އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

އަރަބިއްޔާ އިމާރާތުގެ މައްސަލަ: ބެލި ބެލުމުން ދައްކަނީ ދަރިވަރުންނަށް އަދި ގެއްލުމެއް ނެތް ކަމަށް: މިނިސްޓަރު

އިބްރާހިމް ޒަކީ

އަރަބިއްޔާ އިމާރާތަށް ވެފައިވާ ގެއްލުންތައް ބެލުމަށް ޓަކައި އެތަނުގެ ސްޓްރަކްޗާ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށާއި، އެ އެސެސްމެންޓުން މިހާތަނަށް ދައްކާ ގޮތުން، އެތަނުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އަދި ގެއްލުމެއް ނެތް ކަމަށް އެ އެސެސްމެންޓް ހަދާ ފަރާތުން ބުނެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިސްޓަރު އައިޝާ މިހެން ވިދާޅުވީ، އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެތަން ހުޅުވީ 2013 ވަނަ އަހަރުއެވެ. ނަމަވެސް މާގިނަ އަހަރުތަކެއް ނުވެ އެ އިމާރާތުގައި ބޮޑެތި ރެނދުތަކެއް ލާފައިވާކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ފާހަގަވިއެވެ.

އެކަމާގުޅިގެން ޕްލޭނިން މިިނިސްޓްރީ އާއި އިންޖިނިއަރުންގެ ޓީމެއް ގުޅިގެން އެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަންއެއް ހެދިއެވެ. އެ ރިޕޯޓު މިނިސްޓްރީއާ ހިއްސާކުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ ވިޝުއަލް އިންސްޕެކްޝަނަކުން އެ އިމާރާތަށް ލިބިފއިވާ ގެއްލުންތައް ފުރިހަމައަށް އަންދާޒާ ކުރަން ނޭނގޭ ކަމަށާއި އެކަަމަށް ޓަކައި އެތަނުގެ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދަން ޖެހޭ ކަމަށް އެ ރިޕޯޓުގައި ހިމަނާފައިވާތީ އިމާރާތުގެ ސްޓްރަކްޗަރަލް އެސެސްމަންޓެއް މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިިނިސްޓަރު ވިދާޅުވިއެވެ.

އަރަބިއްޔާގެ ދަރިވަރުންނަށް އަދި ގެއްލުމެއް ނެތް ކަން އެ ރިޕޯޓުން ހާމަވާ ކަމަށާއި، ނަމަވެސް އެ ކަންތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ. ކިރިޔާ ވެސް ދަރިވަރުންނަށް ނުރައްކާ ވާކަން އެނގޭ ހިސާބުން އެތަނުން ކުދިން ނެރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރުން މިހާރަށް ވެސް އަރަބިއްޔާ ސްކޫލަށް ބޭނުންވާ މަރާމާތު އެނގޭނީ ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުންނެވެ.

މިހާރު އޮތް ޕްލޭނަކީ، އަންނަ ސްކޫލު ބަންދަށް އެތަނުގެ މަރާމާތުތައް ކުރެވޭނެ ސްޕީޑުގައި ސްޓްރަކްޗަރަލް އެސެސްމަންޓު ކުރިއަށްގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ. އެކަމަށް ޓަކައި ސްޓްރަކްޗަރަލް އެސެސްމަންޓުގެ ބައެއް ކަންތައްތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ބަލަން ޖެހޭ ކަންތައްތައް ބެލުމުގެ ކަންތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.