ޚަބަރު

އުދައްޔުގެ މަރު: ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ނިންމައި، ހުކުމް ބާތިލުކޮށްފި

މުހައްމަދު އިޝާން

ގއ. މާމެންދޫގައި މިދިޔަ ފެބްރުއަރީ މަހު ހިންގި ގްރޫޕް މާރާމާރީއެއްގައި އެރަށު އަހުމަދު އުދައްޔު (17އ) މަރައިލި މައްސަލައިގައި ދައުވާ ލިބޭ ކުޑަކުއްޖަކު ގޭ ބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ހުކުމްކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ޖުވެނައިލް ކޯޓުން މަރުގެ ދައުވާ ލިބޭ އެ ކުއްޖާ ގެއަށް ބަދަލުކުރަން މިމަހުގެ ދެވަނަ ދުވަހު ހުކުމްކުރީ، ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ރިޕޯޓެއް ނެރެފައިވާތީއެވެ.

އެ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިއަދު ހުކުމްކުރީ، ޖުވެނައިލް ކޯޓުން ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ ގޯސްކޮށް ކަމަށްވުމުން ޖުވެނައިލް ކޯޓުގެ އެ ހުކުމް ބާތިލު ކަމަށެވެ. އަދި ދައުވާ ލިބޭ ކުއްޖާ ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ރިމާންޑު ޖަލެއްގައި ބަންދުކުރަން ޖުވެނައިލް ކޯޓުން ކުރިން ކުރި އަމުރު ދެމިއޮތް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

ހައި ކޯޓުގެ ހުކުމުގައި އިތުރަށް ބުނީ، ދައުވާ ލިބޭ ކުއްޖާއަކީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއްގެ ތުހުމަތުވާ ކުއްޖެއް ކަމާ މެދު، ކުއްޖާގެ ފަރާތުން ވެސް އަދި ދައުލަތުން ވެސް ދެބަސްވެފައި ނެތް ކަމަށެވެ. ދައުވާ ލިބޭ ކުއްޖާއަށް ތުހުމަތުކުރެވޭ ކުށުގެ އަމަލަކީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕް މާރާމާރީ ހިންގައި އެކަމުގެ ސަބަބުން މީހަކު މަރުވެގެން ކޮށްފައިވާ ދައުވާތަކެއް ކަމަށްވާ އިރު، އެފަދަ އަމަލުތަކަކީ މުޖުތަމައުގެ އަމާންކަން ނަގާލާ ކަމެއް ކަމަށް ހުކުމުގައި ބުންޏެވެ.

މީގެ އިތުރުން ހުކުމުގައި ބުނީ ދައުވާ ލިބޭ ކުއްޖާ ކުށް ކޮށްފައިވަނީ އަނިޔާވެރިކަން ހިމެނޭގޮތަށް ކަމަށްވުމުން، ބަންދުން ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ އެކަންކަން ރަނގަޅުކުރުމަށް ފަހު، ކަރެކްޝަންސް އާއި އެޗްއާރުސީއެމް އިން ވާހަކަދައްކައިގެން ހައްލުކުރެވޭނެ ކަންތައްތަކެއް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ ފަނޑިޔާރު އަލީ ސަމީރު، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

އުދައްޔު މަރާލި މައްސަލައިގައި ކުޑަކުއްޖާގެ އިތުރުން ދެން ދައުވާ އުފުލާފައިވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ އަހްމަދު ޝަމީމާއި ގއ. މާމެންދޫ، ބިލަތްމާގެ ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ މުހައްމަދު މާޒިންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުރަނީ ދެ ދައުވާއެކެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.