މަސްތުވާތަކެތީގެ ޓްރެފިކިންގެ ކުށަށް ނުފެތޭ، ނޫނީ މަސްތުވެގެން މަގުމަތީގައި އުޅޭ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރަން ޖެހޭ ކޯޓެއް ސާފު ނުވާތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށް އެކަން ހައްލުކޮށްދޭން އެދިއްޖެއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްލާހުކުރަން ގޮވާލައި، އަދި މަސްތުގެ ވަބާގައި ޖެހި ހަލާކުވަމުންދާ ޒުވާނުންނާއި އުމުރުފުރައިގެ މީހުންގެ ހައްގުގައި އަޑުއުފުލާ "ހޭންޑްސް ޓުގެދާ" ޖަމިއްޔާއިން ރައްޔިތުން މަޖިލީހަށް ވަނީ "ޗޭންޖު އެންޑީއޭ" ނަމުގައި ޕެޓިޝަނެއް ހުޅައިފައެވެ. އެ ޕެޓިޝަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިރާސާ ކުރުމަށްފަހު މިހާރު ވަނީ ރިޕޯޓު އާންމު ކޮށްފައެވެ. ޕެޓިޝަން ކޮމިޓީން ވަނީ ފުލުހުންގެ މުއައްސަސާއާ ވެސް ބައްދަލުކޮށްފައެވެ. މީގެ އިތުރުން ކޯޓުތަކާ ވެސް ބައްދަލުކޮށްފައެވެ.
އެ ރިޕޯޓުގައި ވާ ގޮތުން ފުލުހުން މިހާރު ތިބީ ގާނޫނީ ވާނުވާއެއްގަ އެވެ. މަސްތުގެ ހާލަތުގައި ތިބޭ މީހުން ހާޒިރު ކުރަން ޖެހޭ ކޯޓެއް ނޭނގި ގާނޫނީ އޮޅުންބޮޅުމެއްގައެވެ. މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ފުލުހުން ވަނީ މަސްތުގެ ހާލަތުގައި ތިބި 238 މީހަކު ހައްޔަރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ 238 މީހުން ގުޅިފަޅުގައި ގާއިމު ކޮށްފައިވާ ޑްރަގް އޮފެންޑާންސް ރިމާންޑު ސެންޓަރުގައި ބަންދުކުރުމަށެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ މަސްތުގެ ހާލަތުގައި ހައްޔަރު ކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ ގާނޫނީ ބާރު އެ ކޯޓަށް ލިބިދީފައި ނުވާ ކަމަށެވެ.
އެކަމާ ގުޅުވައި ފުލުހުން ޕެޓިޝަން ކޮމިޓީއަށް ޖަވާބުދާރީ ވަމުން ބުނީ، ކްރިމިނަލް ކޯޓުން އެގޮތަށް ނިންމުމުން ދާންވީ ކޯޓެއް ނޭނގޭ ކަމަށެވެ. އެހެންކަމުން މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅޭ މީހުނާ މެދު ފިޔަވަޅު ނޭޅި ގޮތް ހުސްވެފައިވާ ކަމަށެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓަކީ އިސްތިއުނާފީ ކޯޓަށް ވުމުން އެ ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ނުގެންދެވޭނެއެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފެއް ނުކުރެއެވެ.
ޕެޓިޝަން ކޮމިޓީއަށް ޖަވާބުދާރީވަމުން ޑްރަގު ކޯޓުން ބުނީ، ސުޕްރީމް ކޯޓުން ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި، މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެންވާކަން ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި އެކަން ކުރުމުގެ ކެޕޭސިޓީއެއް ވެސް އެ ކޯޓުގައި ނެތްކަން ޑްރަގް ކޯޓުން ފާހަގަކުރި ކަމަށެވެ.
އެގޮތަށް ޖިނާއީ އިޖުރާތުގައި އޮތް ނަމަވެސް، މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ކޮން ކޯޓެއްގައިކަން ކަނޑައެޅިގެން ބަޔާން ކޮށްފައި ނުވާ ކަމަށް ޑްރަގް ކޯޓުންނާއި ކްރިމިނަލް ކޯޓުން ވެސް ވަނީ ޕެޓިޝަން ކޮމިޓީގައި ބުނެފައެވެ.
އެހެންކަމުން ފުލުހުން ޕެޓިޝަން ކޮމިޓީގައި އެދުނީ މިހާރު މިއޮތް ގާނޫނީ ވާނުވާއިން އޮޅުން ފިލާނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށްގެން ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ބަންދުގެ މުއްދަތު އިތުރުކުރާނެ ކޯޓެއް ވެސް ސާފުކޮށް އެނގޭ ގޮތަށް ބަޔާން ކޮށްގެން ކަމަށެވެ.
ކްރިމިނަލް ކޯޓުން ވެސް އަދި ޑްރަގް ކޯޓުން ވެސް އެދެނީ އެގޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު