި ހަބަކީ ލީގު ފުޓުބޯޅަ ނަމަވެސް، ގައުމީ ޓީމު ނަގަން ބަލާނެ، ހުނަރު މިނެކިރާނެ އެންމެ މުހިއްމު އެއްޗަކަށް އަދިވެސް ލީގެއް ނުވެއެވެ. މިއީ ހަގީގަތެވެ. ގައުމީ ޓީމު ނަގަން އެންމެ ރަނގަޅު އުސޫލެއް އަދިވެސް ނެތެވެ.
"އަތޮޅު ތެރޭގައި ހުނަރު އެބަހުރި. އެ ހުނަރު ހޯދަން ނިޒާމެއް، ސިސްޓަމެއް މިތަނުގައި ގާއިމު ކުރަން އެބަ ޖެހޭ. އެހެން ނޫނީ އެ ކުޅުންތެރިން ފުޓުބޯޅައަކަށް ނުވަންނާނެ. ރަނގަޅު ސިސްޓަމެއް ނެގިއެއް މާލެ އައިސް ކުޅެން މަޑެއް ނުކުރާނެ. އެއީ މިއަދުގެ ހަގީގަތް. އަސްލު އެ ކުޅުންތެރިންނަކަށް ފުޓުބޯޅައިގެ ތެރެޔަކު ޗޮއިސްއެއް ނެތް،" ސޮބާ ބުންޏެވެ.
އެއީ ހުރިހާ ކޯޗުންގެވެސް ވާހަކަ ހުރިގޮތެވެ. އަތޮޅު ތެރޭގެ ހުނަރަށް އޮތީ ކޮން ގޮތެއްތޯ އަބަދު ވެސް ސުވާލު އުފައްދައެވެ. ސަރުކާރުން އެޅި ޓާފް ދަނޑުތަކުގެ ސަބަބުން ފުޓުބޯޅައިގެ ހުނަރު އުފެދެމުން އަންނަ ނަމަވެސް، ޕްރޮފެޝަނަލް ކޮށް އެކަން ކުރަން ކުޅުންތެރީންނަށް އޮތް މަގު ހަންޏެވެ. އެކަން އެހެން އޮތީ ފެއިލިވި ޕްރޮޖެކްޓަކެއްގެވެސް ސަބަބުންނެވެ. ހަނދާން ކޮށްލަމާ ހިނގާށެވެ. މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރު އޮކްޓޯބަރު މަހު އެފްއޭއެމްއިން އަތޮޅު ފުޓުބޯޅައިގެ ބޮޑު ޕްރޮޖެކްޓެއް އިއުލާނު ކުރިއެވެ.
އަތޮޅު ފުޓުބޯޅަ ރާއްޖޭގެ އަށް ޒޯނެއްގައި އެފްއޭއެމްއިން ޕްރޮޖެކްޓް ހިންގަން އޭރު ވިސްނިއެވެ. އެއީ ޑިވަލޮޕްމަންޓް ސެންޓަރުތައް ހަދައިގެންނެވެ. ޑިވެލޮޕްމަންޓް ސެންޓަރުތައް ހަދަން އޭރު ނިންމި ރަށްރަށަކީ، ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، ބ. އޭފަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކެވެ. އޭގެ އިތުރުން ދެން ކުރީންވެސް ހިންގަމުން ދިޔަ އައްޑޫގައެވެ. އެ ހުރިހާ މަސައްކަތަކަށް ފަންޑު ކުރުމަށް ހަމަޖެހިފައި އޮތީ ފީފާއިންނެވެ. އޭގެން ކޮންމެ ޒޯނެއްގައިވެސް ހާއްސަ ފުޓުބޯޅަ ޑިވަލޮޕްމަންޓް ސެންޓަރުތަކެއް ގާއިމުކޮށް، ގްރާސް ރޫޓްގެ އިތުރުން، އަންހެން ފުޓުބޯޅަ އަދި ޔޫތު ޑިވަލޮޕްމަންޓާއި ރެފްރީންނާއި ކޯޗުން ތަމްރީނު ކުރުމަށްވެސް އެ ސެންޓަރުތައް ބޭނުން ކުރަން އެފްއޭއެމްއިން ނިންމިއެވެ.
ކޯޗުން ނަގައި މުސާރަ ދޭން ފަށައި، އެ ޕްރޮޖެކްޓް ބައެއް ހިސާބުތަކުގައި އިފްތިތާހުކުރިއެވެ. އެހެން ނަމަވެސް މަޑުމަޑުން ފަނޑުވަމުން ގޮސް، ހަގީގަތުގައި ފެއިލި ވިއެވެ. އެފަހުން ކޮވިޑް އައިސް ދަތިތައް ދިމާވިކަން ގަބޫލުކުރަން ޖެހޭކަންވެސް އެނގެއެވެ. އެހެން ނަމަވެސް ހަގީގަތުގައި އެ ޕްރޮޖެކްޓުތައް ކޮވިޑް ކުރީން ފެއިލި ވެއްޖެއެވެ.
