ކުޅިވަރު

ޕޮޗެޓީނޯގެ "ވަކިވަކި ކުޅުންތެރިން" ކައިރީ ގާޑިއޯލާ ދެއްކީ އެކުވެފައިވާ ޓީމެއް

މުޙައްމަދު ޝަމްޢޫން

1

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އެންމެ ބޮޑު ޓާގެޓަކަށް ވާނީ ޗެމްޕިއަންސް ލީގެވެ. ޕީއެސްޖީއާއެކު ލީގު ނެގި ނަމަވެސް އެއީ ޕޮޗެޓީނޯގެ "މިޝަން" ކާމިޔާބުވީ ކަމަކަށް ބޯޑުންވެސް ނުވިސްނާނެއެވެ. ޕީއެސްޖީ ކޯޗުގެ ހޫނު ގޮނޑިއަށް އޮތް ހަމައެކަނި ކާމިޔާބީއަކީ ހަމަ ޗެމްޕިއަންސް ލީގެވެ. އެ ތަށްޓާ ދުރަށް އެޅޭ ކޮންމެ ފިޔަވަޅަކީ ކޯޗަށް އިތުރު ޕްރެޝަރެކެވެ.

ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީގެ މައްޗަށް މެންޗެސްޓާ ސިޓީން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީގެ ހަމައެކަނި ގޯލް ކިލިއަން އެމްބާޕޭ ޖަހައިދިން އިރު، ސިޓީއަށް ގޯލްތައް ޖަހައިދިނީ ރަހީމް ސްޓާލިން އާއި ގެބްރިއަލް ޖީސަސް އެވެ. ދެޓީމުންވެސް ގަދަ 16 ޔަގީން ކޮށްފައިވީ ނަމަވެސް ރޭގެ މެޗުގެ މަންޒަރަށް ނަޒަރު ހިންގާލުން މުހިއްމުވެސް މެއެވެ.

ޕީއެސްޖީން ގްރޫޕް ސްޓޭޖުގައި ފުރަތަމަ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވި ނަމަވެސް، އެޓީމަށް މާ ބޮޑަކަށް ސިޓީގެ މައްޗަށް "ޑޮމިނޭޓް" ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި ފެނުނީ ސިޓީން މެޗުގެ ކޮންޓްރޯލް ގެއްލުވައިނުލައި، މާ ބޮޑަށްވެސް ޕީއެސްޖީއަށްވުރެ ރަނގަޅަށް ކުޅުނުތަނެވެ. ޓެކްޓިކަލީ ޕޮޗެޓީނޯގެ ސްޓައިލެއް ޕީއެސްޖީއަކުން ނުފެނުނެވެ. ސިޓީން ފެނުނީ އިރުޝާދާ އެއްގޮތަށް ކުޅެމުން ދިޔަ "ޔުނިޓް"އެކެވެ. ޓީމެކެވެ.

މެޗުން ފެނުނީ ޕްރެޝަރުގައި ހުރި ކޯޗަކާއި، ހަމަޖެހިލައިފައި ހުރި ކޯޗެއްގެ ތަފާތެވެ. ގާޑިއޯލާގެ ސިޓީން ފެނުނީ ޕޮޗެޓީނޯގެ ޕީއެސްޖީން ފެންނަން އޭނާ އެދޭނެ ހުރިހާ މަންޒަރެކެވެ. އެހެން ނަމަވެސް ޕީއެސްޖީން ނުފެނުނު ހުރިހާ މަންޒަރެކެވެ. ސިޓީން ފެނުނީ ޕާސްތައް އެކުވެ، ކޯޗުގެ އިރުޝާދު އަކުރުން އަކުރަށް ބަލައިގަނެ ކުޅެމުން ދިޔަ ޓީމެކެވެ. ޕީއެސްޖީން ފެނުނީ ވަކިވަކި ހުނަރުތަކެކެވެ.

ގާޑިއޯލާގެ ސިޓީގައިވެސް ވޯލްޑް ކްލާސް ކުޅުންތެރިން މަދީކީ ނޫނެވެ. ގާޑިއޯލާ އަށް އެ ކުޅުންތެރިން މެނޭޖް ކުރެވެނީއެވެ. ވަކި ފްރޭމް ވޯކެއްގެ ތެރެއިން އަވަސް ހަލުވި ފުޓުބޯޅައެއް ސިޓީއަށް ގެންނަން ގާޑިއޯލާ ކޮށްފައިވާ މަސައްކަތް މެޗުން ފެނުނު އިރު، ޕީއެސްޖީން ފެނުނީ އަމިއްލަ އެދުން ބޮޑު މަންޒަރެކެވެ.

