ކުޅިވަރު

ރޮނާލްޑޯ އާއި ސަންޗޯގެ ގޯލްތަކުން ޔުނައިޓެޑް ގަދަ 16 އަށް

މުޙައްމަދު ޝަމްޢޫން

ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އެފްގައި ރޭ ކުޅުނު މެޗުގައި ވިލަރެއާލް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

ރޭ ވިލަރެއާލްގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ޔުނައިޓެޑަށް ގަދަ 16 ޔަގީންވީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އޮތް އިރު، އެ ގްރޫޕުގެ ދެވަނައިގައި އޮތް ވިލަރެއާލް އަށް މިހާތަނަށް ލިބިފައި ވަނީ ފަސް މެޗުން ހަތް ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް އެޓްލާންޓާއަށް ފަސް މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

ރޭގެ މެޗަަކީ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި އޮލެ ގުނަ ސޮލްޝެއާ މަގާމުން ވަކި ކުރި ފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އެހެންކަމުން ބެންޗުގައި ޓީމަށް އިރުޝާދު ދޭން ހުރީ ކެއާޓޭކާ ކޯޗު މައިިކަލް ކެރިކެވެ. ކެރިކަކީ ސޮލްޝެއާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ކޯޗެކެވެ. ޔުނައިޓެޑުން ވަގުތީ ކޯޗެއް ހޯދަންދެން ކެއާޓޭކާގެ މަގާމުގައި އިރުޝާދު ދޭނީ ކެރިކެވެ.

ރޭގެ މެޗަށް ކެރިކް ނެރުނު ފުރަތަމަ 11 ގައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކަށް ފުރުސަތު ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ޖޭޑަން ސަންޗޯވެސް ކެރިކްގެ ފުރަތަމަ 11 އަށް ނެރެފައިވާ އިރު، ބްރޫނޯ ފެނާންޑޭޒް ފެށީ ބެންޗުންނެވެ. އެއީ ސޮލްޝެއާގެ ވިސްނުމާ ތަފާތުކޮށް ކެރިކް ނިންމި ނިންމުންތަކެއްކަން ފާހަގަވިއެވެ.

މެޗު ފެށިގެން ނުރައްކާ ކުރީ ވިލަރެއާލްއިންނެވެ. ފުރަތަމަ ހާފް ޑޮމިނޭޓް ކޮށް، އެޓީމުން ވަނީ ހަމަލާތައްވެސް އުފައްދާފައެވެ. ހާއްސަކޮށް ފުރަތަމަ ހާފްގައި ވިލަރެއާލްގެ މަނޫ ޓްރިގޭރޯސް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއްވެސް ހުޝިޔާރު ކަމާއެކު މަތަކުރީ ޑޭވިޑް ޑެހެއާއެވެ.

ދެ ވަނަ ހާފްގައި ޔުނައިޓެޑުން ބަދަލެއްގެ ގޮތުގައި ބްރޫނޯ ފެނާންޑޭސް އާއި މާކަސް ރެޝްފޯޑް ކުޅެން އެރުވި ހިސާބުން އެ ޓީމުގެ ކުޅުން ރަނގަޅުވިއެވެ. އެ ބަދަލުތަކާއެކު ކުޅުން ހުޅުވާލައި، އެޓޭކަށް ސަމާލުކަން ދިން ޔުނައިޓެޑުން މެޗުގެ 78 ވަނަ މިނިޓްގައި ލީޑުވެސް ނެގިއެވެ.

ވިޔަރެއާލްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ޔުނައިޓެޑަށް ގޯލު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޔުނައިޓެޑުން މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޖެހި 10 ގޯލުގެ ތެރެއިން ހަ ގޯލު ޖެހީ ރޮނާލްޑޯއެވެ. ރޭގެ މެޗުގައި އޭނާ ޖެހި ބޯޅަ ގޯލަށް ވައްދާލީ ވިލަރެއާލްގެ ކީޕަރު ޖެރޮއީމޯ ރޫލީ ބޯމަތިން އޮއްސާލައިގެންނެވެ.

ރަނގަޅަށް ކުޅެމުން ދިޔަ ޔުނައިޓެޑުން ކައުންޓާ އެޓޭކުގައި ލީޑު ފުޅާވެސް ކުރިއެވެ. އެ ގޯލް ޖަހައިދިނީ ސަންޗޯއެވެ. އެ ގޯލަކީ ޔުނައިޓެޑް ޖާޒީގައި ސަންޗޯ ޖެހި ފުރަތަމަ ގޯލެވެ. އެ ގޯލު ސަންޗޯއަށް ޖެހުނީ 15 މެޗު ފަހުންނެވެ.