"ވަރަށް ސިސްޓަމެޓިކްކޮށް އެކަން ދާން ޖެހޭނެ. ރަނގަޅު މީހުން ތަމްރީނު ކުރެވިގެން. ރަނގަޅު މީހުން އެތަނަށް ލެވިގެން ރަނގަޅު މީހުން އެ މެނޭޖުކުރަން ޖެހޭ. އެ ހުރިހާ އެންމެން އެއް ނަތީޖާއަކަށް ގޮސްގެން ނަތީޖާ ނެރެވޭނީ. ހައި ޕާފޮމަންސް މާހައުލެއް ބިނާކުރަން ޖެހޭނީ. އެކަހަލަ ކަލްޗާއެއް މި ގާއިމުކުރަން ޖެހެނީ. ރާއްޖެއިން ބޭރުގައި ވަރަށް ޒުވާން އުމުރުގައިވެސް ޕްރޯ މެންޓާލިޓީ އެބަ ގެނޭ. ލައިފްސްޓައިލް ބަދަލުވިކަން އެނގިގެން އެކަމަށް ކުދިން އެބަ ތައްޔާރު ކުރޭ. އެއީ އެވަރަށް އެކަން ކޮށްގެން އެ ވިސްނުން އެ ގެންނަނީ. ފިއުޗާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" ޕްރޮޖެކްތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން މާއްޓޭ ބުންޏެވެ.
އެ ވާހަކައަށް ސަމާލުކަންވެސް ދޭން އެބަ ޖެހެއެވެ. ދާދިފަހުން މިޝޭލް ސަލްގާޑޯއާއެކު ރާއްޖޭ ފުޓުބޯޅައިގެ މުސްތަގުބަލަށް އެފްއޭއެމްއިން ބިޔަ މަޝްރޫއެއް އިއުލާން ކޮށްފައިވާ އިރު، އެކަމަށް އިތުބާރުކުރެވެން އޮތީ ކަން ހިނގައިގެންނެވެ. ސަޕޯޓަރުން، ނޫނީ އާންމުން ބަލައިގަންނާނީ ހަމައެކަނި ނަތީޖާކަން މިހާރު ސާފެވެ. ފުޓުބޯޅަ ސްކޫލާއެކު ހައިޕާފޮމަންސް ސްކޫލުގެ ނަތީޖާއަށްވެސް އާންމުންގެ ތަރުހީބު އޮތީ ހަމައެކަނި ނަތީޖާ ފެނިގެންނެވެ.
ފެއިލްވި ފެއިލްވުން ސާފެވެ. ހަގީގަތުގައި ސަރަހައްދީ އެހެން ގައުމުތަކުގެ ކުރިއެރުން ގަބޫލުކޮށް ހަރުދަނާ އޮނިގަނޑެއް ގެންނަން ޖެހެއެވެ. ފުޓުބޯޅައަކީ ޖޯކެއް ކަމަށް ސަޕޯޓަރުން ސިފަކުރި ކުރުމަށް ދޭން އޮތް ޖަވާބަކީ ޕްލޭންތަކެއް ހަދައި، އެ ތަންފީޒު ކުރުމެވެ. ނަތީޖާ ނެރެން މިހާރު މަޖުބޫރެވެ. ނޫންނަމަ ސަރަހައްދީ ފުޓުބޯޅައިގައި ރާއްޖެ ވެއްޓި، ފެންވަރު ދަށްވެގެން ދާ މިސްރާބު ފެންނަކަން ޔަގީނެވެ. މިއީ ނަފުރަތަކަށް ދައްކާ ވާހަކަތަކެއް ނޫންކަންވެސް ސާފުވާން ޖެހެއެވެ. މިއީ މިއަދު ކުރިމަތިލާން ޖެހިފައިވާ ހަގީގަތެކެވެ. ގައުމީ ކޯޗު ފެރްޗެސްކޯ މޮރިއޭރޯއަށްވެސް ގައުމީ ޓީމެއް ބިނާކުރަން، ރަނގަޅު ސިސްޓަމެއް އޮންނަން ޖެހެއެވެ. ދުރު ރާސްތާ "ޕްލޭންތަކެއް" އެކަނި ހަދައިގެން އެކަން ވާކަށް ނެތެވެ. ސިސްޓަމެއް ގާއިމުވެ ނަތީޖާ ވެސް ނެރެވެން ޖެހެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު