ޚަބަރު

ޓަގު ބޯޓުގެ މައްސަލައިގައި 42 މިލިއަން ރުފިޔާ އެމްޕީއެލްއިން ދައްކާކަށް ނުޖެހޭނެ: ސުޕްރީމް ކޯޓު

މުހައްމަދު އިޝާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޓަގު ބޯޓެއް ބަންނަން ސެންޓަ އެންޓަޕްރައިސަސް ކުންފުންޏަކާ ހަވާލުކުރި މައްސަލާގައި، ބޯޓު ބެލެހެއްޓުމުގެ އަގުގެ ގޮތުގައި 42 މިލިއަން ރުފިޔާ އެމްޕީއެލް އިން ދައްކަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެމްޕީއެލް އާއި ސެންޓާ އެންޓަޕްރައިސަސްއާ ދެމެދު 17 ބޮލާޑް ޕުލް ޓަގު ބޯޓު ބަނދެ، ސަޕްލައި ކޮށްދިނުމަށް 18 ސެޕްޓެންބަރު 2008 ގައި އެއްބަސްވުމެއް ހެދިއެވެ. އެކި ސަބަބުތަކާ ހުރެ ޓަގު ބޯޓު ބަނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތްތައް ހުއްޓިފައި ވަނިކޮށް، ބެލެހެއްޓުމެއް ނެތި ތިލަފުށީ އަތިރިމަތީގައި ޓަގު ބޯޓު ދިގު މުއްދަތެއް ވަންދެން އޮވެއްޖެ ނަމަ، އޭގެ ސުޕާ ސްޓްރަކްޗާ އަދި ހަލްގެ ކޮލިޓީ ގެއްލި، ދަބަރު ޖަހައި ވީރާނާ ވެދާނެ ކަމަށް ގަބޫލުކުރެވިގެން، ވަކިން އަގު ދައްކަމުންދާ ގޮތަށް އެ ޓަގު ބޯޓު ބެލެހެއްޓުމުގެ މަސައްކަތް ސެންޓާ އެންޓަޕަރައިސަސް އިން ކޮށްދިނުމަށް އެމްޕީއެލްއިން އެދިފައިވާ ކަމަށް ބުނެ، ސެންޓަ އެންޓަޕަރައިސަސްއިން 2013 މޭ އެއް ވަނަ ދުވަހުން ފެށިގެންއެ ޓަގު ބޯޓު ބެލެހެއްޓުމުގެ ހިދުމަތުގެ އަގު ހޯދުމަށް އެމްޕީއެލް އަށް ދެ އިންވޮއިސް ފޮނުވާފައިވެއެވެ.

ފުރަތަމަ އިންވޮއިސް އަކީ 2013 މެއި މަހުން ފެށިގެން 2013 ޑިސެމްބަރު މަހުގެ ނިޔަލަށް ޓަގު ބޯޓު ބެލެހެއްޓުމުގެ ހަރަދަށް 11,641,330.64 ރުފިޔާ ދޭން ޖެހޭ ކަމަށް ބުނެ ހުށައެޅި އިންވޮއިސް އަކާއި، 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2014 ޑިސެމްބަރު މަހުގެ ނިޔަލަށް ޓަގު ބޯޓު ބެލެހެއްޓުމުގެ ހަރަދަށް 13,343,754.62 ރުފިޔާ ދޭން ޖެހޭ ކަމަށް ބުނެ ހުށައެޅި އިންވޮއިސްއެކެވެ. އިންވޮއިސްއަށް ހަތް ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް އިންވޮއިސްގައިވާ އަދަދުގެ ދެ ޕަސަންޓު ޖޫރިމަނާ ވާނެ ކަމަށް ކޮންމެ އިންވޮއިސްއެއްގައި ބަޔާންކޮށްފައިވެއެވެ.

