ޚަބަރު

ތިލަމާލެ ބުރިޖް މަޝްރޫއުގެ ހިލޭ އެހީގެ ތެރެއިން 15 މިލިއަން ޑޮލަރު އިންޑިއާއިން ދޫކޮށްފި

މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ބްރިޖު، ތިލަމާލެ ބުރިޖުގެ މަސައްކަތް އަވަހަށް ފެށުމަށް އިންޑިއާ ސަރުކާރުން އިތުރު 15 މިލިއަން ޑޮލަރު (231 މިލިއަން ދިވެހި ރުފިޔާ) ދޫކޮށްފިކަން "ވަން" އަށް އެނގިއްޖެއެވެ.

ތިލަމާލެ ބުރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. އެއީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. އެ 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. މި ޕްރޮޖެކްޓަށް އެގްޒިމް ބޭންކުން މީގެ ކުރިން ވަނީ 60 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އިތުރަށް ދޫކުރި 15 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުން ދޭ ހިލޭ އެހީގެ ތެރެއިން ދޫކުރި ފައިސާއެވެ.

ރާއްޖޭގައި އިންޑިއާ އިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއުގެ ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

މި ޕްރޮޖެކްޓަގެދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖާއެކު/ކޯޒްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއަރޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.