ޚަބަރު

އައިއީޑީއެއް ގޮއްވާލަން އުޅުނު އިއުތިސާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މުހައްމަދު އިޝާން

ދެހާސް ސަތާރަ ވަނަ އަހަރު އައިއީޑީއެއް ތައްޔާރުކޮށް، އެ ގޮއްވާލުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މިއަދު އިއުތިސާމް ކޯޓަށް ހާޒިރު ކުރީ އޭނާގެ ބަންދަށް ކުރިން ޖަހާފައިވާ 30 ދުވަހުގެ މުއްދަތު ހަމަވާތީއެވެ. އިއުތިސާމުގެ މައްސަލަ ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ. އެ އަމުރު ނެރުނީ ގާޒީ އަލީ ނާޒިމެވެ.

އިއުތިސާމުގެ އިތުރުން އައިއީޑީއެއް ގޮއްވާލަން އުޅުނު ކަމުގެ ކުށުގެ ދައުވާ ކުރަނީ ހއ. ހޯރަފުށީ ވިދުވަރު، ނާސިއު މުހައްމަދާއި ހދ. ނާވައިދޫ ރިވެލި، ޝިމާން ޝަރީފާއި ހއ. ހޯރަފުށީ އަލަނާސިގޭ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

ފުލުހުން އެމީހުން ހައްޔަރުކޮށް އެމީހުންގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން އޭރު ވަނީ މާލޭގެ ބައެއް ގެތައް ސިފައިންގެ އެހީތެރިކަމާއެކު ބަލައި ފާސްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ސިފައިންގެ އެހީތެރިކަމާއެކު ބަލައިފާސް ކޮށްފައިވަނީ ދައުވާ ކުރެވޭ ފަރާތްތަކުން އައިއީޑީ ތައްޔާރުކުރަން އުޅުނު ކަމަށް ޝއްކު ކުރެވުނު ގެތަކެވެ. އެ ގެތައް ބަލައި ފާސްކޮށް ފުލުހުން ވަނީ އައިއީޑީ އުފައްދަން ބޭނުން ކުރި ތަކެތި ސިފައިންގެ އެހީގައި ގެންގޮސްފައެވެ.

އެމީހުން އައިޑީއެއް ތައްޔާރުކޮށް އެ އައިއީޑީ ގޮއްވާލަން އުޅުނީ މާލޭގައެވެ. އެއީ ކޮންތަނެއްކަން ފުލުހުން ނުބުނެއެވެ.