ސެންޓަ އެންޓަޕްރައިސަސް އިން ފޮނުވި އިންވޮއިސްތަކަށް އެމްޕީއެލްއިން ހަވާލުވި ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަންގައިގެން ކަމަށް ބުނެ އެމްޕީއެލްއިން ފައިސާ ދައްކާފައި ނުވާތީ ފޯރުކޮށްދިން ހިދުމަތުގެ އަގު ހޯދުމަށް ފޮނުވި އިންވޮއިސްތަކުގެ ޕްރިންސިޕަލް އަދަދާއި ޖީއެސްޓީ ޖޫރިމަނާއާ އެކު، ޖުމުލަ 42,770,054/71 ރުފިޔާއަކީ އަކީ އެމްޕީއެލް އިން ދައްކަން ޖެހޭ ފައިސާ ކަމުގައި ކަނޑައަޅައިދިނުމަށާއި، އެ ފައިސާ އެމްޕީއެލް ގެ ކިބައިން ނަގައި ދިނުމަށް އެދި ސިވިލްކޯޓަށް ސެންޓަ އެންޓްޕްރައިސަސްއިން މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލަ ބެލުމަށްފަހު ސވިލްކޯޓުން ހުކުމްކުރީ ސެންޓަ އެންޓަޕްރައިސަސްއާ އެއްކޮޅަށެވެ. އެ ހުކުމް އެމްޕީއެލްގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. ހައި ކޯޓުގެ އެ ހުކުމް ވެސް އެމްޕީއެލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

މިއަދު ސުޕްރީމްކޯޓުގައި އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމެވެ. ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ ސެންޓަ އެންޓްޕްރައިސަސް އަށް އެމްޕީއެލްއިން ފައިސާ ދައްކަން ނުޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރީ ޓަގު ބޯޓުގެ ބަނުމުގެ މަސައްކަތް ހުއްޓުވީ އޭސީސީއިން ކަމަށް ސެންޓަ އެންޓަޕްރައިސަސް އިން ބުނި ނަމަވެސް އޭސީސީ އިން ފޮނުވި ރިޕޯޓުގައި އޮތީ ގަވާއިދާ ހިލާފަށް އެމްޕީއެލް އިން ފައިސާ ދޫކުރަން އުޅޭތީ ސެންޓަ އެންޓްޕްރައިސަސްގެ ފަރާތުން ޓަގު ބޯޓުގެ މަސައްކަތް ފުރިހަމަ ކުރަމުން އަންނަ ވަރަކަށް ފައިސާ ދޫކުރުމަށް ކަމަށް ޝަރީއަތަށް ހުށަހެޅުނު ރިޕޯޓުން އެނގޭތީއެވެ.

ބޯޓު ބަނުމުގެ މަސައްކަތް ހަވާލު ކުރީ ސެންޓަ އެންޓަޕްރައިސަސްއާ ކަމަށްވާތީ މަސައްކަތް ހިނގާ މުއްދަތުގައި ބޯޓު ބެލެހެއްޓުމަކީ އެ ކުންފުނީގެ އަމިއްލަ ޒިންމާއެއް ކަމަށް ވެސް ހުކުމުގައި ބުންޏެވެ. މީގެ އިތުރުން ޓަގު ބޯޓުގެ މަސައްކަތް ނުނިމެނީސް، އެ ޓަގު ބޯޓު ބެލެހެއްޓުމުގެ ޒިންމާ އެމްޕީއެލްއިން އުފުލަން ނުޖެހޭނެ ކަމަށާއި އެހެންވެ، ޓަގު ބޯޓު ބެލެހެއްޓުމުގެ ހަރަދަށް އެމްޕީއެލް އިން ޒިންމާވާން ނުޖެހޭނެ ކަމަށް ވެސް ހުކުމުގައި ބުންޏެވެ.

މީގެ އިތުރުން ޓަގު ބޯޓު ބެލެހެއްޓުމުގެ ހަރަދަށް ޒިންމާ ވާނެ ކަމަށް ބުނެ އެމްޕީއެލްގެ ފަރާތުން އެއްބަސްވެފައިވާ ކަން އެނގެން ނެތް ކަމަށާއި އެމްޕީއެލްގެ މުވައްޒަފަކު ފޮނުވާފައި އޮތް ސިޓީއަކަށް އެކަނި ބިނާކޮށް، އެކަމަށް އެމްޕީއެލް ޒިންމާ ނުކުރެވޭނެ ކަމަށާއި ޓަގު ބޯޓު ބެލެހެއްޓުމުގެ އަގުގެ ގޮތުގައި ސެންޓައެންޓަ ޕްރައިސަސްއިން ހޯދަން އެދުނު އަދަދަކީ ބޯޓުގެ އަސްލު އަގަށް ވުރެ މާ ބޮޑު އަދަދެއް ކަމަށާއި އެއީ ކިހިނެއް ހިނގި ހަރަދެއް ކަން އެނގެން ނެތް ކަަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުންޏެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ބެންޗުގައި ތިއްބެވީ، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދު އެވެ.