ޚަބަރު

ބޯޑާ މައިލްސްގެ އެސޯޝިއޭޓެޑް ޕާޓްނަރަކަށް އަގޯޑާ

ފަތުރުވެރިންނަށް ހާއްސަ އިނާޔަތްތަކެއް ލިބޭ "ބޯޑާ މައިލްސް" ޕްރޮގްރާމުގެ އެސޯޝިއޭޓެޑް ޕާޓްނަރަކަށް ދުނިޔޭގެ މަޝްހޫރު އޮންލައިން ޓްރެވަލް ބުކިން ޕްލެޓްފޯމް، އަގޯޑާ ހަމަޖައްސައިފިއެވެ.

އެކަމަށް ޓަކައި އޮންލައިންކޮށް މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބޯޑާ މައިލްސްގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) އެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދާއި އަގޯޑާގެ ސީއީއޯ ޖޯން ބްރަައުން އާއި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ނީޝާ ޝާހިދުގެ އިތުރުން އަގޯޑާގެ ޑިރެކްޓަރު އޮފް ގްލޯބަލް ގަވަރުމަންޓް އެފެއާ ޑެނިއަލް ގެލްފާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރު މުހައްމަދު އަމާން ބައިވެރިވެވަޑައިގަތެވެ.

އިމިގްރޭޝަނުން ބުނީ، އަގޯޑާއެކު ސޮއިކުރި ޕާޓްނާޝިޕުގެ ދަށުން ބޯޑާ މައިލްސް ޕްރޮގްރާމްގެ މެންބަރުންނާއި ޕާޓްނަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ބޯޑާ މައިލްސް ޕްރޮގްރާމަށް އަގޯޑާގެ ތަޖުރިބާ ހިއްސާކޮށް، ޕްރޮގުރާމްގެ ޕާޓްނަރުން ޕްރޮމޯޓް ކޮށްދޭނެ ކަމަށް ބުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަގޯޑާގެ ސީއީއޯ ޖޯން ބްރައުން ވަނީ ބޯޑާ މައިލްސްގެ އުފެއްދުންތެރި ހިޔާލަށް ތައުރީފު ކުރައްވައިފައެވެ. އަދި ބޯޑާ މައިލްސްގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ބޯޑަ މައިލްސް ޕްރޮގްރާމުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވައި ކޮންޓްރޯލާ ޖެނެރަލް ހަނަފީ ވިދާޅުވީ، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އެ ޕްރޮގްރާމްގެ މެންބަރުންގެ އަދަދު 50،000 އަށް އިތުރު ވާނެ ކަމަށެވެ. އަދި އެއީ ފުރަތަމަ އަހަރުގެ ތެރޭގައި އަންދާޒާ ކުރި ވަރަށްވުރެ ބޮޑު އަދަދެއް ކަމަށް ވެސް ވިދާޅުވިއެވެ.