ޕީއެސްޖީގެ ކުރިއަށް ކުޅުނު ލިއޮނަލް މެސީ، ނޭމާ އަދި އެމްބާޕޭ އަކީ ޓީމާ ވަކިން ތިބި ވަކި ޑިޕާޓްމަންޓެކެވެ. އަނެއް ހުރިހާ ކުޅުންތެރިން ބުރަކޮށް މަސައްކަތް ކޮށް ބޯޅަ ހޯދައިގެން ކުރިއަށްދިނުމުން ނޫނީ އެ ކުޅުންތެރިން ޓީމާ ބައިވެރިވިތަނެއް ނުފެނުނެވެ. މެޗުގެ 90 މިނެޓުގައި ބޯޅައިގައި އެންމެ މަދުން ފައި ޖެއްސި ތިން ކުޅުންތެރިންނަކީވެސް މެސީ އާއި ނޭމާ އަދި އެމްބާޕޭ އެވެ. ޕީއެސްޖީ ކުޅުނީ ދެޓީމަކަށެވެ. ފޯވަޑް ތިނަކީ ވަކި ޓީމެއްގެ އިހުސާސް މެޗުން ކުރެވުނެވެ.

އެއީ ހަމަ ކޯޗު ޕޮޗެޓީނޯގެ ވިސްނުންތޯ ސުވާލު އުފެއްދި ދާނެއެވެ. ސަބަބަކީ އޭނާގެ ފިލޯސޮފީއަކީ ފޯވަޑް ލައިނުން ފެށިގެން ފަހަތަށް ޖެހި ބުރަކޮށް މަސައްކަތް ކުރާ "ވޯކް އެތިކްސް" ރަނގަޅު ފިލޯސަފީއެކެވެ. ޓޮޓެންހަމްގައި އެވަރެޖް ޓީމެއް ގޮވައިގެން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕޮޗެޓީނޯ ދިޔައީ މަސައްކަތުގެ ރޭޓް މަތި ޓީމެއް ބިނާކޮށްގެންނެވެ. އޭނާއަށް ޕީއެސްޖީގައި އެކަން ކުރެވޭނެ މަގެއް އަދި ނެތެވެ. ޕީއެސްޖީގެ ސުޕަސްޓާރުން މެންޓަލީ އެ މަސައްކަތަށް އަދި ތައްޔާރެއް ނޫނެވެ.

ޕީއެސްޖީގެ މެދުތެރެއިންނާއި ފަހަތުންވެސް މެޗު ތެރޭގައި ޝަކުވާ ކުރިތަން ފެނުނެވެ. ފޯވަޑް ލައިން މަސައްކަތް ނުކުރާތީ ގިނަ ފަހަރުތަކެއްގައި ޑިފެންސުންނާއި މެދުތެރެއިން ޝަކުވާ ކުރިތަން ފެނުނެވެ. މެޗަށްފަހު ކުޅުންތެރިންނާއި ކޯޗުގެ މޫނުމަތިންވެސް މާޔޫސްކަން ފެނުނެވެ. އެހެން ނަމަވެސް ޕޮޗެޓީނޯ އަށް އަދި އިތުރު ގޮތެއް ނެތެވެ. އޭނާގެ އަމިއްލަ ފިލޯސަފީއަށް ޕީއެސްޖީ ބައްޓަން ކުރުމަށް ނުފޫޒާއި ކުޅުންތެރިންގެ ފެންވަރު ވަރަށް ބޮޑަށް ހުރަސް އަޅައެވެ.

މެޗުގެ މަންޒަރާއެކު ޕީއެސްޖީން ކޯޗަކަށް މަސައްކަތް ކުރުން އެކަށީގެންވެއެވެ. ޕޮޗެޓީނޯއާއެކު ކްލަބުގެ ޓާގެޓްތަކަށް ނުދެވޭނެ ކަމަށް މިހާރު ބެލެވެން ފަށައިފިއެވެ. ގާޑިއޯލާގެ ސިޓީން ނަގައިދިނީ އަގުހުރި ފިލާވަޅެކެވެ. ޓީމު ޓީމަކަށް ވާނީ އިރުޝާދާ އެއްގޮތަށް، ކޯޗުގެ ސިކުނޑިއާ އެއްގޮތަށް މަސައްކަތް ކޮށްގެން ކަމެވެ. ހުނަރަށްވުރެ ޓީމު މުހިއްމު ވާނެ ކަމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