ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

މިނިސްޓަރު އަސްލަމަށް ޖާބިރު ކުއްތާއަށް ގޮވިކަމަށް ބުނާ މައްސަލައެއް މަޖިލިސް ރައީސްގެ ސަމާލުކަމަށް ގެނެސްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމާ ދިމާލަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުއްތާއަށް ގޮވި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެންނަވައިފިއެވެ.

އެ މައްސަލަ މަޖިލިސް ރައީސްގެ ސަމާލުކަމަށް ގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު އެވެ.

މަޖިލީހުގައި ކުރިއަށް ދިޔަ ސުވާލު ކުރުމުގެ ވަގުތުގައި، ޖާބިރު މިނިސްޓަރާ ސުވާލު ކުރެއްވީ، މަޝްހޫރު ގދ. ތިނާދޫ ބަޣާވާތާ ގުޅިގެން އެރަށުން ބޭލި މީހުންނަށް ދޭނެ އެއްޗަކާމެދު މިނިސްޓަރު އަސްލަމްގެ ވިސްނުން ހުރީ ކޮން ގޮތަކަށްތޯ، އާއި މިހާ ހިސާބަށް އައި އިރު، ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން އެއްވެސް ކަމެއް ކުރައްވާފައި ވޭތޯ އޮޅުން ފިލުވުމަށެވެ.

އޭގެ އިތުރުން ކޫއްޑޫގައި އޮންނަ އެއާޕޯޓާއި ގދ.ވިލިނގިއްޔާ ގުޅުވައިލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދު ވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ޕްލޭނެއް އެބަ އޮތްތޯ އާއި، ވިލިނގިލީގެ ބަނދަރަށް ފަސް އަރައި، ހަލާކުވަމުންދާތީ އަޅުއްވަން ނިންމާފައިވަނީ ކޮން ފިޔަވަޅެއްތޯ އޮޅުން ފިލުވުމަށްވެސް ޖާބިރު ސުވާލު ކުރެއްވިއެވެ. އެ ސުވާލުތައް ނިންމަވައި ލައްވަމުން ހުވަދޫ ބަހުން ޖާބިރު ވިދާޅުވީ، މިނިސްޓަރާ އެ ސުވާލުތައް ކުރެއްވީ ހުވަދޫ ރައްޔިތުން އެދިގެން ކަމަށާއި އެ ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވަން ޖެހިވަަޑައިގަންނަވާ ކަމަށެވެ.

ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަން ފައްޓަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ތިނަދޫން މީހުން ބޭލި މައްސަލައާ ބެހޭގޮތުން ކުރެއްވި ސުވާލަކީ، މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ޒާތުގެ ސުވާލެއް ނޫން ކަމަށެވެ. ދެން އެ ކަމަކީ މީގެ އަހަރުތަކެއް ކުރީން ތިނަދޫގައި ހިނގި ހާދިސާއެއް ކަމަށް އަސްލަމް ވިދާޅުވި ހިސާބުން ޖާބިރު އިންނެވި ގޮނޑިން ތެދުވެވަޑައިގެން ހުވަދޫ ބަހުން އަޑުގަދަ ކުރައްވައި އަސްލަމްގެ ވާހަކަ ކުރިއަށް ނުގެންދެވޭވަރު ކުރެއްވިއެވެ. ނަމަވެސް މައިކު ޖައްސާފައި ނެތުމުން ޖާބިރު ވިދާޅުވަމުން ގެންދެވީ ކޮން ވާހަކަތަކެއް ކަމެއް ސާފެއް ނުވެއެވެ.

ޖާބިރު އިށީންނެވުމަށް މަޖިލިސް ރައީސް ތަކުރާރުކޮށް އަންގަވަމުން ގެންދެވިއެވެ. އެންމެ ފަހުން އަސްލަމް ވިދާޅުވި އެއްޗެއް ޖާބިރަށް އޮޅުންފިލުއްވައި ދެއްވުގެ ގޮތުން ވެސް މަޖިލިސް ރައީސް ވާހަކަ ދެއްކެވިއެވެ.

އެހިސާބުން ނިޒާމީ މައްސަލަ ނަންގަވައި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު ވިދާޅުވީ، "ނިޒާމީ ނުކުތާ ނެގީ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ މެންބަރަކު ކެބިނެޓްގެ ވަޒީރަކަށް ކުއްތާ އަށް ގޮވައިފަ މިތަނުގައި ވާހަކަ ދެއްކެވީމަ އެކަން ރައީސްގެ ސަމާލުކަމަށް ގެނައުމަށް، މަޖިލިހުގެ ގަވާއިދުން އެގޮތަށް މުހާތަބު ނުކުރެއްވޭނެ،" ކަމަށެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ޔައުމިއްޔާ އަށް ވާހަކައެއް އެރުވޭނީ، މައިކުން ވާހަކަ ދެއްކުމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދިނުމުން ކަމަށެވެ. އެގޮތަށް ފުރުސަތު ނާރުވަނީސް އެކިއެކި ބާވަތް ބާވަތުގެ ބޭއަދަބީ ބަސްތައް ބޭނުން ކުރައްވައިގެން މަޖިލިސް ތެރޭގައި މިނިސްޓަރަކާވެސް އަދި އެއް މެންބަރަކު އަނެއް މެންބަރަކާވެސް ވާހަކަ ދެއްކުމަކީ ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށެވެ.