ޚަބަރު

އަންނަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް ހުކުމް ކުރަނީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، މަނީލޯންޑާ ކުރިކަން ސާބިތުވެގެން، ފަސް އަހަރު ދުވަހަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުން އަންނަ އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލަ މިމަހުގެ 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 8:45 އަށް ތާވަލު ކޮށް ރައީސް ޔާމީނަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތު ވެ، ކުރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއީދު ކުރި މައްސަލަ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތީ އޭޕްރީލް މަހުގެ 19 ގައެެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ސުޕްރީމް ކޯޓުގައި ބޭއްވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އެ ދުވަހުގެ ޝަރީއަތުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކް ޑިޕޮސިޓް ސްލިޕުގައިވާ ނަންބަރާއި އެސްއޯއެފް ކުންފުނީގެ ބޭންކް ސްޓޭޓްމަންޓުގައިވާ ނަންބަރު ދިމާ ނުވާ މައްސަލައިގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ.

އެދުވަހުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއީ މައްސަލަ ބަލަމުން ދިޔައިރު ފާހަގަވި ކަމަކާ ގުޅޭ ގޮތުން ބައެއް ކަންކަން ސާފު ކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ބުނެފައި ވަނީ ދައުލަތުން ބުނާ އެއް މިލިޔަން ޑޮލަރަކީ، ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ބުންޏަސް ދައުލަތަށް އެކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

އެދުވަހުގެ އަޑުއެހުން ނިންމަވައިލައްވަމުން ފަނޑިޔާރު މަހާޒް ވިދާޅުވެފައި ވަނީ އަންނަ މަހު ސުޕްރީމް ކޯޓު ރިސެސް އަށް ދިއުމުގެ ކުރިން މައްސަލައިގައި ހުކުމް އިއްވަވާނެ ކަމަށެވެ.