ރިޕޯޓް

ސަރުކާރަށް ތިން އަހަރު: ކުދި ވިޔަފާރިތަކަށް ބޮޑު ތިން އަހަރު، ގޮންޖެހުންތަކާ އެކުވެސް މިނިމަމްވޭޖަށް ތާރީހީ ފެށުމެއް

ވިޔަފާރިތަކަށް ދަތި ކުރާ ވާހަކައާއި ތަކެތީގެ އަގު މައްޗަށްދާ ވާހަކައެވެ. ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ނެތް ކަމުގެ ކަންބޮޑުވުންތަކެވެ. ވަޒީފާގެ ފުރުސަތުތައް ނެތި ޒުވާނުން މަގުމަތިވާ ކަމާއި ކުދި ވިޔަފާރިތަކަށް ސަރުކާރުން އަޅައިނުލާ ކަމުގެ ފާޑުކިޔުމެވެ. މިއީ މިދިޔަ ކޮންމެ ސަރުކާރެއްގައިވެސް ދައްކާ އެއް ވާހަކަތަކެކެވެ. އަމާޒުވާ ފާޑުކިޔުންތަކާއި ކަންބޮޑުވުންތަކެވެ. ނަމަވެސް އެ ކަންބޮޑުވުންތަކަށް މިދިޔަ ތިން އަހަރުގެ ތެރޭގައި ބޮޑު ބަދަލެއް ގެނެވިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ހިސާބުތަކުން ކިޔައިދެނީވެސް އެއް ވާހަކައެކެވެ.

ކާޑުގެ އަގުތައް އެއްހަމަކޮށް, މިނިމަމް ވޭޖުން އުފާވެރިކަން

ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މާލެއެކޭ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އަތޮޅުތެރެ ބާކީ ނުކުރާނެ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ނިންމެވި ބޮޑު ނިންމެވުމެކެވެ.

ކުރީއްސުރެ ސަރުކާރުން ހަމަޖައްސާފައި އޮންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެންދާ ކާޑުގެ ބާވަތްތަކަށް ނާލުގެ ގޮތުގައި ވަކި ވަރެއް، ވިޔަފާރިވެރިންނަށް ނެގޭ ގޮތަށެވެ. އެހެންކަމުން މާލެއާ ދުރު އަތޮޅުތަކުގެ ރަށްރަށުގައި ކާޑު ވިއްކާ އަގު މާލެއާ ކައިރި ސަރަހައްދަށް ބޮޑުވެއެވެ.

ނަމަވެސް ސަރުކާރުން އޭޕްރިލް 2019ގައި ނިންމި އެ ނިންމުމާއެކު ކާޑުގެ ބާވަތްތަކަށް އެސްޓީއޯ އިން ނާލު ދޭން ފެށިއެވެ. ނަތީޖާއަކަށް ވީ ރަށްރަށުގެ މީހުންނާއި ވިޔަފާރިވެރިންގެ ޖީބަށްވެސް ލުޔެއް ލިބުމެވެ. ރަށްރަށުގެ މީހުން ކާޑަށް ކުރާ ހޭދަ ކުޑަވިއެވެ.

ދެން އޮތީ މިނިމަމް ވޭޖުގެ ވާހަކައެވެ. އެ ވާހަކަ ދައްކާތާ އެތައް އަހަރެއް ވެފައިވާ ކަމެކެވެ. މިވެރިކަމުގެ އެންމެ ބޮޑު އެއް ވައުދަކީވެސް އެއީއެވެ. އެ ވައުދު ފުއްދައި, މުވައްޒަފަކަށް ދެވޭނެ އެންމެ ދަށް އުޖޫރައަކީ 4,500 ރުފިޔާ ކަމަށް އިއުލާނުކުރީ އިހައްދުވަހަކު އެވެ. މިއީ ކުދި ޖަޒީރާ ގައުމުތައް އަދި ސަރަހައްދީ ގައުމުތަކާ އަޅައި ބަލާއިރުވެސް ނިސްބަތުން ތަނަވަސް ވޭޖެއް ކަމަށް ސަރުކާރުން ބުނެއެވެ.

މިނިމަމް ވޭޖް އެކި ބޭންޑް ތަކަށް ބަހައިލުމުން އެކި ދާއިރާއަކުން އެންމެ ދަށް މުސާރައިގެ ގޮތުގައި ދެވޭނެ ވަރު ތަފާތެވެ. މިނިމަމް ވޭޖުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 16,000 ދިވެހިންގެ ތެރެއިން 13,000 މުވައްޒަފުންނަށާއި ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5,100 މުވައްޒަފުންނަށް ފައިދާކުރާނެއެވެ. އަދި އެ ނޫންވެސް ގިނަ ކެޓަގަރީތަކަށް ހެޔޮ ބަދަލެއް އަންނާނެ އެވެ.

