ވިހެއުމާ ގުޅިގެން އަންހެން ބޭފުޅުންނަށް ހަމަސް ދުވަހުގެ ޗުއްޓީ ދިނުމަށާއި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެން ބޭފުޅުންނަށް ދެވޭ އެއްމަސް ދުވަހުގެ ޗުއްޓީ ފަނޑިޔާރުންނަށް ވެސް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވައިފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބުދުﷲ ޝަހީމް އަބްދުލް ހަކީމް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ބިލެކެވެ.
މި ބިލުގައި ބުނެފައި ވަނީ، ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިޔަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުން ކަމަށެވެ. ވިހެއުމާ ގުޅިގެން ނުވަތަ ދަރިޔަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްގު ކޮންމެ ފަނޑިޔާރަކަށް ވެސް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.
ޗުއްޓީގެ ގޮތުގައި އަންހެން ފަނޑިޔާރުންނަށް ލިބިދެވޭނީ ހަ މަސްދުވަހުގެ ޗުއްޓީ ކަމަށާއި، ފިރިހެން ފަނޑިޔާރުންނަށް ލިބިދެވޭނީ އެއް މަސްދުވަހުގެ ޗުއްޓީ ކަމަަށްވެސް ބުނެފައިވެއެވެ.
އެ ޗުއްޓީ ތަކަކީ މުސާރަ ލިބޭ ގޮތަށް ދެވޭ ޗުއްޓީތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
އެ ޗުއްޓީގެ އިތުރުން މާބަނޑު ވުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލިބިދޭ އެހެނިހެން ޗުއްޓީ ލިބުމުގެ ހައްގު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ހައްގުވެފައިވާ ފަނޑިޔާރަކު ވާނަމަ، އެ ފަނޑިޔާރަކަށް ޗުއްޓީ ދިނުމުގައި އަމަލު ކުރާނީ މި ގާނޫނުގައި ކަނޑައަޅާ އުސޫލުގެ ދަށުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. ވިހެއުމާ ގުޅިގެން އަންހެން ބޭފުޅުންނަށް ހަމަސް ދުވަހުގެ ޗުއްޓީ ދިނުމާއި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެން ބޭފުޅުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ރައީސްގެ ވައުދު ފުއްދެވުމުގެ ގޮތުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ފަނޑިޔާރުން ފިޔަވައި އެހެން ފަރާތްތަކަށް ސަރުކާރުން ގެންދަނީ މި ޗުއްޓީ ހަމަޖައްސައިދެމުންނެވެ.
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