ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުމުރުން ދުވަސްވީ މީހެއްގެ އަތުން ފޭރުނު މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައިގައި ފޭރުމުގެ ހާދިސާ އަމާޒުވި މީހާ، އެމީހާގެ ފޯނާއި ވޮލެޓު ފޭރިގަތް ދުވަހު ކަން ހިނގައިދިޔަ ގޮތް ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ވީޑިއޯގައި އޭނާ ކިޔައިދޭ ގޮތުގައި މީހާކު އައިސް އޭނާގެ ގައިގައި ކޮށްޓާލުމަށްފަހު ފޯނާއި ވޮލެޓު ފޭރިގަތުމަށްފަހު އޭނާ ކޮށްޕާލީ ކަމަށެވެ. ކޮއްޕާލުމުގެ ސަބަބުން ފާރެއްގެ ކަނެއްގައި ޖެހުމުން އޭނާގެ ކަނާއަތަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދެއަކުން އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެއްގެ ފޯނާއި ވޮލެޓު ފޭރުނު މައްސަލައެއް މިދިޔަ ބުދަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މިމައްސަލަ އާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
އޮފިސަރު ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅިގެން ދެވަނަ ފޭސްގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފުލުހުންނާއި ސިފައިންނަށް އަދި ސަރުކާރަށްވެސް ފާޑު ކިޔާފަ އެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އަލަށް އާބާދުވަމުން އަންނައިރު މިފަދަ ނުރއްކާތަކާއި ބިރުވެރިކަމުން އާންމު ރައްޔިތުން ރައްކާތެރި ކުރުމަށް އެމީހުން ވަނީ މުއައްސަސާތަކަށް ގޮވާލާފަ އެވެ.
އުމުރުން ދުވަސްވީ މީހާގެ އަތުން ފޭރިގެންފައި އެމީހާ ކޮށްޕާލުމުގެ ސަބަބުން ވެއްޓި ކަނާތުގެ ބޮޑު ބައެއް ނޫފައިގަނެ، ކޮނޑު ކައިރިން ތަންކޮޅެއް ވަނީ ކަނޑައިގެން ގޮސްފައެވެ. އޭނާ ބުނީ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން ހޮސްޕިޓަލަށް ގޮސްފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު