ވަށާޖެހޭ ތައުލީމުގެ ތެރެއިން މުދައްރިސުންގެ ކަންކަން، މުސާރަ ބޮޑުކުރުމަށްފަހު ނިންމާލަން ނުވިސްނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން މުދައްރިސުންގެ މުސާރަ ބޮޑުކުރައްވަން ނިންމެވީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މުދައްރިސުންގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަންނީ އެހެން މަގާމުތަކުގެ މުސާރަތައް ވެސް އޭރު ވަނީ ބޮޑުކޮށްފައެވެ.

ދިރާސީ އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން މިއަދު ދެއްވި ހިތާބުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މަސައްކަތްތެރި މުދައްރިސުންގެ ކަންކަން ބޮޑު މުސާރައަކުން ނިންމައިލެވެން ނެތް ކަމަށާއި ގައުމުގެ ތަސައްވަރު ހާސިލު ކުރެވޭނީ އޭގެ އަރައި ހުރި ސިފަތައް ދަރިވަރުން ކިބައިގައި އަށަގެންނުވައިގެން ކަމަށެވެ.

"ތިޔަ ހިންމަތްތެރި މުދައްރިސުންގެ ކަންކަން މުސާރަ ބޮޑުކޮށްލާފައި، ނިންމާލާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން. ސަބަބަކީ، އަޅުގަނޑުމެންގެ ގައުމީ މަންހަޖުގެ ތަސައްވުރު ހާސިލުކުރެވޭނީ، އޭގެ އަރައި ހުރި ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނުވޭނީ، އެ މަންހަޖު ރަނގަޅަށް ސްކޫލުތަކުގައި ތަންފީޒުކުރެވޭނީ، ތިޔަ މުރާލި މުދައްރިސުންނަށް އެކަށީގެންވާ ފަހި، އުފާވެރި މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދެވިގެންކަން އަޅުގަނޑުމެން ހިތުގެ އަޑީން ގަބޫލުކުރާތީ. އެހެންކަމުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށަނީ އެ މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގައި މުދައްރިސުންނަށް އެބޭފުޅުންގެ ހައްގު، މަތިވެރި ދަރަޖަ މުޖުތަމައުގައި ގާއިމުވެފައި އޮތުމަށްޓަކައި މުދައްރިސުންނަކީ އުނގަންނައިދިނުމުގެ ވަކި ލައިސެންސެއް އޮންނަ ބައެއް ކަމަށް ކަނޑައަޅާފައި ހުންނަ ކަމަށާއި ރާއްޖެ ވެސް ދަތުރުކުރަމުންދަނީ އެ މަގުން ކަމަށެވެ.

"ބޭނުމަކީ ތިޔަ ލޮބުވެތި މުދައްރިސުންނަކީ ގަދަރުވެރި، މުޖުތަމައު ގަބޫލުކުރާ އަހުލާގީ ރިވެތި ސިފަތައް އަށަގަނެފައިވާ ބައެއް ކަމުގައި ހެދުމަށް މަގުފަހިކުރުމަށާއި، ތިޔަ ބޭފުޅުންނަކީ ފަންނީގޮތުން ކުރިއަރަމުންދާ ބަޔަކަށް ހެދުން. ތިޔައީ މުޖުތަމައުގައި ގަދަރުވެރި، ހައިބަވެތި، މުރައްވަތްތެރި ބަޔަކަށް ހެދުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. އާއިޝަތު އަލީ އިތުރަށް ވިދާޅުވީ އެކަންކަމަށްޓަކައި މުދައްރިސުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ތައުލީމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއި ހުނަރާއި މަސައްކަތުގެ އަހުލާގު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން އުނގަންނައިދިނުމުގެ ލައިސަންސް ލިބުމަކީ މުދައްރިސުންނަށް އެރުވޭ ޝަރަފެއް ކަމަށެވެ.

އަހަރުގެ ބޮޑު އީދު ބަންދަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވަނީ ޖުމުލަ 84،000 ދަރިވަރުންނާއެކުއެވެ. އެ ދަރިވަރުންގެ ތެރެއިން 25،000 ދަރިވަރުންނަކީ މާލެ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށާއި ސަރުކާރުގެ 216 ސްކޫލުގައި 73,000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.