އެސްޑީއެފްސީން ބިލިއަން ރުފިޔާ ދޫކުރި, ކުދި ވިޔަފާރިތަކަށް ފާގަތި ތިނެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފައްދައި, ކުރިއަރުވައި, ކޮޅަށް ޖެހުމަކީ މި ސަރުކާރުގެ ވަރުގަދަ އަމާޒެކެވެ. އެކަމަށް ޓަކައި ރާއްޖޭގެ ފުރަތަމަ އެސްއެމްއީ ބޭންކު އުފެއްދިއެވެ. އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އެވެ. މިދިޔަ ތިން އަހަރު ތެރޭގައި އެ ބޭންކުން ދޫކުރި ފައިސާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޭ ސަމާލުކަން ވަރަށްވެސް ސާފެވެ.

އެގޮތުން މިދިޔަ ތިން އަހަރު ތެރޭ އެސްޑީއެފްސީން 893 ޕްރޮޖެކްޓަކަށް އެއް ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑުބައެއް ދޫކޮށްފައި ވަނީ ވިޔަފާރިތަކަށެވެ. އެއީ 366 ވިޔަފާރިއަކަށް 316 މިލިއަން ރުފިޔާއެވެ. އެއަށްފަހު ފަތުރުވެރިކަން އަދި މަސްވެރިކަމެވެ. އަދި މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ 42 ޕަސެންޓަކީ އަންހެނުންނާއި ޒުވާނުން ހިއްސާވާ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކެވެ.

ދުރުރާސްތާގެ އިގްތިސޯދީ ތަރައްގީ ހާސިލުކުރުމަށް ޓަކައި، އިގްތިސޯދު އެއް ސިނާއަތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ ނޫ އިގްތިސޯދީ ސިޔާސަތުގެ ތެރެއިން ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.

އެ މަސައްކަތުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދޭން ސަރުކާރުން ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އުފެއްދިއެވެ. އެ ސެންޓަރުން 1978 ވިޔަފާރިއަކަށް ކޮންސަލްޓަންސީ އަދި 1663 ވިޔަފާރިއަކަށް ތަމްރީން ޕްރޮގްރާމް ހިންގާފައިވެއެވެ. އަދި ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް 115 ވިޔަފާރިއަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވެއެވެ.

އޭގެ އިތުރުން ހޯމް ބޭސްޑް ވޯކާސް ނުވަތަ ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންނަށް ވިޔަފާރިކުރެވޭނެ މަގުވެސް ފަހިކޮށްދީ ރާއްޖޭގެ ފުރަތަމަ ކޯވޯކިން ސްޕޭސް ސީޑް ވެސް އުފެއްދީ މި ސަރުކާރުންނެވެ. މި ތިން އަހަރު ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގެނެސްދިން މި ފާގަތިކަމުގެ އެންމެ ބޮޑު ހެއްކަކީ 9900 ވިޔަފާރި އަލަށް ރަޖިސްޓްރީކުރުމެވެ.

8000 އަށްވުރެ ގިނަ ވަޒީފާ އަލަށް އުފެއްދި, ވަޒީފާ ހޯދަންވެސް އެހީވި

ވަޒީފާގެ ބާޒާރުގައި ބިދޭސީން އިތުރުވެ, ދިވެހިންގެ އަމިއްލަ ފަސްގަނޑުގައި މަގުމަތިވެ ނުދިނުމަށް މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިއެވެ. އެންމެ ބޮޑު އެއް ކަމަކީ ބަންގްލަދޭޝް އިން މީހުން ގެނައުން މަޑުޖައްސާލައި, ވަޒީފާ ނެތް ދިވެހިންނަށް ވަޒީފާ ލިބޭނެކަން ކަށަވަރު ކުރުމެވެ. ދިވެއްސަކު ހުއްޓައި, ބިދޭސީއަކަށް އެ ވަޒީފާ ނުދިނުމަށް ބާރު އެޅިއެވެ.

އެގޮތުން ނޮވެމްބަރު 2019ގައި އިފްތިތާހުކުރި ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ނުކުރާ ކުންފުނިތަކަށް ކޯޓާ އާއި ވޯކް ޕާމިޓް ދޫ ނުކުރާން ނިންމިއެވެ. އަދި މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ޕޯޓަލްގައި 1036 ކުންފުނި ރަޖިސްޓްރީކޮށް, 38150 ޔުނިކް ޔޫޒާސް އެ ޕޯޓަލް ބޭނުންކުރަން ފެށިއެވެ.

ނަތީޖާއަކަށް ވީ މިދިޔަ ތިން އަހަރު ތެރޭ 8000 އަށްވުރެ ގިނަ ވަޒީފާ އުފެއްދުމެވެ. ހާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުން ދިވެހިންނަށް ވަޒީފާތައް ހާއްސަކުރަން ފެށިއެވެ. އެގޮތުން މިދިޔަ ތިން އަހަރު ތެރޭގައި ސަރުކާރު ކުންފުނިތަކުން އެކަނިވެސް 4000 އާ ވަޒީފާ ދިވެހިންނަށް ދީފައިވެއެވެ. އެތައް ދިވެހި އާއިލާއެއް މަގުމަތި ނުވެ, ކައިގެން ބޮއެގެން އުޅުމުގެ ފުރުސަތު ދިނެވެ. އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން ފަހުރުވެރި އާއިލާއެއް ބިނާ ކުރަން ފެށިއެވެ.