ރިޕޯޓް

ސަރުކާރަށް 3 އަހަރު: ޕެސްޓިސައިޑް ކޮންޓްރޯލުކުރުމާ އެކު ޑިއުޓީ ކަނޑައިލުމުން، ދަނޑުވެރިކަމަށް ހެޔޮ ބަދަލެއް

އަލީ ޔާމިން

ދަނޑުވެރިކަމަކީ، ރާއްޖޭގެ އިގްތިސޯދުގެ އެއް ތަނބެވެ. ދަނޑުވެރިކަމުން އާމްދަނީ ހޯދާ އެތައް އާއިލާއެއް އެކި ރަށްރަށުގައި އުޅޭއިރު، ދަނޑުވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮތީ، ދަނޑުވެރިކަމުގެ ސިނާއަތަށް ވެފައިވާ ބޮޑު އިހުމާލެވެ. ދަނޑުވެރިކަން ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރެވޭނެ މަގު ތަނަވަސްވެފައި ނެތުމެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެޑައިގެންނެވީ ދަނޑުވެރިން ހައްދާ ބާވަތްތަކަށް ހަމަ އަގު ހޯއްދަވައިދެއްވާނޭ ކަމުގެ ވައުދުފުޅާއެކުގައެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ތިން އަހަރު ފުރުނު އިރު ދަނޑުވެރިކަން ކުރިއެރުވުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަކީ، ދަނޑުވެރިންނަށް ލިބުނު ބޮޑު ލުޔެކެވެ. ދަނޑުވެރިކަން ކުރެވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އިދާރީ ގޮތުން ކުރަން ޖެހުނު އެތައް ކަމެއްވެސް ސަރުކާރުން ވަނީ ކޮށްފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުން ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު އެކުުލަވައިލައި ގަވައިދުދުތައް ތަންފީޒުކުރަން ވަނީ ފަށާފައެވެ. އެއާއެކު، ޓޮކްސިސިޓީ ލެވެލް އަށް ބަލައި 120 ބާވަތެއްގެ ޕެސްޓިސައިޑްސް ރާއްޖެ އެތެރެކުރުމަށް ހުއްދަދީ، 134 ބާވަތެއްގެ ޕެސްޓިސައިޑްސް ވަނީ ރާއްޖެ އެތެރެކުރުން ވެސް މަނާކޮށްފައެވެ.

އެގްރޯނެޓާއި އެސްޓީއޯގެ އެގްރިސެންޓަރުން ދިނީ ހައްދާތަކެތި ގަންނާނެ ކަމުގެ ޔަގީންކަން

ދަނޑުވެރިން ހައްދާ ބާވަތްތަކަށް މާކެޓް ހޯދައިދިނުމަށް ޓަކައި، ސަރުކާރުން ވަނީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ ނަމުގައި ކުންފުންޏެއް އުފައްދައި، ދަނޑުވެރިން ހައްދާތަކެތި ގަތުމުގެ މަސައްކަތް އެ ކުންފުނި މެދުވެރިކޮށް ފަށައިފަ އެވެ. އެގޮތުން 587 ދަނޑުވެރިއަކާއެކު ކޮންޓްރެކްޓް ކުރެވި، 178 ދަނޑުވެރިޔަކު ވަނީ ދަނޑު ހެއްދުމުގެ މަސައްކަތް ފަށައިފައެވެ. އަދި ކޮންޓްރެކްޓް ފާމިން މަޝްރޫއުގެ ދަށުން 115 ދަނޑުވެރިޔަކަށް މަސައްކަތް ފެށުމަށް ބޭނުންވާ ސްޓާޓާ ޕެކް ވަނީ ހަވާލުކޮށްފައެވެ. އެގްރޯނެޓުން އަންނަނީ އެ ކުންފުނިން ގަންނަ ދަނޑުވެރިކަމުގެ ބާވަތްތައް ތާޒާކަމާއެކު ރައްކާކުރުމަށް ނުވަ ރަށެއްގައި އެގްރި ސެންޓަރު ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެ ސެންޓަރުތައްވެސް އަންނަ އަހަރު ނިންމުމަށް އެކުންފުނިން ވަނީ އަމާޒު ހިފާފައެވެ.

ދަނޑުވެރިން ހައްދާތަކެއްޗަށް ހަމައަގު ހޯދައިދިނުމަށް އެސްޓީއޯ އިސްވެ އޮވެ ވަނީ އެގްރިސެންޓަރެއް ހުޅުވައި، އެ ސެންޓަރު މެދުވެރިކޮށް ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަން ފަށާފައެވެ. އެގޮތުން މިހާރުވެސްއެ ސެންޓަރުން އަންނަނީ 300 ވުރެ ގިނަ ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ހަދައި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަމުންނެވެ.

ޒަމާނީ ދަނޑުވެރިކަމާ ދިމާލަށް

ދަނޑުވެރިކަން ކުރާ ގިނަ ރަށްރަށަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އެރަށްރަށުގެ ބިންގަނޑު ހަލާކުވުމުގެ މައްސަލައެވެ. ބިން ކުޑަވުމުގެ މައްސަލަ އެވެ. ފެންގަނޑު ލޮނުވުމާއި އެކި ބަލިތައް ގަސްތަކަށް ޖެހުމަކީ ދަނޑުވެރިކަމަށް އޮތް ހުރަހެެކެވެ. އަދި ދަނޑުވެރިކަމަށް އޮތް ބިން ކުޑަވުމަކީވެސް ދަނޑުވެރިކަން އޭގެ އެންމެ އެދެވޭ ގޮތެއްގައި ކުރުމަށް އޮތް ގޮންޖެހުމެކެވެ.

މި ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީ އާއި އާ މެޝިނަރީޒް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރިއެރުވުމެވެ. ތިމާވެށްޓާއި ރައްޓެހި ދަނޑުވެރިކަމެއް ކުރުމެވެ. އެ އަމާޒަށް ވާޒިލު ވުމަށް ސަރުކާރުން ވަނީ، ރ. ފައިނުގައި 10,000 އަކުަފޫޓުގެ ދިހަ ދަނޑެއްގައި ޒަމާނީ ޑްރިޕް އިރިގޭޝަން ސިސްޓަމް ގާއިމުކޮށް ބ. މާޅޮހާއި މ. މުލީގައި ކުުދި ބިންކޮޅުތަކުގައި ދަނޑުވެރިކަން ކޮށްގެން ނަފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ހައިޑްރޯޕޯނިކްސް ސިސްޓަމް ގާއިމު ކޮށްފައެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށް، ދަނޑުވެރިންނަށް އެސްޑީއެފްސީ މެދުވެރިކޮށް 16,273,876 ރުފިޔާގެ ލޯނު ވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި 27 ދަނޑުވެރިއަކަށް ދޫކޮށްފައެވެ. އޭގެ ތެރެއިން 30 ޕަސަންޓް ހާއްސަކުރީ އަންހެން ދަނޑުވެރިންނަށެވެ. މިއީ ވެސް، ދަނޑުވެރިމުގެ ސިނާއަތަށް މި ސަރުކާރުން ދޭ އަަހަންމިއްޔަތު ހާމަވާ ކަމެކެވެ. އެހެންކަމުން ސަރުކާރަށް ތިން އަހަރުވެގެން ގޮސްފައިވާއިރު، ދަނޑުވެރިކަމުގެ ސިނާއަތަށް މިވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ.