ޚަބަރު

ޕޮލިސް ލޯންޗުގައި ރޯކޮށްލި މައްސަލައިގެ ދައުވާ ލިބޭ މީހުންގެ ޝަރީއަތް ކުރިއަށް ގެންދަން ކޮޓަރިއެއް ނުލިބުނު

މުހައްމަދު އިޝާން

ލ. އަތޮޅު ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ދައުވާ ލިބޭ ދެ މީހުންގެ ޝަރީއަތް މާފުށި ޖަލުން ކޮޓަރިއެއް ހަމަނުޖެހުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

އެ މައްސަލައިގެ ދައުވާކޮށްފައިވަނީ ލ.ގަން ތުނޑި، ކަޅައިދޫ، ފިނިހިޔާގެ މޫސާ އިނާޒު އަދި ލ.ގަން ތުނޑި، ލަވްސައިޑު، އަބްދުއްލަތީފު އިބްރާހީމުގެ މައްޗަށެވެ. އެ ދެ މީހުންގެ ޝަރީއަތް މިއަދު ކެންސަލް ކުރަން ޖެހުނީ، ޝަރީއަތް ކުރިއަށް ގެންދިއުމަށް މާފުށީ ޖަލުން ރޫމެއް ނުލިބުމުގެ ސަބަބުންނާއި، ދައުވާ ލިބޭ އެއް ފަރާތަށް ޗިޓް ރައްދުވެފައި ނުވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ދައުވާ ލިބޭ މޫސާ އިނާޒު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ކޮށްފައެވެ. މިއަދު އޮތް ޝަރީއަތުގައި މޫސާ އިނާޒުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކި ހުށަހެޅުން ވެސް އޮތެވެ.

ދައުލަތުން މޫސާ އިނާޒުގެ މައްޗަށް ދައުވާ އިއްވަމުން ވިދާޅުވެފައިވަނީ، ޕޮލިސް ލޯންޗުގައި ރޮކޮށްލި ހާދިސާގެ ޒިންމާ މޫސާ އިނާޒް ނަގާފައިވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ. އެގޮތުން މޫސާ އިނާޒްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މޯބައިލް ނަންބަރަކުން ހަދާފައިވާ ޓެލެގުރާމް އެކައުންޓަކުން އެކަން ކުރި ކަމަށް އެއްބަސްވެ އެކަމުގެ ޒިންމާ ނަގާފައިވާ ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައިއެވެ. ކޯޓު އަމުރެއްގެ ދަށުން މޫސާ އިނާޒް ދިރިއުޅުނު ގެ ބަލައި ފާސްކުރި އިރު އެ ގޭގައި ހުރި ކޮޓެރިއެއްގެ ތެރެއިން ފެނުނު ލެޕްޓޮޕެއްގެ ހާޑުގައި، ގޮވާ ތަކެތި ތައްޔާރުކުރާނެ ގޮތުގެ ލިޔުންތަކެއްވެސް ފެނިފައިވާ ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައިއެވެ.

މޫސާ އިނާޒު ވަނީ ސަލްޓަން ޕާކުގައި ބޮމް ގޮއްވާލި މައްސަލައިގައި ވެސް ހައްޔަރުކޮށްފައެވެ. ސަލްޓަން ޕާކުގައި ބޮމް ގޮއްވާލި މައްސަލައިގައި އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމްކުރިއެވެ. އެކަމަކު ފަހުން ވަނީ އޭނާ އަށް މާފުދީ މިނިވަންކޮށްފައެވެ. ޖަލުގައި ހުރި އިރު އޭނާ ވަނީ އެކި ފަހަރު މަތީން ފިލަންވެސް މަސައްކަތްކޮށްފައެވެ.

މި މައްސަލައިގެ ދެން ދައުވާ ލިބޭ އަބްދުއްލަތީފު އިބްރާހީމަކީ ވެސް ސަލްޓަން ޕާކުގައި ބޮމް ގޮއްވާލި މައްސަލައިގައި ހައްޔަރުކުރި މީހެކެވެ.

ދެހާސް ހަތް ވަނަ އަހަރު، ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަންޕާކްގައި ބޮން ގޮއްވާލި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އަބްދުއްލަތީފު ވަނީ ރާއްޖޭއިން ފިލައިގެން ގޮސްފައެވެ. ޓޫރިސްޓުންގެ 12 މީހަކު ޒަހަމްވި ހަމަލާއާ ގުޅިގެން އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް ހައްޔަރު ކުރީ 2012 ވަނަ އަހަރުގެ އޮގަސްޓް ފަސް ވަނަ ދުވަހު ޕާކިސްތާނުން ރާއްޖެއަށް އޭނާ އައި ވަގުތު އެއާޕޯޓުންނެވެ.

އަބްދުއްލަތީފު މިހާރު ވެސް ގެންދަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ލޯންޗުގައި ރޯކޮށްލި މައްސަލާގައި ތުހުމަތު ކުރެވުމުން އަބްދުއްލަތީފު ހައްޔަރުކުރަން ފުލުހުން ދިއުމުން ފޯނު ހަލާކު ކޮށްލައި ހެކި ނައްތާލުމުގެ ކުށުގައެވެ. އެނާގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ފުލުހުންގެ ލޯންޗުގައި ރޯކޮށްލާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު 22 ވަނަ ދުވަހުއެވެ. މި ހާދިސާގެ ޒިންމާ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓުން ވަނީ ނަގައިފައެވެ.