ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، އެތަނުގެ މުވައްޒަފުންނާއި ތަކެއްޗާއި ފައިސާ، ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކޮމިޓީން އެގޮތަށް ފާސްކުރީ އެކަމަށްޓަކައި، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރަން ނިންމައިގެންނެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި 13 މެމްބަރުންގެ ތެރެއިން 11 މެމްބަރަކު ވޯޓު ދެއްވައިގެން އެގޮތަށް ފާސްކޮށް އެކަމަށް މަޖިލީހުން ގޮތެއް ނިންމުމަށް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވައިފައެވެ. އެ އޮތޯރިޓީ އުވާލަން ކޮމިޓީން ފާސްކުރީ ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އެ ފަރާތްތަކާ މަޝްވަރާކުރުމަށްފަހުގައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދުއެވެ. މި ބިލުގައި ބުނެފައި ވަނީ، މިއީ ރާއްޖޭގެ ކަނޑުދަތުރު ކުރުމާއި އެއްގަމު ދަތުރުކުރުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުން ގެންދިޔަ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ އެ އޮތޯރިޓީ އުވާލައި އެތަނުގެ މުވައްޒަފުންނާއި މުދަލާއި ވަސީލަތްތައް މިނިސްޓްރީއަށް ބަދަލުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމާއެކު ގާނޫނު އުވާލުމަށް ހުށަހެޅި ބިލެއް ކަމަށެވެ.
މި ގާނޫނަށް އަމަަލުކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި، ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާ އާއި ވަސީލަތްތަކާއި ދައުލަތުގެ ބަޖެޓުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާ އާއި ގާނޫނީ ގޮތުންނާއި އެއްބަސްވުމުގެ ދަށުން އެ އޮތޯރިޓީއަށް ލިބޭ ހައްގުތަކާއި މަންފާތައްވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުވީ ކަމަށް ވެސް ބުނެފައިވެއެވެ.