ތ. ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނުކަމަށް ތުހުމަތުކޮށް ދައުވާއުފުލާފައިވާ މީހުންގެ މިއަދުގެ ޝަރީއަތް ކެންސަލް ކުރަން ޖެހިއްޖެއެވެ.
ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގައި އައިއީޑީއެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތަށް އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ގޮއްވާލަން އުޅުނީ އެރަށު މަދަރުސާއެވެ. ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭ ފަދަ ކްލާސްތައް ހިންގައި، ރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ދައުލަތުން އެ މީހުންގެ މައްޗަށް ކުރި ދައުވާގައި ވަނީ ބުނެފައެވެ. އަދި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރޭވުމުގެ ކުށުގެ ދައުވާވެސް އެ މީހުނަށް ކުރެއެވެ.
އެ ފޯނުތަކާއި ކޮމްޕިއުޓަރުތަކުން ހަރުކަށި ފިކުރަށް ތާއީދު ކުރާ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާ ކަމާއި، ހަނގުރާމައިގެ އުކުޅުތަކާއި ބޮން ހަދައި ތައްޔާރު ކުރުމާއި ގޮއްވާނެ ގޮތުގެ މެނުއަލްތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް ފެނިފައިވާ ކަމަށް ދައުވާގައިވެއެވެ. އަދި ތައުލީމީ މަރުކަޒު ގޮއްވާލަން ރާވައި ވާހަކަ ދައްކާފައި ހުރި ކަން ފޯނުގެ މެސެޖްތަކުން އެނގުނު ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.
- އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/އަސްރަފީވިލާ
- އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ
- އަލީ މުނީޒް، ތ. ތިމަރަފުށި/ކެނެރީގެ
- މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ
- އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ
- ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ
- އިބްރާހިމް ލޫތު، ނ. ކުޑަފަރީ/ރޯޒްމީޑް
- އަބްދުﷲ އިމާދު، ރ. މަޑުއްވަރީ/ބީޗް ހައުސް
- މި އެންމެންގެ މައްޗަށްވެސް ކުރަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
މިއަދުގެ އޮތް އެމީހުންގެ ޝަރީއަތް ކެންސަލްކުރަން ޖެހުނީ ދައުވާ ލިބޭ ފަރާތްތައް ކޯޓަށް ހާޒިރު ކުރުމުގައި ދިމާވި ދަތިތަކަކާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން އެންމެ ފަހުން ޝަރީއަތެއް ބާއްވާފައިވަނީ ސެފްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންނާ ދެމެދު ޒުވާބެއް ވެސް ހިނގިއެވެ. އެއީ ދައުލަތުގެ ވަކީލު މައްސަލައިގެ ދައުވާ ލިބޭ މީހުންނަކީ ދީނާ ދެކޮޅު ބައެއް ކަމަށް ވިދާޅުވުމުންނެވެ.
އެ ދުވަހުގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން ދައުލަތުން ވިދާޅުވެފައިވަނީ ދައުވާ ލިބޭ މީހުންގެ ފަރާތުން ފެނުނު އަމަލުތަކަކީ އިސްލާމް ދީނާ ދެކޮޅު އަމަލުތަކެއް ކަމަށެވެ. އެ މީހުން ގަބޫލު ކުރާ އުސޫލުތަކަކީ އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފު އުސޫލުތަކެއް ކަމަށާއި މިއީ ދީނާ ވަރަށް ދެކޮޅު ބައެއް ކަމަށެވެ. ދައުލަތުން އެހެން ބުނުމުން އެ މައްސަލާގައި ހައްޔަރު ކުރި އިބްރާހީމް ލޫތާއި އަހްޝަން މުހައްމަދުގެ ވަކީލު މުހައްމަދު ރާގިބް އަހްމަދު ވިދާޅުވީ އޭނާގެ މުވައްކިލުންނާ ދިމާއަށް އެއީ "އިސްލާމުން ނޫން" ކަމަށް ދައުލަތަށް ވިދާޅު ނުވެވޭނެ ކަމަށާއި ދައުލަތުން އެގޮތަށް ވިދާޅުވުމުން ކަންބޮޑުވާ ކަމަށެވެ.
ރާގީބް ވިދާޅުވެފައިވަނީ އޭނާގެ މުވައްކިލުންނަކީ، އިސްލާމް ދީން ގަބޫލު ކޮށްގެން ތިބި ބަޔެއް ކަމަށެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވެފައިވަނީ، ދައުވާ ރައްދުވާ ފަރާތްތަކަކީ އިސްލާމުން ނޫން ކަމަށް ވިދާޅު ނުވާ ކަމަށާއި ވިދާޅުވި ވާހަކައަކީ އިސްލާމް ދީނާ ދެކޮޅު އަމަލެއް ކުރަން ރޭވި ކަމާއި އިސްލާމް ދީނުގެ ނަމުގައި ދީނުގެ އުސޫލުތައް ނޫން އުސޫލުތަކެއް ގަބޫލު ކުރާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުހައްމަދު އާސިރުގެ ގާނޫނީ ވަކީލު އިބްރާހީމް ޒާހިރު ވިދާޅުވެފައިވަނީ އޭނާގެ މުވައްކިލަކީ އިސްލާމް ދީން ގަބޫލުކޮށްގެން އެ ދީނަށް ހުރުމަތްތެރިކޮށް ހިތާ މީހެއް ކަމަށެވެ. އެއީ ދީނާ ދެކޮޅު ބައެއް ކަމުގައި ސިފަ ކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަލީ މުނީޒްގެ ގާނޫނީ ވަކީލް އާދަމް ޝަމީމް ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައި ވިދާޅުވެފައިވަނީ އެމްޑީއެން ފަދަ ޖަމިއްޔާއަކުން ލާދީނީ ރިޕޯޓެއް ނެރުނު އިރު ވެސް އަމާޒު ނުކުރެވޭ ބަސްތައް ދައުލަތުގެ ވަކީލުންތަކެއް އަސާސެއް ނެތް ތުހުމަތެއް ކުރެވޭ ބަޔަކާ ދިމާއަށް ބުނުމުން ހިތާމަ ކުރައްވާ ކަމަށެވެ. މީގެ އިތުރުން އަބްދުﷲ އިމާދުގެ ގާނޫނީ ވަކީލު މުހައްމަދު ވިޝާމް ވިދާޅުވެފައިވަނީ އެއްވެސް ބަޔަކާ ދިމާއަށް ދީނާ ދެކޮޅު ބައެއް ކަމަށް ބުނުމަކީ ދައުލަތަށް ބުނެވިގެން ވާނެ ވާހަކައެއް ނޫން ކަމަށެވެ. އެފަދަ ބަހެއް ބުނުމަށް ފަހު މައާފަށް އެދުމުގެ ބަދަލުގައި ދައުލަތުން ޖަދަލު ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ އެއްވެސް މީހަކާ ދިމާއަށް އެއީ ދީނާ ދެކޮޅު ބަޔެއް ކަމަށް ސީދާ ކަނޑައަޅައިގެން އެއްވެސް ފަރާތަކުން ޝަރީއަތުގައި ވާހަކަ ދައްކަވައިގެން ނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު