މުޙައްމަދު އަސްލަމް

ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީ 11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ވަނީ ފެށޭގޮތް ނުވެފައި: އަސްލަމް

އިބްރާހިމް ޒަކީ

ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީ، 11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށޭ ގޮތް ވެފައި ނުވާ ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އެ މައްސަލަތައް ކޯޓަށް ހުށަހެޅީ ކޮން ފަރާތަކުންކަން އެނގިވަޑަިނުގަންނަވާ ކަމަށާއި، އެކަން އެނގިވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރަށް ކަމަށެވެ.

މައްސަލަ ކޯޓަށް ހުށަހަޅައިގެން މަސައްކަތް ނުފެށިފައިވާ ރަށްތަކުގެ ތެރޭގައި، އދ. ދިއްދޫ އާއި އެ އަތޮޅު އޮމަދޫ އާއި ގދ. ނަޑެއްލާ އާއި ލ.ހިތަދޫ އާއި އެ އަތޮޅު ކުނަހަންދޫ ގެ އިތުރުން މ. ނަލާފުއްޓާއި އެ އަތޮޅު ރަތްމަންދޫ އާއި ތ.ދިޔަމިނގިއްޔާއި އެއަތޮޅު މަޑިފުއްޓާއި، ގއ. ދެއްވަދޫ އާއި ވ. ރަކީދޫ ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މައްސަލަތައް ކޯޓަށް ހުށަހަޅާފައި ވަނީ، ރައްތަކުގެ މަސައްކަތް، ޓެންޑާ ކޮށްގެން ޓެންޑާ ޕްރޮސެސް ނިމި ސަކްސަސްފުލްވި ޕާޓީ އައިޑެންޓިފައި ކޮށް ބައެއް މަސައްކަތް އެވޯޓުކޮށް ކޮންޓްރެކްޓްގައި ސޮއިކުރަން ތައްޔާރުވެފައި ވަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

"ޓެންޑާ ބޯޑުގެ އުސޫލުތަކުގެ ތެރޭގައި މިހާރު އިނދޭ އަންސަކްސަސްފުލްވާ ބިޑާޒް އަށް، އެމީހުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ސްޓޭންޑްސްޓީލް ޕީރިއަޑުކިޔާ ޕީރިއަޑެއްގެ ތެރޭގައި ހުށަހެޅުމަށް، އެގޮތަށް ހުށަހެޅީމަ އެ މައްސަލަވެސް ނިންމައިފަ އޮއްވައި އެތަނުން ކޮންމެސް އެއް ޕާޓީއަކުން ކޯޓަށް މައްސަލައެއް ލައިފި،" މިނިސްޓަރު ވިދާޅުވިއެވެ.

އެ މައްސަލަތައް ކޯޓަށް ހުށަހެޅުމާ ގުޅިގެން އެ ރަށްތަކުގެ މަސައްކަތް ކުރިއަށް ގެންދަން ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމައްސަލަތައް ނިނުމަކަށް ގެނަސް އެ ރަށްތަކުގެ މަސައްކަތް މިއަހަރު ހަވާލު ކުރަން ބޭނުންވާ ކަމަށާއި އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.