ދެ ޖިންސުގެ ނާޒުކު ކަމަށް އިހުތިރާމުކުރާ މީޑިއާ މާހައުލަކަށް މީހުން ތަމްރީނު ކުރަން ހާއްސަ ވޯކްޝޮޕެއް ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީ އާ ގުޅިގެން އައްޑޫ ވިމެންސް އެސޯސިއޭޝަން އިން އިންތިޒާމު ކޮށްގެން އިއްޔެ ފެށި އެ ވޯކްޝޮޕަކީ މުޖުތަމައުގެ ތެރޭގައި ދެ ޖިންސުގެ ވިސްނުން ބަދަލުކުރުމާއި، މީޑިއާގައި ހަމަހަމަކަމާއެކު ދެ ޖިންސުގެ ބައިވެރިވުން އިތުރުކުރުވުމާއި، ޑިޖިޓަލް މީޑިއާ އާއި ފިލްމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މީހުން ތަމްރީނު ކުރަން ފެށި ވޯކްޝޮޕެކެވެ.
އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ވޯކްޝޮޕުގައި ރަޖިސްޓްރީވުމަށް އާންމުކޮށް ހުޅުވާލި އިރު، ވޯކްޝޮޕުގައި 33 މީހަކު ބައިވެރިވެއެވެ. އެންމެންނަކީވެސް ދިވެހިންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ކޮމިއުނިކޭޝަން އަދި މީޑިއާ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ މީހުންވެސް ހިމެނެއެވެ.
ޔުނެސްކޯ އާއި އިންޓަނޭޝަނަލް ޕްރޮގްރާމް ފޮ ދަ ޑިވެލޮޕްމަންޓް އޮފް ކޮމިއުނިކޭޝަން (އައިޕީޑީސީ) ފަންޑުކޮށްގެން ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި ކިޔަވައިދިނުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ޓްރެއިނަރުން ތަމްރީނު ކޮށްފައެވެ.
އެބޭފުޅުންނަކީ ވަން މީޑިއާ ގްރޫޕުގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދާއި އޭއޯ ނިއުސްގެ ފައުންޑަރު ޝިމްލާ އަހުމަދާއި ވެސްޓް އޮސްޓްރޭލިއަން މޯލްޑިވިއަން އެސޯސިއޭޝަންގެ ހަޒާންދާރު މޫސާ ރައްޔާން ޝާހިދުގެ އިތުރުން ޕަބްލިކް ރިލޭޝަންސް ތަޖުރިބާކާރު ޝައުފާ ހުސައިނެވެ.
އޭގެ އިތުރުން އިއްޔެ ފެށި ވޯކްޝޮޕުގައި އިންޑިއާގެ ތިން ޕްރޮފެސަރުން ކަމަށްވާ ޕްރޮފެސަރު އަމްބްރިޝް ސަކްސޭނާ އާއި ޕްރޮފެސަރު ޖައިޝްރީ ޖެތުވާނޭ އަދި ސީމާ ގޮޔާލްވެސް ވޯކްޝޮޕްގެ ބައިވެރިންނަށް ބައެއް ސެޝަންތައް ނަންގަވައިދެއްވާނެއެވެ.
މާލޭގައި ފެށި ވޯކްޝޮޕަށްފަހު، އައްޑޫގައިވެސް މިފަދަ ވޯކްޝޮޕެއް ބާއްވަން ވަނީ ނިންމައިފައެވެ. އެ ވޯކްޝޮފް ބާއްވަން ނިންމާފައިވަނީ އަންނަ އަހަރު ކުރީކޮޅެވެ.