މަޖިލީހުގެ ރައީސް

ނިންމަންޖެހޭ ބިލުތައް އެބަހުރި، މި ދައުރު އަންގާރަ ދުވަހަށް ދެމިގެން ހިނގައިދާނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ މުހިއްމު ބިލުތަކެއް ހުރުމުން އަންނަ ހޯމަ ދުވަހަށް ނިންމަން އޮތް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު އަންގާރަ ދުވަހަށް ދެމިގެން ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ މި ހިނގާ ދައުރު ހޯމަ ދުވަހަށް ނިންމުމަށް ބޭނުންފުޅުވާ ކަމަށާއި، ނަމަވެސް މި ދައުރުގައި ނިންމަން ޖެހޭ މަސައްކަތުގެ ތާވަލަށް ބަލާއިރު ދައުރު ނިންމުމުގެ ކުރިން ނިންމަން ޖެހޭ މުހިއްމު ބިލުތަކެއް އެބަހުރި ކަމަށެވެ.

އޭގެ ތެރެއިން މަދަނީ އިޖުރާއަތުގެ ބިލަކީ، 380 މާއްދާ ހިމެނޭ ވަރަށް ބޮޑު ބިލެއް ކަމަށާއި، އަދި އެހާމެ މުހިއްމު، ފުރިހަމަ ބިލެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެ ބިލަކީ މަޖިލީހުން ނިންމާފައިވާ ލާމަރުކަޒީ ގާނޫނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާއި މަސްވެރިކަމުގެ ގާނޫނާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގާނޫނު ފަދަ ބޮޑު ގާނޫނެއް ކަމަށްވެސް ވިދާޅުވިއެވެ.

ދައުރު ނިންމުމުގެ ކުރިން މަޖިލީހުން ގޮތެއް ނިންމަން ޖެހޭ އިތުރު ބިލުތަކުގެ ގޮތުގައި، މަޖިލިސް ރައީސް ފާހަގަ ކުރެއްވި ބިލު ތަކުގެ ތެރޭގައި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން އެއްގަމު ދަތުރުފަތުރާއި ކަނޑު ދަތުރު ފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލާއި، މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ހިމެނެއެވެ.

އޭގެ އިތުރުން މަޖިލިސް ރައީސް ވިދާޅުވީ، ޖިންސީ ކުށުގެ ގާނޫނަށް ގެނެވޭ ދެ އިސްލާހު އެއް ރިޕޯޓެއްގެ ގޮތުގައި ގުޅުވާލައިގެން އެއަށްވެސް މަޖިލީހުން ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އެއްމެދު އިމާރާތާ ގުޅޭ ބިލާއި، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލާ މެދުވެސް މަޖިލީހުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ މަޖިލިސް ރައީސް ވިދާޅުވީ، އެ އޮތޯރިޓީގެ މަސައްކަތްތައް، ކައުންސިލްތަކާއި، އެހެން ވުޒާރާ ތަކަށް ބެހިގެންގޮސްފައިވާ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ވަނީ ގަރާޖު ސިޓީގެ ކަންތައް ކަމަށާއި ގާނޫނު ތަކަށް މިގެނެވޭ ބަދަލުތަކާ ގުޅިގެން އެކަންތައްވެސް ހައްލު ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މިހާރު މަޖިލީހުގައި ކުރިއަށްދާ 2022 ވަނަ އަހަރުގެ ބަޖެޓުގެ ބަހުސް ނިންމައި މިއަދު ބަޖެޓަށް ވޯޓަށް އައްސަވާނެ ކަމަށެވެ.