ކުޅިވަރު

ޔުވެންޓަސް ކައިރީން ހޯދި ބޮޑު މޮޅާއެކު ފެންވަރު ދައްކާލައި ޗެލްސީ ގަދަ 16 އަށް

މުޙައްމަދު ޝަމްޢޫން

ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި ރޭ އެންމެފަހުގެ ޗެމްޕިއަން ޗެލްސީން ޔުވެންޓަސް ބަލިކޮށްފިއެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ވަރުގަދަ ޔުވެންޓަސްގެ މައްޗަށް ކުރި ހޯދީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޗެމްޕިއަނުންގެ ކުޅުން ރޭގެ މެޗުގައި ފުރިހަމައަށް ފެނިގެން ދިޔަ އިރު، އެ މޮޅާއެކު ޗެލްސީ ގަދަ 16 ޔަގީންކުރީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެނެވެ. ޔުވެންޓަސްއަށްވެސް ފަސް މެޗުން 12 ޕޮއިންޓް ލިބި، ގަދަ 16 ޔަގީންވެފައިވާ އިރު، އެ ގްރޫޕުގެ އެއްވަނަ ޓީމު ޔަގީންވާނީ ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗު ކުޅުމުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ 11 އަށް ރޮމެލޫ ލުކާކޫއާއި މޭސަން މައުންޓް، އަދި ޓީމޯ ވާނާއާއި ކައި ހަވާޓްސްވެސް ކޯޗު ތޯމަސް ޓުޗެލް ނެރެފައެއް ނުވެއެވެ. ލުކާކޫ އާއި ވާނާ އަދި މައުންޓް ވެސް އަނިޔާއިން ރިކަވާ ވަމުން އަންނަ އިރު، މެޗުގެ ދެވަނަ ހާފުގައި ވާނާ އާއި މައުންޓް ފެނިފައިވެއެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ޕާސްތައް ގިނަކޮށް، މެޗު ޑޮމިނޭޓް ކުރަމުން ދިޔައީ ޗެލްސީންނެވެ. އެޓީމުން އެޓޭކިން ގޭމެއްގައި ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު ކުޅުމުގެ ނަތީޖާއެއްގެ ގޮތުން 25 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. ކޯނަރެއްގެ އެހީގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ޓްރެވޯ ޗަލޯބާ އެވެ. ރޭގެ މެޗަކީ ޗެމްޕިއަންސް ލީގު މެޗެއްގެ ފުރަތަމަ 11 އަށް ޗަލޯބާ ނުކުތް ފުރަތަމަ މެޗުވެސް މެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ އިތުރު ދެ ފުރުސަތެއް ވޯޗެކް ޝެޒްނީ މަތަކޮށް ބޭރުކޮށްލި އިރު، ދެވަނަ ހާފުގައިވެސް ޔުވެންޓަސް އަށް ހަމަނޭވައެއް ލާނެ ވަގުތެއް ނުދީ ޗެލްސީން މެޗު ކޮންޓްރޯލް ކުރިއެވެ. ހާއްސަކޮށް ޗެލްސީން ވިންގުން ކުރިއަށް ޖެހި ކުޅެމުން ދިޔަ ދެ ވިންގް ބެކުން ކަމަށްވާ ރީސް ޖޭމްސް އާއި ބެން ޗިލްވެލްގެ ނުރައްކާ ފާހަގަކޮށްލެވުނެވެ. އޭގެ ތެރެއިންވެސް ޖޭމްސް ފެނުނީ ތަފާތު މޮޅު ކޮށެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ޖޭމްސްގެ ހިތްގައިމު ގޯލަކާއެކު ޗެލްސީން ލީޑު ފުޅާކުރި އިރު، އޭގެ އިރުކޮޅެއްފަހުން ކަލުމް ހަޑްސަން އޮޑޯއީގެ ގޯލަކާއެކު ޗެލްސީން ލީޑު އިތުރަށް ފުޅާކުރިއެވެ. އަދި މެޗު ނިމެން ދަނިކޮށް ޗެލްސީން ވަނީ ހަތަރު ވަނަ ގޯލެއްވެސް ޖަހައިފައެވެ. ޔުވެންޓަސްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، އަރިމަތިން ހަކިމް ޒިޔެޗް ނަގައިދިން ހުރަސް ގޯލަށް ވައްދާލީ ވާނާއެވެ.

ރޭގެ ބައްޔަކީ ޔުވެންޓަސްގެ ތާރީހުގައިވެސް ޗެމްޕިއަންސް ލީގު މެޗަކުން ވި އެންމެ ބޮޑު ބައްޔެވެ. ޗެލްސީން ހޯދި ފުރިހަމަ މޮޅުގައި އެޓީމަށް ލިބުނު ހަމައެކަނި މާޔޫސް ކަމަކީ ރޭގެ މެޗުގައި އެންގޯލޯ ކަންޓޭއާއި ބެން ޗިލްވެލްއަށް އަނިޔާވުމެވެ. އެ ދެކުޅުންތެރިންނަށްވެސް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އަނިޔާގެ ތަފުސީލެއް އަދި ނުލިބެއެވެ.